ޕްރިމިއާ ލީގުގައި އަންނަ އޭޕްރީލް މަހު ހަވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅެން ހަމަޖެހިފަވާ މެޗުގެ ކުރިން އެ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ފަހެއް ނުވަތަ ހަތަރު ޕޮއިންޓަށް ކުޑަ ކުރެވިއްޖެ ނަމަ ލީގު ޓައިޓްލް އަދިވެސް ދިފާއު ކުރެވިދާނެ ކަމަށް ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އާދިއްތަދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ދޭއް ސުމަކުން އެ ޓީމު ބަލިކުރުމަށްފަހު ބީބީސީ ސްޕޯޓްގައި ވާހަކަ ދައްކަމުން މަންޗިނީ ބުނީ ޔުނައިޓެޑަކީ މޮޅަށް ކުޅޭ ވަރުގަދަ ކުލަބެއް ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ޑާބީ މެޗަށް އޭނާގެ ޓީމު އޯލްޑް ޓްރަފޮޑަށް ޒިޔާރަތް ކުރާއިރު ދެ ޓީމުގެ ދެމެދުގައިވާ ހަތްޕޮއިންޓުގެ ތަފާތު ކުޑަކުރެވިއްޖެ ނަމަ ސިޓީއަށް ލީގު ޗެމްޕިއަންކަން ދިފާއު ކުރުމަކީ އަދިވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

"މިއީ ވަރަށް މުހިއްމު މޮޅެއް. ސަބަބަކީ މިތަނުގައި [އާސެނަލްގެ ދަނޑުގައި] މެޗެއް ކުޅެ މޮޅުވުމަކީ އުނދަގޫ ކަމެއް... ޔުނައިޓެޑަކީ ވަރުގަދަ ޓީމެއް. މިހާރު އެމީހުން ވަރަށް ރަނގަޅަށް ކުޅެމުން އެދަނީ. އެކަމަކު ސީޒަންގެ ބޮޑުބައި އަދި އޮތީ ކުރިއަށް، ޑާބީ މެޗުގެ ކުރިން މިހާރު އޮތް ހަތް ޕޮއިންޓުގެ ތަފާތު ފަހެއް ނުވަތަ ހަތަރު ޕޮއިންޓަށް ކުޑަ ކުރެވިއްޖެ ނަމަ އަދިވެސް ލީގު ދިފާއު ކުރެވިދާނެ،" ސިޓީ ކޯޗު ބުންޏެވެ.

މަންޗިނީ އިތުރަށް ބުނީ އެޓީމު ޔުނައިޓެޑާ ކުޅެންވާއިރަށް ޕޮއިންޓުގެ ތަފާތު ކުޑަ ކުރެވިއްޖެ ނަމަ ޔުނައިޓެޑް މެޗަކުން ބަލިވާ ފަހަރު އެއީ ސިޓީއަށް ދެމިގަންނަން ލިބޭނޭ ފުރުސަތެއް ކަމަށެވެ. އަދި ހަތް ޕޮއިންޓުގެ ތަފާތެއް އެ ދެޓީމުގެ ދެމެދުގައި އޮންނަން ޖެހޭނޭ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

އިނގިރޭސި ލީގުގެ ކުޅުން މިހާތަނަށް ދިޔައިރު 22 މެޗު ކުޅެގެން ތާވަލުގެ އެންމެ ކުރީގައި 55 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އަދި 48 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ކުޅުނު 21 މެޗުން 41 ޕޮއިންޓު ހޯދައިގެން ތިން ވަނައިގައި އޮތީ ޗެލްސީ އެވެ. އަދި 40 ޕޮއިންޓާއެކު ޓޮޓެންހަމް ހަތަރު ވަނައިގައި އޮތްއިރު އާސެނަލް އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.