ބޭޭރު ޖަލުތަކުގައި ތިބި ދިވެހި ކުށްވެރިން ރާއްޖެ އަށް ބަދަލުކޮށްގެން އެ މީހުންގެ ހުކުމް ތަންފީޒު ކުރާނެ ގޮތުގެ ގާނޫނެއް ހަދާފައި ނެތުމުން އެ ގައުމުތަކުގެ ޖަލުތަކުގައި 11 ދިވެއްސަކު ހައްޔަރުވެފައި އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ބޭރުގެ ގައުމުތަކުގައި ހައްޔަރުކޮށްފައި ތިބި ދިވެހިންގެ ތެރޭގައި ހިމެނެނީ މަރުގެ މައްސަލައެއްގައި ހޮންކޮންގުގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހަކާއި މަސްތުވާތަކެތީގެ މައްސަލައެއްްގައި އިޓަލީގެ ޖަލެއްގައި ހުކުމް ތަމްފީޒު ކުރަމުން އަންނަ މީހަކާއި މަސްތުވާ ތަކެތީގެ މައްސަލައެއްްގައި ސީރިއާގެ ޖަލެއްގައި ހުކުމް ތަމްފީޒު ކުރަމުން އަންނަ ދެ މީހަކާއި މަސްތުވާ ތެކެތީގެ މައްސަލައެއްގައި ސްރީލަންކާގެ ޖަލެއްގައި ހުކުމް ތަމްފީޒު ކުރަމުން އަންނަ އަންހެނެއްގެ އިތުރުން ޗެންނާއީގެ ޖަލެއްގައި ހުކުމް ތަމްފީޒު ކުރަމުން އަންނަ މައްސަލަ މުޅިން ސާފުނުވާ މީހަކާއި މަސްތުވާ ތަކެތީގެ މައްސަލައިގައި އިންޑިއާގެ ބެންގަލޯ ޖަލުގައި ތިބި ދެ މީހެކެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައިގައި ޓްރިވެންޑަރަމްގައި ހައްޔަރު ކޮށްފައިތިބި ދެ މީހުން ހިމެނެ އެވެ.

އޭގެ އިތުރުން ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް މިހާތަނަށް ސާފުނުވާ ހަތަރު މީހަކު ވަނީ ދާދި ފަހުން މެލޭޝިއާގައި ވެސް ހައްޔަރު ކޮށްފަ އެވެ.

ޕާސްޕޯޓް ނެތިގެން ވެސް ދާދިފަހުން ދިވެހި ކިޔަވާ ކުއްޖަކު ވަނީ މެލޭޝިއާގައި ހައްޔުރުކޮށް އެތައް ދުވަހެއް ވަންދެން ބަންދުގައި ބަހައްޓާފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލާފައި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ސަންއަށް މިއަދު ވިދާޅުވީ ބޭރު ގައުމުތަކުގެ ޖަލުތަކުގައި ދިވެހިންގެ އެތައް ބަޔަކު ހައްޔަރުކޮށްފައި ތިބި މައްސަލައަކީ އެ މިނިސްޓްރީން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މީހުން ރާއްޖޭގެ ޖަލުތަކަށް ބަދަލުކުރެވޭތޯ މިހާތަނަށް މިނިސްޓްރީ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުން ސްރީލަންކާ އާ އިންޑިއާ އާ ދެމެދު ވެސް ރާއްޖެ އިން ވަނީ ކުށްވެރިން ބަދަލު ކުރުމާ ބެހޭ އެއްބަސއްގައި ސޮއިކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސް ވުމުގެ ދަށުން އެ ގައުމުތަކުގެ ކުށްވެރިން ގައުމާ ހަވާލުކުރެވިދާނެ ކަމަށާއި ނަމަވެސް އެ ގައުމުތަކުން ރާއްޖެ އަށް ކުށްވެރިޔަކު ބަދަލު ކުރުމަކީ އެފަދަ ގާނޫނެއް ނެތުމުން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން އެފަދަ ގާނޫނަކަށް. އެކަމަކު އެއީ އެޓާނީ ޖެނެރަލްގެ ކަމެއް. އަޅުގަނޑުމެންނަށް ރާއްޖޭގެ ޖަލުތަކުގައި ތިބި ބޭރު މީހުން ފޮނުވާލެވިދާނެ. އެކަމަކު ދިވެއްސަކު ރާއްޖެ އަށް ބަދަލުކުރާ އިރު މިހާރަކު ނެތް ކުށް ތަންފީޒު ކުރެވޭނެ ފަދަ ގާނޫނެއް. މިހާރު ވެސް އެތައްބަޔަކު އެބަތިބި އެފަދަ ގާނޫނެއް ނެތިގެން ރާއްޖެ އަށް ބަދަލުނުކުރެވިފައި. އެހެން ނޫން ނަމަ ރާއްޖެ އަށް ބަދަލުކުރެވޭނެ ދެއްތޯ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ އިން އިންޑިއާ އާއި ސްރީލަންކާ އާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިވެހި ޖަލުތަކުގައި ތިބި އިންޑިއާގެ ބަލި ގައިދީން އެ ގައުމުގެ ސަރުކާރާ ހަވާލު ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާ އިރު އޮފިޝަލް ވިދާޅުވީ ބޭރު ޖަލުތަކުގައި ތިބި ދިވެހިންގެ ތެރޭގައި ވެސް އެފަދަ ބަލިމީހުން އެބަތިބި ކަމަށެވެ. އޮގޮތުން ވިދާޅުވީ ލަންކާ ޖަލުގައި މަސްތުވާ ތަކެތީގެ ހުކުމް ތަންފީޒު ކުރަމުން އަންނަ ދިވެހި އަންހެން މީހާއަކީ ވެސް ވަރަށް ބަލި މީހެއް ކަމަށާއި އޭނާއަކީ ރާއްޖެ އަށް ބަދަލު ކުރަން މިނިސްޓްރީން ވަރަށް ބޭނުން މީހެއް ކަމަށެވެ. ނަމަވެސް އެފަދަ މީހުން ރާއްޖެ ގެނެސް އެމީހުންނާ ދޭތެރޭ އަމަލު ކުރާނެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން އެ އަންހެންމީހާ ރާއްޖެ ގެނައުމަށް ވެސް މިނިސްޓްރީން ކުރެވޭނެ މާބޮޑު މަސައްކަތްތަކެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ އަކީ ކޮން ކަހަލަ ބަލިމީހެއް ކަމާއި މިވަގުތު ހާލު ހުރި ގޮތުގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

"ލަންކާގެ ޖަލުގައި ހުރި މަސްތުވާތަކެތީގެ އަންހެންމީހާ އަކީ ވެސް ވަރަށްބަލި މީހެއް. އޭނަގެ ކޭސް އަޅުގަނޑުމެން މި ގެންދަނީ ވަރަށް ގާތުން ބަލަމުން. ހައިކޮމިޝަނާ ގުޅިގެން އޭނާ ހުރި ޖަލަށް ގަވާއިދުން ޒިޔާރަތްކޮށް އޭނާ އަށް މިގެންދަނީ އެހީތެރި ވަމުން،" އޮފިޝަލް ވިދާޅުވި އެވެ.