ބަމާކޯ (ޖަނަވަރީ 15): މާލީ އަށް ޢަސްކަރީ ގޮތުން ވަދެގަނެގެން އުޅޭ ފަރަންސޭސި ޢަސްކަރީ ބާރުތަކުގެ މައްޗަށް އެ ގައުމުގެ ހަނގުރާމަވެރިން ކުރިހޯދަމުންގެންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އަލްގާޢިދާ އަށް ނިސްބަތްވާ އިސްލާމީ ހަރުކަށި ހަނގުރާމަވެރިން ކަމަށް ހުޅަނގުން ތުހުމަތުކުރާ މާލީގެ ހަނގުރާމަވެރިން އިއްޔެ ވަނީ ފަރަންސޭސި ބާރުތަކަށް ވަރަށް ވަރުގަދަ ރައްދު ޙަމަލާތަކެއްދީ އެ ގައުމުގެ އެތައް ސަރަޙައްދަކުން ފަރަންސޭސި ބާރުތައް ފަހަތައް ޖައްސާފައި ކަމަށް ހަނގުރާމަވެރިންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ފަރަންސޭސި ދިފާޢީ ވަޒީރު ޖާން އީވް ލޮދްރިޔާން ވަނީ ފަރަންސޭސިވިލާތުން އެހީވާ މާލީގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ "ދިޔާބާލީ" ނަމަކަށް ކިޔާ ރަށެއް އިދިކޮޅު ހަނގުރާމަވެރިންގެ ހިފިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ހުޅަނގު އެފްރިކާގައި ހަރަކާތްތެރިވާ އަލްގާއިދާގެ ގޮތްޕެއް ކަމަށް ބެލެވޭ "އައްތަވްޙީދު ވަލްޖިހާދު" ޙަރަކާތުގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ އަބޫދަރްދާރު އިއްޔެ ވަނީ ފަރަންސޭސިވިލާތާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން ވޭންދެނިވި ޙަމަލާތަކެއްދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. މިޙަމަލާތައް ބަމާކޯ، އެފްރިކާ ނޫނީ ޔޫރަޕްގައި ވެސް ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަބޫދަރްދާރު ވަނީ ފަރަންސޭސިވިލާތުން އިސްލާމް ދީނަށް ހަމަލާދިން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަބޫދަރްދާރަކީ މާލީގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށް ޚަބަރު ލިބެ އެވެ.

ފަރަންސޭސި ސިފައިން ޢަސްކަރީ ގޮތުން މާލީ އަށް ވަދެގެންފައިވާ އިރު މިކަމާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން އެގައުމުގައި ބޮންގޮއްވުމުގެ ޙަމަލާތަކެއް ހިންގަފާނެ ކަމުގެ ބިރު ފަރަންސޭސި ސަރުކާރާއި ރައްޔިތުން ގެންދަނީއިޙްސާސް ކުރަމުންނެވެ. މިކަމަށްޓަކައި ފަރަންސޭސިވިލާތުގައި ސަލާމަތީ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފަ އެވެ. މާލީއަށް ވަދެގެނެގެންއުޅޭ ފަރަންސޭސި ސިފައިންގެ ޙަމަލާތަކުގައި ހަނގުރާމަވެރިންގެ 60 އަށް ވުރެ ގިނަމީހުން މަރާލާފައިވާއިރު ހަނގުރާމަވެރިންނާއި ފަރަންސޭސި ސިފައިންނާ އަދި މާލީ ސަރުކާރު ސިފައިންގެ ޙަމަލާތަކުގައި އެގައުމުގެ ކުށެއްނެތް އެތައް ސަތޭކަ އާންމުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މާލީގެ ހަނގުރާމަވެރިންނަށް ވައިގެމަގުން ޙަމަލާދިނުމަށް ޓަކައި އަލްޖަޒާއިރުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެގައުމުންވަނީ ދީފަ އެވެ. އުތުރުއެފްރިކާގެ އެހެން ޢަރަބި ގައުމުތައް ކަމަށްވާ ލީބިޔާ، ތޫނިސް މަޣްރިބް އަދި މޮރިޓޭނިޔާއިން ވެސް ވަނީ މާލީގެ ހަނގުރާމަވެރިންނަކީ އަލްޤާޢިދާއަށް ނިސްބަތްވާ ބައެއްކަމަށް ސިފަކޮށް ފަރަންސޭސި ޢަސްކަރީ ޙަމަލާތަކަށް ނުސީދާގޮތެއްގައި ތާއީދުކޮށްފަ އެވެ.

ފަރަންސޭސިވިލާތުން މާލީއަށް ވަދެގަތީ އަލްޤާޢިދާ އާ އެޖަމާއަތާ ގުޅިގެން އުތުރުއެފްރިކާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކަލުން އެސަރަޙައްދާއި ޔޫރަޕް ސަލާމަތްކޮށްދިނުމުގެ މަޤްސަދްގައި ކަމަށް އެގައުމުން ބުނެ އެވެ. ނަމަވެސް ފަރަންސޭސީން މާލީ އަށް ވަދެގަތީ އަމިއްލަ އެދުމުގައި ކަމަށް މުހައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)