15 Jan 2013, 09:55
ފ. ބިލެއްދޫގައި ކުޑަ ފިރިހެން ކުދިންތަކަކާ އެއް ޖިންސުން ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު ހައްޔަރުކޮށްފައި ވަނީ އުމުރުން 52 އަހަރުގެ މީހެކެވެ.
ބިލެއްދޫ ކައުންސިލުން ބުނީ އެ ރަށު މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ މީހާ، އެ މައްސަލައާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކުޑަކުދިންގެ ތެރޭ ހިމެނެނީ އުމުރުން ނުވަ އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މީހަކާ ވެސް އިނދެގެން އުޅޭ އެ ފިރިހެން މީހާ މީގެ ކުރިން ނުކުޅެދޭ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ އަޑުތަކެއް ފެތުރުނު ކަމަށާއި ނަމަވެސް އެކަން އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައިނުވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.