މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭ ފެރީ އާއި ބަހުގެ ހިދުމަތްތަކުން މިއަދުން ފެށިގެން ޖީއެސްޓީ ނަގަން ފަށައިފި އެވެ.

އެ ކުންފުނިންދޭ ހިދުމަތްތަކުގެ ތެރެއިން މިއަދުން ފެށިގެން ވިލިމާލެ ފެރީގެ ހިދުމަތަށް ޖީއެސްޓީއާ އެކު ނަގަނީ 3.18ރ. އެވެ. އަދި ހުޅުމާލޭ ފެރީގެ ހިދުމަތުން 5.30ރ. ނަގާ އިރު ޕްރޮވިންސް ފެރީތަކުގެ ތެރެއިން އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށްދާ ފެރީތަކުން ނަގަނީ 21.2ރ. އެވެ. އަދި އެ ފެރީތަކުން މާލެ އަށް އަންނަ ނަމަ ނަގަނީ 53ރ. އެވެ. އަދި ހުޅުމާލޭ ބަހުން ނަގަނީ 2.12ރ. އެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގް ސަން އޮންލައިނަށް ވިދާޅުވެފައި ވަނީ މީރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުއްޏެއްގެ ހައިސިއްޔަތުން އެމްޓީސީސީ އިން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓި ނެގުން ލާޒިމްކޮށްފައި ވާތީ އެމްޓީސީސީ އިން ދޭ ހިދުމަތްތަކުގެ ތެރެއިން ފެރީ އާއި ބަހުގެ ހިދުމަތްތަކުން މިއަދު ޖީއެސްޓީ ނަގަންފަށާފައިވާ ކަމަށެވެ.

"އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް އަގުބޮޑުކުރީކީ ނޫން. އަޅުގަނޑުމެން ހިދުމަތްދޭ އަގަށް އިތުރު ޖީއެސްޓީގެ ހަ ޕަސެންޓް މި އިތުރުކުރީ. އެގޮތުން ހުޅުމާލެ އާއި ވިލިގިއްޔާއި ގުޅީފަޅާއި ތިލަފުށީ ފެރީގެ އިތުރުން ޕްރޮވިންސް ފެރީތަކުންނާއި ހުޅުމާލޭގެ ބަސް ދަތުރުން ވެސް ޖީއެސްޓީ ނަގާނެ،" ފާރިގް ވިދާޅުވި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފެށީ 2011 ވަނަ އަހަރު އެވެ. ޖީއެސްޓީ ރޭޓް ހަ ޕަސެންޓަށް ބޮޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. އަދި މިހާރު ވަނީ ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ ނަގާ ވަރު އަށް ޕަސެންޓަށް ބޮޑުކޮށްފަ އެވެ.