ސާބާ ޗެމްޕިއަންޝިޕް 2013 ގައި ރާއްޖެ އިން ބައިވެރި ކުރާ ގައުމީ ބާސްކެޓް ބޯޅަ ޓީމު މުބާރާތުގައި ބައިވެރިވުމަށް މިއަދު ހެނދުނު ޑާކާއަށް ފުރައިފި އެވެ.

ކުރީގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އަހްމަދު ފަޔާޒުގެ ކޯޗު ކަމުގެ ދަށުން މިއަދު ޑާކާއަށް ފުރި ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މުހައްމަދު ހާޝިމް އާއި މުހައްމަދު ވަހީދު ހަމަޖައްސާފައިވާ އިރު ޓީމުގެ މެނޭޖަރަކީ އިބްރާހީމް މުހައްމަދު އެވެ.

މާލެއިން ފުރުމުގެ ކުރިން ސަން އޮންލައިނަށް ދިން ހާއްސަ އިންޓަވިއު އެއްގައި ޓީމުގެ ކޯޗު ބުނީ މިއަހަރު ރާއްޖެއިން ބައިވެރިކޮށްފައި މިވާ ޓީމުގެ ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ވާދަކުރަންޖެހޭ ޓީމުތަކާ އެކު ރަނގަޅު ފައިޓެއްދީ ކާމިޔާބުތަކެއް ވެސް ހޯދޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށެވެ.

"ޓީމާއި ދޭތެރޭ ހިތްހަމަޖެހޭ. މުބާރާތުގައި އަހަރެމެން ކުޅެން ޖެހޭ ޓީމުތަކަކީވެސް އަހަރެމެންނާ ދާދި ހަމަހަމަ ޓީމުތަކެއް. ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ،" ފަޔާޒު ބުންޏެވެ.

ސައުތު އޭޝިޔާ ބާސްކެޓް ބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމް ކޮށްގެން މިމަހުގެ 17 އިން 22 އަށް ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެވަނަ ސާބާ ޗެމްޕިއަންޝިޕް 2013 ގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިއަހަރުގެ މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި ޕާކިސްތާން އަދި ބޫޓާންގެ އިތުރު ނޭޕާލުގެ ގައުމީ ބާސްކެޓްބޯޅަ ޓީމެވެ.

އިއްޔެ ހަވީރު މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރައްވައި އެ ޓީމަށް ހިތްވަރު ދެއްވާފަ އެވެ.