15 Jan 2013, 12:26
އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ތިލަފުށި އިތުރަށް ހަރުދަނާ ކުރުމާއި އެތަނުން ސަރުކާރަށް ފައިދާ ވާނޭ ފަދަ ގޮތަކަށް އެރަށް ބައްޓަން ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް) އިން ބުނެފި އެވެ.
ތިލަފުށި ހަރުދަނާ ކުރުމަށްޓަކައި އިތުރަށް ކުރަން ކަނޑައަޅާފައި ހުރި ޕްލޭންތައް މީޑިޔާއާއި ހިއްސާކުރައްވަމުން ޓީސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިލްހާމް އިދްރީސް ވިދާޅުވީ ތިލަފުށި ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކުރާނެ ހަތް ކަމެއް މިހާރު ޕްލޭން ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ކަމެއްގެ ގޮތުން އެ ތަނުގެ ހިޔުމަން ރިސޯސް ޑިވެލޮޕް ކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނި ހިންގުމަށް ކުރިން އެހާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނެތް ނަމަވެސް ކުންފުނީގެ ކޯޕަރޭޓް ގަވަނަންސާއި އެކައުންޓަބިލިޓީ އިތުރަށް ހަރުދަނާ ކުރުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޕަރޭޓް ގަވަނަންސާއި އެކައުންޓަބިލިޓީ ހަރުދަނާކުރުން. މިކަންތައްތަކަކީ ކުރީގައި އެއްވެސް ހަރުދަނާ ގޮތަކަށް ހަމަޖެހިފައިވާ ކަންތައްތަކެއް ކަމަށް ނުވާތީ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ސަރުކާރުގެ އެކައުންޓަބިލިޓީ ތަންކޮޅެއް ހަރުދަނާ ކުރުމަށް،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިލަފުށީގައި ތަންތަން ކުއްޔަށްހިފައިގެން އުޅޭ ފަރާތްތަކަށް ދޭންޖެހޭ ސެކިއުރިޓީ އާއި ސިއްހީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ ރަށުގެ މަގުތަކާއި މަގުބައްތިތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ޕްލޭން ކުރެވިފައިވާ ކަމަށެވެ.
ތިލަފުށީގައި އަލަށް ހިއްކާފައި އޮތް ސަރަހައްދާ ބެހޭ ގޮތުން އިލްހާމް ވިދާޅުވީ އެކިއެކި ބޭނުންތަކަށް އެތަނުން ތަންތަން ކުއްޔަށް ހިފާފައިވާ މީހުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ރަނގަޅަށް ބައްޓަންކޮށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކަސްޓަމްސް އިން ތިލަފުށީ ބަނދަރަށް ޚިދުމަތް ދިނުން ހުއްޓާލާފައި ވާތީ ކަސްޓަމްސްގެ ގާނޫނާއި އައިއެސްބީއެސް ކޯޑަށް ފެތޭ މިންގަނޑަށް އެ ބަނދަރު ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޓީސީއެލްއަކީ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ބޮޑަށް ސަރުކާރަށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.