15 Jan 2013, 09:00
ވޮޝިންޓަން (ޖަނަވަރީ 15): އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ މިހާރު ތަރައްގީ ކޮށްފައިވާ މިންވަރަށް ބަލާއިރު 2014 ވަނަ އަހަރުގެ މެދުތެރޭގައި ނިއުކްލިޔާ ބޮމެއް އުފެއްދުމަކީ އީރާނަށް ކުރެވިދާނެ ކަމެއް ކަމަށް އެމެރިކާގެ ތަޖްރިބާކުންގެ ގްރޫޕަކުން ލަފާކޮށްފި އެވެ.
އެމެރިކާގެ އިންސްޓިޓިއުޓް ފޯ ޕީސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީގެ ތަޖްރިބާކާރުން ނެރުއްވި ރިޕޯޓެއްގައި ވާގޮތުން ބައިނަލްއަގްވާމީ ބޮޑެތި ފިއްތުންތަކެއްނެތް ނަމަ މިހާރު އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ. އިންސްޓިޓިއުޓް ފޯ ޕީސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީގެ ވެރިޔާ ޑޭވިޑް އޯލްބްރައިޓް ވިދާޅުވީ އީރާން ބޭނުންވާ ނަމަ 2014 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް ދިޔުމުގެ ކުރިން ނިއުކްލިޔާ ބޮން އުފެއްދޭ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމަކީ ކުރެވިދާނެ ކަމެކެވެ. މިކަމަށް ބޭނުންކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންގެ ވަރަށް އެޑްވާން މެޝިން އީރާނުން އުފައްދާ ކަމަށާއި ނަމަވެސް ނިއުކްލިޔާ ބޮން އުފެއްދޭ މިންވަރަށް އީރާނުން ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާކަން ނުވަތަ ނޫންކަން ސާފުނުވާ ކަމަށް އޯލްބްރައިޓް ވިދާޅުވި އެވެ.
އީރާނުން ފަރުބަދަތަކެއްގެ އަޑީގައި ޔޫރޭނިޔަމް ފައްކާކުރާ ސިއްރު މަރުކަޒެއް އުފައްދާފައިވާ ކަމަށް ބުނެ ހުޅަނގުން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އޯލްބްރައިޓް ވިދާޅުވީ އީރާނުގައި މިފަދަ ތަނެއް ހުރި ނަމަވެސް ނިއުކްލިޔާ ބޮން އުފެއްދޭ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އެގައުމުން މިހާރު ކުރިޔަށްގެންދާ ކަމަށް ނުބެލެވޭކަމުގަ އެވެ. ސަތޭކަ ފަންސާސް ހަތަރު ސަފްޙާގެ މި ރިޕޯޓްގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާ އަށް ރެކޮމެންޑް ކޮށްފައިވެ އެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ނަމަ ޢަސްކަރީ ބާރުބޭނުންކޮށްގެން އެކަން ހުއްޓުވުމަކީ އެމެރިކާ ކޮށްފާނެ ކަމެއްކަމުގެ މެސެޖް އީރާނަށް ވަރަށް ރަނގަނޅަށް ދިނުމަށް ވެސް މިރިޕޯޓްގައި އެމެރިކާގެ ތަޖްރިބާކާރުން ރައީސް ބަރަކް އޮބާމާ އަށް ގޮވާލާފައިވެ އެވެ.
އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމަށް އެމެރިކާ އިން އެހީތެރިވެފައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެންނާއި ޢަސްކަރީ ބިރުދައްކައިގެން މަސައްކަތް ކުރަމުން އެމެރިކާ ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދައިފި ނަމަ މެދުއިރުމަތީގައި އިސްރާއީލަށް ލިބިފައިވާ ނިއުކްލިޔާ މޮނޮޕޮލީ ގެއްލި އިސްރާއީލާ ކުރިމަތިލެވޭ ފަދަ ޢަސްކަރީ ބާރެއް މެދުއިރުމަތީގައި އުފެދިދާނެތީ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
އިސްރާއީލުގައި 200 ވަރަކަށް ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ. (ނޫސްއެޖެންސީތައް)