14 Jan 2013, 23:57
ޕީޕީއެމްގެ ސަރުކާރެއްގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އިން އެކަނި ވެސް 26،000 ވަޒީފާ އުފައްދަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި ވާދަކުރައްވާ "ޔަގީން ޓީމު"ގެ ކެންޑިޑޭޓުން ތައާރަފު ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާފައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތުން ހަމައެކަނި ދިވެހި ވިޔަފާރިވެރިންގެ ފަރާތުން މާގިނަ ވަޒީފާތަކެއް އުފެއްދޭނެ ގޮތްތައް ވަނީ ނެތިފައި ކަމަށެވެ. އެހެންކަމުން އެކި ދާއިރާތަކުން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށާއި އެ މީހުންނަށް އެއާޕޯޓުން ފެށިގެން ރަތްދޫލައިގެ މަރުހަބާއެއް ކިޔަން ވެސް ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި އޭނާ މަސައްކަތް ކުރައްވާނީ ޓޫރިޒަމް ދާއިރާއަކީ އެންމެ ކުރިއަށް ދާން ޖެހޭ ދާއިރާ ކަމުގައި ބައްލަވައިގެން ކަމަށެވެ.
"ޕީޕީއެމްގެ ސަރުކާރެއްގައި އަޅުގަނޑުމެންގެ އެޖެންޑާގެ 90 ޕަސެންޓް ޚަލާސް ވެގެންދާނީ އިގްތިސޯދު ވަރުގަދަކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށް. އަޅުގަނޑުމެންގެ ވިޔަފާރިވެރިންނަށް އެކަނި އެ އަދަދަށް ވަޒީފާ އުފެއްދޭނެ ގޮތެއް ނެތް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެ ގެންނަން. އެ މީހުން ގެންނަނީ ވަޒީފާތައް އިތުރު ކުރަން. ދިވެހި ކުދިންނަށް ޖާގަ ހޯދައިދޭން. އެންމެ ގިނައިން ވަޒީފާގެ ފުރުސަތު އިތުރު ކުރެވޭނެ ދާއިރާއަކީ ޓޫރިޒަމް ދާއިރާ. އެކަން ކުރެވޭނީ ގެއްލުން ނުވާ ގޮތެއްގެ މަތިން އެނދުތައް އިތުރު ކުރެވިގެން. އެކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން،" ޔާމިން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރަށް ވުރެ ފުޅާކޮށް ތަރައްގީ ކުރުމަށް ރާއްޖޭގައި ޓްރާންސިޓް ބަނދަރެއް އޮތުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެފަދަ ބަނދަރެއް ހެދި ބޭރުގެ ބޯޓުފަހަރު ރާއްޖޭގައި ބަނދަރު ކުރާ ނަމަ އެއީ ވަރަށް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމެއް ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި އެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.
ރާއްޖެ އިން ތެޔޮ ފެނޭތޯ 1980ގެ އަހަރުތަކުގައި ކުރި މަސައްކަތް ހުއްޓާލާފައި ވަނީ ރާއްޖޭގައި ތެޔޮ ނުފެނިގެން ނޫން ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ ރާއްޖެ އިން ތޮޔޮ ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި އެ މަސައްކަތް ވެސް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އެ މަސައްކަތް ރާއްޖޭގައި ކުރި އިރު ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ހުރީ 20 ޑޮލަރުގައި. އެހެންކަމުން އޭރު ރާއްޖޭގެ ފުން ކަނޑުތަކުން ތެޔޮ ހޯދައިފި ނަމަ ޚަރަދު ވަރަށް ބޮޑުވެގެންދާނެ. އެ އަގުގައި ތެލުގެ އަގު ހުރުމުން ޚަރަދުގެ ގޮތުން އޭރު އެކަން ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވި. މިއަދު ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ހުރީ 125 ޑޮލަރަށް، އެހެންވީމާ މިއީ ފުރުސަތު އޮތް ކަމެއް." ޔާމީން ވިދާޅުވި އެވެ.