15 Jan 2013, 11:30
ހދ. ކުޅުދުއްފުށީ ވަލުތެރެއިން ފަތްކެޔޮގަނޑުތަކެއް ވަގަށް ކެނޑި ދެ މީހަކު ދޮޅު އަހަރަށް ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކޮށްފި އެވެ.
ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށް ސާބިތުވުމުން ދޮޅޮއަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފައިވަނީ ކުޅުދުއްފުށީ ޑޭޒީފެހި، މުހައްމަދު ހަސަން 22، އާއި ހަމަ އެރަށު ބީޗްސައިޑް، ފަޒީލް އަލީ ވަހީދު 19، ގެ މައްޗަށެވެ.
ދައުލަތުން އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 131ވަނަ މާއްދާ ގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުންނެވެ.
ކުޅުދުއްފުށީ ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ފަސް ހެއްކަކު އެ ދެ މީހުން ވައްކަން ކުރިކަމަށް ހެކިބަސް ދީފައިވާއިރު ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަފީކުރެވޭ ވަރުގެ ހެއްކެއް އެ ދެ މީހުން ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މިއީ އެ ދެ މީހުންގެ މައްޗަށް ވައްކަމުގެ ކުށެއް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް ކުޅުދުއްފުށީ ކޯޓުގެ ހުކުމްގައި ވެއެވެ.
ކުށުގެ ރެކޯޑު އޮންނަ އެ ދެ މީހުން ވައްކަންކުރި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުޅުދުއްފުށީ ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް އިތުރު މައްސަލަތަކެއް ވެސް ޕީޖީ އޮފީހުން ވަނީ ކުޅުދުއްފުށީ ކޯޓަށް ހުށަހަޅާފަ އެވެ.
އެ ދެމީހުންގެ ތެރެއިން މުހައްމަދު ހަސަންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ، ހަ މަސްދުވަހަށް އަރުވާލުމަށް 2008 ވަނަ އަހަރު ކުޅުދުއްފުށީ ކޯޓުން ހުކުމްކޮށްފައި ވެއެވެ. އަދި މީހަކަށް މަރުގެ އިންޒާރުދިނުމަށްފަހު ފައިސާތަކެއް ފޭރިގަތް ކަމަށް ތުމުމަތު ކުރެވޭ މައްސަލައެއްގައި އެ ދެ މީހުންގެ ތެރެއިން ފަޒީލްގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.