15 Jan 2013, 11:55
ޓޫރިޒަމް މިނިސްޓްރީ އިން ހަވާލުވެ ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީއާ ހިންގުމަށް ހަވާލުކޮށްފައިވާ ކްލަބްފަރު (ކ. ފަރުކޮޅުފުށީ) މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީ އިން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކްލަބު ފަރާގުޅޭ މައްސަލައެއް ލިޔެކިޔުމުން އެ ކޮމިޝަނަށް ހުށައަޅާފައި ނުވި ނަމަވެސް އެކި ގޮތް ގޮތަށް ޝަކުވާތައް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެ ރިސޯޓާ ގުޅުވައިގެން މިހާރު ބަލަމުންދާ މައްސަލައަކީ އެ ރިސޯޓް ހިންގުން އެމްޓީޑީސީއާ ވަގުތީ ގޮތުން ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ އިރު އެމްޓީޑީސީސީ އިން މިހާރު އެ ރިސޯޓްގައި ތިބި މުއައްޒިފުން ބޭނުންކުރާތީ އެ މުވައްޒިފުންނަކީ އިއުލާންކުރުމެއް ނެތި ވަޒީފާ ދީފައިވާ މުއައްޒިފުންތަކެއް ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ.
"މައިގަނޑު ޝަކުވާއަކަށް އަޅުގަނޑުމެނަށް ހުށައަލާފައިވާ ޝަކުވާއަކީ، އެ ރިސޯޓްގައި ކުރިން ތިބި މުއައްޒިފުން ބޭނުންކޮށްގެން ސަރުކާރުން އެތަން ހިންގަނިއްޔޭ، އެތަނުން ވަޒީފާދިން އިރު އިއުލާނެއްނުކުރޭ އެކަހަލަ ޝަކުވާތަކެއް މިއުޅެނީ ދެން އަޅުގަނޑުމެން އެ މައްސަލަ ބަލާނަން." ލުތުފީ ވިދާޅުވި އެވެ.
ކްލަބު ފަރާގުޅޭ މައްސަލައެއް އޭސީސީ އިން ބަލަމުންދާ އިރު އެ ރިސޯޓް ވަނީ ކުލީގެ މުއްދަތު ހަމަވެފައިވާތީ އެތަން ހުސްކުރަން ޓޫރިޒަމް މިނިސްޓްރީން ދިން މުއްދަތު ހަމަވި އިރު އެތަން ހުސްކޮށްފައި ނުވާތީ ޓޫރިޒަމް މިނިސްޓްރީން އިން މި މަމަހުގެ ހަތަރު ވަނަ ދުވަހު ހަވާލުވެފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެ ރިސޯޓް ހިންގުން އެމްޓީޑީސީއާ ހަވާލުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި ގޮތުގައި އެމްޓީޑީސީއާ ކުލަބްފަރު ހަވާލުކުރަން ނިންމީ އެ ރަށަކީ މިހާރު ވެސް އޮޕަރޭޓިން ރިސޯޓަކަށް ވާތީ އެތަން އަދި ދުވަސްކޮޅަކަށް އޮޕަރޭޓް ކުރަން ޖެހޭތީ ސަރުކާރުގެ ޓޫރިޒަމް ކުންފުންޏަކީ އެމްޓީޑީސީ ކަމަށްވާތީ ކަމަށެވެ.
"އެތަނުގައި ޓޫރިސްޓުން ތިބީމަޔާ އެކު އެތަން އަދި މެނޭޖްމަންޓްލައިގެން ހިންގަން ޖެހޭ. އެގޮތުން ސަރުކާރުގެ ކުންފުންޏަކަށް އެކަން ކުރެވެން މިއޮތީ އެމްޓީޑީސީ އަށް. އެހެންވެ އެ ބޭފުޅުންނާ މި ހަވާލުކުރީ،" އަދީބު ވިދާޅުވި އެވެ.
އެ ރަށް ސަރުކާރާ ހަވާލުކުރަން ދެކޮޅު ހަދައި އެރަށް ކުރިން ހިންގި ފަރާތުން އެ މައްސަލަ ސިވިލްކޯޓަށް ވެސް ވެއްދި އެވެ. ނަމަވެސް އެ މައްސަލަ ކޮންމެ ފަހަރަކު ވެސް ނިމުނީ ސަރުކާރުގެ ކޮޅަށެވެ. އެގޮތުން އެ ރަށާ ހަވާލުވަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުވަން އަމުރެއް ނެރެދެވޭނެ ތަނެއް ކަމަށް ސިވިލްކޯޓުން ވަނީ ބުނެފަ އެވެ.