15 Jan 2013, 09:49
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް މިއަދު ފެށުމަށް ހަމަޖެހިފައިވާ އިރު، ކޯޓަށް އެރުމަށް ފަހު ވާނެ ގޮތް ނޭނގޭ ކަމަށް ދުނިޔޭގެ ތިން ވަނަ ޓެނިސް ކުޅުންތެރިޔާ އިނިގިރޭސިވިލާތުގެ އެންޑީ މަރޭ ބުނެފި އެވެ.
މިދިޔަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާ މަރޭ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ބަލިކުރުމަށް ފަހުގަ އެވެ. އެ މެޗުގެ ނަތީޖާ ނެރެވުނީ ފަސް ސެޓަށް ފަހުގަ އެވެ. އޮސްޓްރޭލިއަން އޯޕަންގައި މިއަދު މަރޭ ނުކުންނަން ޖެހޭނީ ނެދަލޭންޑްސްގެ ރޮބިން ހާސޭ އާއި ދެކޮޅަށެވެ.
"އަހަރެންނަކަށް ނޭނގޭ ވާނެގޮތެއް. ކޯޓަށް އެރުމަށް ފަހު އަހަރެންނަށް އިހްސާސްވާނެ ގޮތެއް ނޭނގޭ. އަހަރެން މިހިރީ ވަރަށް ހަމަޖެހިފައި. ނަމަވެސް ފުރަތަމަ ދުވަހުގެ ފުރަތަމަ މެޗުގައި ވާނެ ގޮތެއް އަހަރެންނަކަށް ނޭނގޭ." މަރޭ ބުންޏެވެ.
ޔޫއެސް އޮޕަން އަށް ވުރެ އޮސްޓްރޭލިއަން އޯޕަން ވާދަވެރިވާނެ ކަމަށާއި އެހެންކަމުން އިވެންޓްތައް ކާމިޔާބު ކުރުމަށް އުނދަގޫވާނެ ކަމުގައި މަރޭ ބުނެފައިވެ އެވެ. "އަހަރެންނަށް އެނގޭ މި އިވެންޓްތައް ކާމިޔާބުކުރުމަކީ އުނދަގޫ ކަމެއް ކަން. ޔޫއެސް އޮޕަން އަކީ މީގެ ފަސް އަހަރުގެ ކަމެއް. އަދި މިމުބާރާތުގެ އިވެންޓްތައް ކާމިޔާބު ކުރުމަކީ އެއަށްވުރެ އުނދަގޫ ކަމަކަށް ވާނެ." މަރޭ ބުންޏެވެ.
އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ދުނިޔޭގެ އެއްވަނަ ޖޯކޮވިޗް އެވެ. ޖޯކޮވިޗް އެމުބާރާރުގެ ޗެމްޕިއަންކަން ހޯދީ އޭރުގެ ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިކުރުމަށް ފަހުގަ އެވެ. މިހާރު ނަޑާލް ވަނީ ހަތަރުވަނަ އަށް ވެއްޓިފަ އެވެ.