ސްޕެއިންގެ ކްލަބް ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ އަކީ ރަނގަޅު މިސާލެއް ކަމަށް ޖަރުމަންގެ ބޮރޫސިއާ ޑޯޓްމުންޑްގެ ފޯވާޑް މާކޯ ރެއުސް ބުނެފި އެވެ.

އެންމެ ފަހުގެ ޖަރުމަން ލީގުގެ ޗެމްޕިއަން ޑޯޓްމުންޑް އާއި ލީގުގެ އެއްވަނާގައި އޮތް ބަޔާން މިއުނިކް އާއި ދެމެދު މިހާރު ބާރަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ. މިސީޒަންގައި ޑޯޓްމުންޑުން ކާމިޔާބު ހޯދަން ބޭނުންނަމަ، މެސީ ކުރަމުންދާ ފަދަ ކަންތައްތައް ކުރަން ޖެހޭ ކަމުގައި ރެއުސް ބުނެފައި ވެއެވެ.

"މެސީ އަކީ ރަނގަޅު މިސާލެއް. އޭނާ ރަނގަޅު މެޗުތަކެއް ކުޅެ، ލަލީގާގައި އާންމު ގޮތެއްގައި ގިނަ ގޯލްތަކެއް ކާމިޔާބުކުރޭ. އަހަރެމެން ވެސް އެކަން ކުރަން ޖެހޭ. އަހަރެމެންނަށް ކޮންމެ ހަފްތާއަކު އެކަންތަކެއް ނުކުރެވޭ. އަހަރެމެންނަކީ މެޝިންތަކަކަށް ނުވުމުން ކުށްތަކެއް ހެދޭ. އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ފުރަތަމަ ކޮޅު ރަނގަޅު ކުޅުމެއް ނުދެއްކުނު ކަން. ނަމަވެސް އެކަންތައް މަތިން ހަނދާން ކުރުމަކީ ރަނގަޅު ގޮތެއް ނޫން." އުމުރުން 23 އަހަރުގެ ރެއުސް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔޫކްރޭންގެ ޝާހްތަރް ޑޮނެސްކް އާއި ދެކޮޅަށް ޑޯޓްމުންޑް އަންނަ މަހު ނުކުންނަން ޖެހޭއިރު، ޝާހްތަރަކީ ވަރުގަދަ ޓީމެއް ކަމަށް ރެއުސް ގަބޫލުކުރެ އެވެ. "އެގައުމުގެ ފިނިހޫނުމުން ހުންނާނީ -20 ޑިގްރީސް ގައި. ހަމަ ޔަގީނުން ވެސް އެ ޓީމަކީ ވަރުގަދަ ޓީމެއް. އަނެއް ކޮޅުން އެމީހުން ބޭނުންވީ ޑޯޓްމުންޑް ފިޔަވާ ކޮންމެވެސް އެހެން ޓީމަކާއި ބައްދަލު ކުރަން. އަހަރެމެން ވާނީ ޔޫރަޕްގައި އިހްތިރާމް ހޯދާފައި،" ރެއުސް ބުންޏެވެ.

ޖަރުމަން ލީގުގައި އަންނަ ހޮނިހިރު ދުވަހު ޑޯޓްމުންޑް ނުކުންނަން ޖެހޭނީ ލީގުގެ ބާރަ ވަނާގައި އޮތް ވާޑަރ ބްރެމެން އާއި ދެކޮޅަށެވެ. ޑޯޓްމުންޑް މިވަގުތު އޮތީ ލީގުގެ ތިންވަނާގަ އެވެ. އެއް ވަނާގައި ބަޔާން އޮތްއިރު، ދެ ވަނާގައި އޮތޯ ބަޔާން ލެވަކޫސަން އެވެ.