މައިން ބަފައިންގެ ގެދޮރު މާލޭގައި ހުއްޓެއް ކަމަކު ހަތަރު ދަރިންގެ މަންމަ ފާތުމަތު ރަޝީދާ، 36، ބޯހިޔާކޮށްލާނެ ތަނެއް މާލެއަކު ނެތެވެ. ކުއްޔަށް ހިފައިގެން އުޅުނު ތަނުން ނުކުންނަށް މަޖުބޫރުވުމުން އޭނާ މިހާރު ދިރިއުޅެނީ ވިލިމާލޭ އަތިރިމަތީގައި ހުރި ހަޓެއްގަ އެވެ. އަށާރަ އަހަރު ނުވާ ހަތަރު ކުޑަކުދިންނާއި ފިރިމީހާއާ އެކު އެ ހަޓުގައި އުޅޭތާ މިއަދަށް ހަތަރު ދުވަސްވީ އެވެ. އެތަނުގައި ކަރަންޓެއް ފެނެއް، އަދި ޒަރޫރީ ބޭނުންތައް ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ރަޝީދާ ކުރިން ދިރިއުޅުނު ގެ ދޫކޮށް، މަގުމަތިވުމުން މިހާރު ދިރިއުޅެމުން އަންނަ ހަޓަކީ އެއްވެސް ކަހަލަ ގޮތަކަށް ގައިން ތާހިރުވެވޭނެ ފަދަ ގޮތަކަށް ހަދާފައިވާ ތަނެއް ނޫނެވެ. އެންމެ ކުޑަމިނުން ރޭގަނޑު ވެއްޖިއްޔާ އެއްވެސް އަލިކަމެއް ވެސް އެތަނުގެ ތެރޭގައި ނެތް އިރު ކުޑަ ހަތަރު ކުދިންނާ އެކު ރަޝީދާ އެ ހަޓުގައި ދިރިއުޅެމުން ދަނީ އެހެން ގޮތެއް އަދި ނުފެންނާތީ އެވެ.

"މީ އަހަރެމުން ވަގުތީ ގޮތުން މިހާރު ދިރިއުޅެމުން އަންނަތަނަކީ، މިތަނުގައި ކައިބޮއިވެސް މިހަދަނީ، މިތަނުގައި މިއުޅެނީ، ކުއްޔަށް ހިފައިގެން އުޅުނު ގެއިން ނުކުންނަން ޖެހިގެން ނުކުތް ފަހުން، ގޮތެއް ފެންނަންދެއް،" ރަޝީދާ ބުންޏެވެ.

ރަޝީދާ ބުނި ގޮތުގައި މާލޭގައި އޭނާގެ ބައްޕަގެ ގެއެއް ހުއްޓެއް ކަމަކު އާއިލާއާ ޖެހުނު މައްސަލައަކާ ގުޅިގެން ބައްޕަގެ ހުއްދަނެތީސް، މީހަކާއި އިނދެގެން ހުރިހާ ދުވަހަކު އެގޭގައި އޭނާ އަށް ނޫޅެވޭނެ ކަމަށް މީގެ 12 ވަރަކަށް އަހަރު ކުރިން ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ރަޝީދާ އޭރު ހުރީ ކައިވެންޏަކަށް ތައްޔާރުވެގެން ކަމުގައި ވާތީ، އޭނާގެ ފިރިމީހާއާ އެކު ވިލިމާލެއިން ތަނެއް ހިފައިގެން ބަދަލުވި އެވެ.

"ވިލިމާލެ އިން ގޯތި ދޫކުރަން ފެށިއިރު އަހަރެންނަށް ވެސް ބިމެއް ލިބުނު، ބިން ހަވާލުކުރުމަށް ފަހު ބިން އަލުން އަތުލީ ކުއްޖަކު ނެތީމަ ޝަރުތު ހަމަނުވާ ކަމަށް ބުނެ، އޭގެ ފަހުން ވެސް އެތައް ފަހަރަކު ބިމެއް ހޯދުމަށް ކުރި މަސައްކަތްވީ ބޭކާރު،" ވިލިމާލެ އަށް ދިރިއުޅުން ބަދަލުކުރަން ޖެހުނު ގޮތް ކިޔާދެމުން ރަޝީދާ ބުންޏެވެ.

ފުރާވަރު އުމުރުން ފެށިގެން މައިންބަފައިންނާ ވަކިން އެއްގެއިން އަނެއް ގެއިން މަގުމަތީގައި ވަރަށް ހާލުގައި އުޅެން ޖެހުނު ހިތި ދުވަސްތައް ހަނދާންކުރަމުން ރަޝީދާ ބުނި ގޮތުގައި އޭނާ ވިލިމާލެ އަށް ދިރިއުޅުން ބަދަލުކުރި ފަހުން މިހާތަނަށް ތިން ގެއަކަށް ވަނީ ބަދަލުވާން ޖެހިފަ އެވެ. އެއިން ކޮންމެ ގެއެއް ދޫކޮށް ދާން ޖެހެނީ ވެސް ގޭގެ ކުއްޔަށްދޭ ފަރާތްތަކުން ތަން ބޭނުންވެގެން ނުވަތަ އެމީހުނަށް ރަޝީދާމެންނާ ހެދި އުނދަގޫވާ ކަމަށް ބުނެ ޝަކުވާ ކުރަން ފެށުމުންނެވެ.

"އެންމެ ފަހުން ދިރިއުޅެމުން ދިޔައީ ޑެގެއް އަޅާފައި ހުރި އެއް ކޮޓަރީގެ އެޕާޓްމަންޓެއް ކަހަލަ ތަނެއްގައި، އެތަނުގައި އުޅުނީ ވެސް ހަތަރު ދަރިންނާއި ފިރިމީހާއާ އެކު، ދެން އެމީހުން ބުނެފި އަންނަ މަހުގެ އެކެއްގެ ކުރިން އުޅޭނެ ތަނެއް ހޯދައިގެން ދާށޭ. މިހާރު އަހަރެމެންނާ ހެދި ވަރަށް ބޮޑަށް ކަންބޮޑުވެއޭ، އަސްލުމިވާ ގޮތަކަކީ އަޅަގަނޑުމެން މަސްކޮޅެއް ތެއްލާލިޔަސް އެމީހުންނަށް އެބަ އުނދަގޫވޭ، ބައެއްގެ ނުރުހުމުގައި އުޅެން ބޭނުންނުވާތީވެ އާއި އެހެން ތަނެއް އެހާ އަވަހަށް ނުލިބޭނެތީ، ދަރިންކޮޅު ގޮވައިގެން މަގުމަތިނުވާން ވެގެން މިހަޓަށް އެއްޗެއްހި ބަދަލުކުރީ،" ރަޝީދާގެ ހަތަރު ކުދިންނާ އެކު އެންމެ ފަހުން ކުއްޔަށް އުޅުނު ގެއިން ނުކުމެގެން އެއްވެސް ކަރަންޓެއް އަލި ކަމެއް ނެތް އެ ހަޓަށް ބަދަލުވާން މަޖުބޫރުވި ސަބަބު އޭނާ ކިޔައިދިނެވެ.

ރަޝީދާ ހަޓަށް ދިރިއުޅެން ބަދަލުކޮށްލި ހިސާބުން ފެށިގެން، އޭނާގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އެ ސަރަހައްދަށް ހިތްފަސޭހަކޮށްލަން އަންނަ ބައެއް މީހުންގެ އިތުރުން އެ ހަޓުގައި ކުރީގެ އަހުލުވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ޒުވާނުން ކުދިން ކޮޅެއް ވެސް ހިމެނެ އެވެ. އެ މީހުން އޭނާ އަށް ވަރަށް ބޮޑަށް އެހީވެ އެވެ. އެ ހިސާބުގަނޑުގެ ގެއަކުން އެމީހުންނަށް ގައިން ތާހިރުވެ ފާހާނާ ކޮށްލެވޭނެ ގޮތް ހަމަޖައްސާފައިވާ އިރު ކުއްޔަށް އުޅުނު ގެއިން ނެރުނު އެމީހުންގެ ހަރުމުދާތައް ގުދަންކޮށްފައި ބަހައްޓާނެ ކޮޓަރިއެއް ވެސް އެ ހިސާބުގެ ގެއަކުން ވަނީ ހަމަޖައްސައިދީފަ އެވެ.

"މިހިސާބުގައި އުޅޭ ގިނަ މީހުންގެ އެއްބާރުލުމާ އެކު މިތަނުގައި މިއުޅެވެނީ، އެމީހުން އަހަރެމެން ހަތަރު މައިން އެކަނިވިޔަކަށް ނުދޭ، އަބަދުވެސް ކޮންމެ ވެސް ބަޔަކު މިސަރަހައްދުގައި އުޅޭނެ، ދެން ފުރަތަމަ މިތަނަށް އައި ދުވަހު ހަޓުގެ ދެ ފަރާތުގެ އަރިމަތި އޮތީ ދިމާ ހާޔަށް، އަރި މަތީގެ ޓިނު ގަނޑުތައް ވެސް ބައެއް ފަރާތްތަކުގައި ނެތް. އެހެންވެ އެހާލަތުގައި އަންހެން ދެ ދަރިން އެ ތަނުގައި ބޭއްވުމަކީ އެހާ ރައްކާތެރި ގޮތެއް ކަމުގައި ނުވާތީ އެމީހުން ނިންދަވަން ފޮނުވީ މި ހިސާބުގެ ގެއަކަށް. އެންމެ ދޮށީ ފިރިހެން ދަރި ވެސް ފޮނުވަނީ މިތާ ކައިރީގެއަކަށް ނިދަން ރޭގަނޑު ކައި ހެދީމާ. ނަމަވެސް މިހާރު ކުއްޔަށް އުޅުނު ގެއަށް ދެއްކި ކުލީގެ ބާކީ ހޯދައިގެން މިތަނުގައި ދަމާނެ ސަތަރިގަނޑެއް ގަތީ، ދެން ހުރި ލާރިއަކުން ކާން ބޭނުންވާ ބައެއް އެއްޗެހި ގަނެލީ،" ރަޝީދާ ކިޔާދިނެވެ.

އެ ހަޓުގެ ތެރޭގައި އެ ކުދިން ނިދުމަށް ދެ ބުރިއަށް ހުރި އެނދެއް ބަހައްޓާފައި ހުރި އިރު ހަޓުގެ މެދަށް ހުރި ބޮޑު އަށީގެ މަތީގައި ކެއްކޭނެ ގޮތަށް އުނދުނަކާއި ބަނދިގޭ ސާމާނުތަކެއްގެ އިތުރުން އެމީހުން ގެންގުޅޭ ބައެއް ސާމާނުތައް އަތުރާފައި ހުއްޓެވެ. ހަޓުގެ ތެރޭގައި އެކުދިންގެ ސްކޫލް ބައެއް އެއްޗެހި ވެސް ހުއްޓެވެ. "މިތަނުގައި މިހިރީ މިހާރުން ކޮންމެހެން ބަހައްޓަން މުހިންމު ބައެއް ސާމާނު، ބާކީ ބައި ހުރީ ގުދަނުގައި. ކުދިންގެ ފޮތްތަކާއި ޔުނީފޯމާ އެއްޗެހި ވެސް ހުންނާނީ އެތަނުގައި،" އެހާ ހާލުގައި އުޅެމުން ވެސް ސްކޫލަށް ކުދިން ފޮނުވުމުގެ އެންމެހާ ކަންތައްތައް އެ އަވަށުގެ ބައެއް މީހުންގެ އެހީއާ އެކު ރަޝީދާ ހަމަޖައްސާފައިވާ ވާހަކަ ކިޔަދިނެވެ.

"މިދުވަސްވަރަކީ މިރަށުގައި ހުންނަ މިފަދަ ހަޓްތައް ނެގުމަށް އަންގާފައިވާ ދުވަސްވަރަށްވެފައި، ތަނެއް ލިބެންދެން ވެސް އަންނަ މަހުގެ އެކަކާ ހަމައަށް މަޑުކޮށްފި ނަމަ މިތަން ވެސް ނުލިބި ދަރިން ކޮޅާ އެކު މަގުމަތިވެދާނެ ކަމުގެ ބިރަށް މިތަނަށް އެރެއިން އެރެއަށް ބަދަލުވީ،" ރަޝީދާ ބުންޏެވެ.

ރަޝީދާމެން ވިލިމާލޭގައި ކުއްޔަށް ހިފައިގެން ކުރިން އުޅުނު ގޭގެ ވެރިފަރާތުން ބުނި ގޮތުގައި އޭނާ ރަޝީދާމެންގެ ދެމަފިރިން ކައިރީގައި އެތަން ހުސްކުރުމަށް އެދުނީ އެގްރީމަންޓާ އެއްގޮތަށް ކަމަށާއި އެމީހުންނަށް އެހެން ތަނަކަށް ބަދަލުވާން އެދުނީ އެމީހުންގެ "ކަންތައްތައް" ހުންނަ ގޮތާ މެދު ހިތްހަމަނުޖެހޭތީ އެވެ.

ހަތަރު ދަރިން ގޮވައިގެން ރަޝީދާ އެހަޓުގައި ދިރިއުޅެމުން ގެންދާއިރު އޭނާގެ ފިރިމީހާ އަވަދިނެތި މަސައްކަތް ކުރަނީ އެމީހުން ކުއްޔަށް ބަދަލުވާނެ އެހެން ތަނެއް ފެނޭތޯ ބެލުމުގަ އެވެ. ރަޝީދާ ބުނި ގޮތުގައި އޭނާގެ ފިރިމީހާއަކީ ވިލިމާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގޭގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އޭނާއަށް އިތުރު ގަޑީގެ ފައިސާއާ އެކު މުސާރައަށް ލިބެނީ 10،000 ރުފިޔާ އެވެ. އެމީހުން ކުރިން ކުއްޔަށް ހިފައިންގެން އުޅުނު ގެއަށް މަހަކު ދައްކަންޖެހެނީ 5،000 ރުފިޔާ އެވެ. ނަމަވެސް ހަތަރު ދަރިންނާ އެކު މަގުމަތިވުމުން ކުއްލިއަކަށް އެޑްވާންސްއާ އެކު ބޮޑު ކުލި ދީގެން އުޅޭނެ ވަރުގެ ފެންވަރެއް އެމީހުންގެ ކިބައިގާ މިވަގުތު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ރަޝީދާމެންގެ އާއިލާއަށް ބޯހިޔާވަހި ކަމެއް ނުލިބި މަގުމަތިވެފައިވާ އިރު ވަޒީފާގައި ބުރަކޮށް އުޅެމަށް ފަހު ރަޝީދާގެ ފިރިމީހާ މުހައްމަދު އަބްދުﷲ، 33، ދެން ނުކުންނަނީ އޭނާގެ ދަރިންކޮޅު ގޮވައިގެން ވަންނާނެ ތަނެއް ލިބޭތޯ ބަލާށެވެ. ނަމަވެސް އަދި އެއްވެސް އަލިމަގެއް ނުފެނެ އެވެ. ކުއްޔަށް ދޭ ތަންތަން ނެތިގެނެއް ނޫނެވެ. އެމީހުންގެ ފޯރުންތެރިކަން ނެތުނީމަ އެވެ. "މިހާރު ވެސް މި މަސައްކަތް ކުރަނީ ތަނެއް ހޯދުމަށް، ކުއްޔަށްދޭ މީހުން ބޭނުން ވަނީ އެޑްވާންސަށް ވެސް ބޮޑު އެއްޗެއް، ދެން ކުލި ވެސް ކިޔަނީ އެހާ ބޮޑުކޮށް، މި ވަގުތު ނެތް އެހާ ލާރިއެއް އެއްފަހަރާ ހަރަދު ކުރެވޭކަށް،" ރަޝީދާގެ ފިރިމީހާ ބުންޏެވެ.

ރަޝީދާއެކޭ އެއްފަދައިން އޭނާގެ ފިރިމީހާ ވެސް ބުނީ އެމީހުން ކުއްޔަށް އުޅުނު ގެއިން ނުކުމެގެން އެހަޓަށް ދިރިއުޅުން ބަދަލުކުރަން ނިންމީ ގޭގެ ވެރިފަރާތުން އެމީހުންނާ މެދު ހިތްހަމަ ނުޖެހޭތީވެ، އެގޭގައި އުޅެން ބޭނުންނުވެގެން ކަމަށެވެ. "އެއްދުވަހަކު ވެރިފަރާތުން އައިސް ބުނެފި، މަހުގެ އެކެއްގެ ކުރިން ތަން ހުސްކުރަންވާނެއޭ، ކުޑަކުދިންނަކީ ހަލަނި ބައެއް، އެމީހުންގެ އަތުން ބިންމައްޗަށް އެއްޗެއް ވެއްޓިގެން ވެސް އެމީހާ ގޭގެ ވެރިފަރާތުން ހިތްހަމަ ނުޖެހިދާނެ، އެމީހާއަކީ ބަލިމީހަކަށްވެފައި، އެމީހާ އަށް އުނދަގޫކުރަން ބޭނުންނުވާތީ އަޅުގަނޑުމެން ތަނެއް ފެންނަންދެއް ވެސް އެގެއިން މިނުކުތީ،" އެމީހުން ހަޓެއްގައި ދިރިއުޅުމަށް މަޖުބޫރުވި ސަބަބު ރަޝީދާގެ ފިރިމީހާ ކިޔައިދިނެވެ.

ރަޝީދާގެ ފިރިމީހާ ބުނި ގޮތުގައި ސަރުކާރުން މި ފަހުން ފެށި ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގެ ދަށުން އޭނާގެ އަންހެނުން ރަޝީދާ އަށް ވަނީ ވިލިމާލެ އިން ގޯއްޗެއް ލިބޭނެ ކަމުގެ އުއްމީދުގައި ގޯއްޗަކަށް އެދި ހުށަހަޅައިފަ އެވެ. ނަމަވެސް މިބުރުގައި ވެސް އޭނާ އަށް ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. "މިހާރު ހަމަ ގައިމު ވެސް ދަރިން އެބަތިބި، ނަމަވެސް މިފަހަރު ޝަރުތު ހަމަނުވާ ކަމަށް ބުނީ އަންހެނުންގެ ބައްޕައެއްގެ ގޯއްޗެއް މާލޭގައި ހުރީމައޭ ކިޔާފައި. އެކަމުގެ އެގެއަކަށް ނުވަދެވޭ މީހަކާ އިނދެގެން ހުރިއްޔާ ކޯޓުގެ ހުކުމް ބުނާ ގޮތުން ނަމަ، މީއަޅެ ކިހާދެރަ ކަމެއް،" މުހައްމަދު ބުންޏެވެ.

ދެ އަންހެން ދަރިންނާއި ލޭއަޅާ ކުއްޖެއް ވެސް ބަލަހައްޓަމުން ގެންދާ އެއާއިލާ އަށް މިވަގުތު ކުރިމަތިވެފައިވާ ދަތިކަމެއްގެ ސަބަބުން އަތިރިމަތީގައި ހުރި ތަނެއްގެ ތެރޭގައި އުޅެން ޖެހިފައި ވިޔަސް، މިހާތަނަށް ދެ ފަހަރެއްގެ މަތިން ފުލުހުން ގޮސް، ވީހާ ވެސް އަހަވަކަށް އެތަން ހުސްކުރުމަށް އެމީހުންގެ ކައިރީގައި އެދުނު ކަމަށް އެމީހުން ބުނެ އެވެ. އަދި ވިލިމާލޭ އަވަށު އޮފީހުން އެއް ރެއަކު އައިސް އެމީހުންނާ ބެހޭ މައުލޫމާތުތައް ސާފުކޮށްގެން ދިޔަފަހުން އަދި މިހާތަނަށް ހަބަރެއް ނުވާ ކަމަށްވެ އެވެ.

ރަޝީދާގެ އާއިލާއަށް މިއަދު އެ ވަނީ އެތަނުގައި އުޅުމަށް މަޒުބޫރީ ހާލަތެއް މެދުވެރިވެފައޭ ވެސް ބުނެވިދާނެ އެވެ. ކުޑަކުދިން އުޅުމަށް އެކަށީގެންނުވާ ފަދަ މާހައުލެއްގައި ރަޝީދާގެ ހަތަރު ކުދިން އޭނާ ގެންގުޅެމުން އެގެންދަނީ އިތުރު ގޮތެއް ނެތިގެންނެވެ. އޭނާ އެ ހާލުގައި އުޅޭތަން ރަށުގެ ގިނަ ބަޔަކަށް ވެސް ފެނެ އެވެ. ބައެއް މީހުންގެ ފަރާތުން އޭނާ އަށް މަލާމާތާއި ފުރައްސާރަ ރައްދުވި ނަމަވެސް އެމީހުންގެ އުއްމީދަކަށް އެއްވެސް ގުޑުމެއް ނާދެ އެވެ. އެއް ފަހަރު ވެސް ކުދިންނާއި ފިރިމީހާ ދޫކޮށްލާފައި ގޮސް، އުފަލުގައި އުޅޭކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ. ރަޝީދާގެ ހުރިހާ ވެސް އުއްމީދަކީ އެމީހުންގެ އާއިލާއަށް އަލިމަގެއް ފެނުމެވެ. އެމީހުން އެތިބީ މިއަދު އަޅާލާނެ ބަޔެއްގެ ބޭނުންޖެހިފަ އެވެ. ނުވަތަ ބޯހިޔާވަހި ކަމެއް ލިބޭނެ މަގެއް ފެނިދާނެ ކަމުގެ އުއްމީދުގަ އެވެ.