15 Jan 2013, 10:38
އިނގިރޭސި އަންހެން ކްރިކެޓް ގައުމީ ޓީމްގެ ވިކެޓް ކީޕަރު ސާރާ ޓެއިލާ، އަންނަ ސީޒަންގައި ފިރިހެން ދެވަނަ ޑިވިޒަންގެ ކްލަބަކުން ޖާގައެއް ހޯދޭތޯ މަސައްކަތް ކުރާ ކަމުގައި އޭނާ ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ސާރާ އަށް ދެވަނަ ޑިވިޒަންގެ ސުސެކްސް ކްރިކެޓް ޓީމްގެ ފިރިހެން ޓީމުން ޖާގައެއް ލިބޭތޯ މަސައްކަތް ކުރަމުންދާ އިރު، އެޓީމަށް ވަނީ ވިކެޓް ކީޕަރެއްގެ ބޭނުން ޖެހިފަ އެވެ.
އަންހެން ކްރިކެޓްގައި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުންދާ ސާރާ އަށް އެފުރުސަތު ހޯދައިދިނުމަށް އެންމެ މަސައްކަތްކުރާ އެކަކީ އިނގިރޭސި އަންހެން ގައުމީ ޓީމްގެ ކޯޗް މާކް ލޭން އެވެ.
"ފިރިހެން ކްރިކެޓްގެ ސަބަބުން އަހަރެންނަށް ގިނަ ތަޖުރިބާތަކެއް ލިބޭނެ. އަދި ކުޅުން އިތުރަށް ރަނގަޅު ކުރެވޭނެ. ސުސެކްސްގެ މީހަކު މާކް ކައިރީގައި ބުނި ވިކެޓް ކީޕަރެއް ބޭނުމޭ. އަދި މާކް ވަނީ އަހަރެންނަށް އެފުރުސަތު ދިނުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފަ." ސާރާ ބުންޏެވެ.
އިނިގިރޭސި ކްރިކެޓް ބޯޑުން ބުނެފައިވާ ގޮތުގައި، ދެވަނަ ޑިވިޒަނަށް ސާރާ ކުޅޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށާއި ސުސެކްސް ޓީމާއި ކޯޗް މާކް އާއި ދެމެދު ދެކެވުނު ވާހަކަތަކަކީ ނުރަސްމީ ވާހަކަތަކެއް ކަމަށެވެ.