15 Jan 2013, 10:43
މިސީޒަނުގެ އެންމެ ފަހުގެ ސްޕެއިން ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު ރެފްރީންގެ ނިންމުންތައް ހުރީ އެއްވެސް އިންސާފެއް ނެތް ގޮތުގައި ކަމަށް އެކުލަބުގެ އާޖެންޓީނާ ތަރި އެންޖެލް ޑި މަރިއާ ބުނެފި އެވެ.
މިހާރު ކުރިއަށްދާ 2013 ވަނަ އަހަރު އެކަނި ވެސް މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރޭގައި މެޑްރިޑަށް ވަނީ ތިން ރަތް ކާޑް ދައްކާފަ އެވެ. މެޑްރިޑް ކުޅޭ މެޗުތަކުގައި ރެފްރީން ގެންގުޅެނީ މުޅިން ތަފާތު ގޮތްތަކެއް ކަމުގައި ޑި މަރިއާ ބުނެއެވެ.
"މީޑިއާ އަށް ވަރަށް ރަނގަޅަށް އެނގޭނެ ރެފްރީންގެ ކުށްތަކެއް ކުރާކަން. އަދި ގޮތްނޭނގޭ ނިންމުންތަކެއް ނިންމާކަން. އަހަރެންނަށް ފެނުނު އަހަރެމެންގެ އިދިކޮޅު ޓީމްތަކަށް ރަތް ކާޑް ދައްކަން ޖެހޭ ވަރުގެ ފައުލްތައް. ބައެއް ފަހަރު އަހަރެންނަށް ހީވަނީ މިއީ ރެފްރީންގެ ފަރާތުން ފެންނަ ކުށްތަކެއް ނޫންހެން." ޑި މަރިއާ ބުންޏެވެ.
ޑި މަރިއާ އިތުރަށް ބުނީ، މިސީޒަނުގައި މެޑްރިޑްގެ ޓާގެޓަކީ ކޮޕަ ޑެލް ރޭ އާއި ޗެމްޕިއަންސް ލީގު ކަމަށެވެ.
"މިދިޔަ އަހަރު އަހަރެމެންގެ ޓާގެޓަކީ ސްޕެއިން ލީގު. ނަމަވެސް މިސީޒަނުގައި އަހަރެމެންގެ ޓާގެޓަކީ ކޮޕަ ޑެލް ރޭ އާއި ޗެމްޕިއަންސް ލީގު. އެ ދެ ޓްރޮފީ ވެސް އަހަރެމެން ބޭނުން." ޑި މަރިއާ ބުންޏެވެ.
ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމްގައި އޮތް ވާދަވެރި ބާސާ އާއި ތިންވަނަ މަގާމުގައި އޮތް ރެއާލާއި ދެމެދު 18 ޕޮއިންޓްގެ ބޮޑު ފަރަގެއް އޮތް އިރު، ގިނަ ބަޔަކު ބުނަމުން ދަނީ މިފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބު ކުރާނެ ޓީމަކީ ބާސާ ކަމަށެވެ. ސްޕެނިޝް ލީގުގެ ދެވަނާގައި އެތްލެޓިކޯ މެޑްރިޑް އޮތީ 44 ޕޮއިންޓާއެކު އެވެ.