15 Jan 2013, 12:57
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ގާނޫނީ ވަކީލު އަދި ޖުމްހޫރީ ޕާޓީގެ ލީގަލް އެންޑް ޕޮލިސީ ކޮމެޓީގެ މެންބަރު ނ. ވެލިދޫ އެލްޕާސޯ، މުހަންމަދު ހަލީމް އަލީ އެ ކޯޓަށް ހުށަހެޅުއްވި އެ މައްސަލައިގެ ޝަރީއަތް ކެންސަލް ކުރީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ބޭފުޅަކު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
މައްސަލަ ހުށަހެޅުއްވި ހަލީމް ވިދާޅުވީ އާޒިމާއި ނާޝިދުގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ ކަމަށެވެ.
ނާޝިޒާއި އާޒިމްގެ ގޮޑިއާ މެދު ސުވާލު އުފެދުނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ފެބްރުއަރީ 7، 2010ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ އެ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގި އިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފަ އިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.