01 Oct 2010, 09:00
ށ. ފޭދޫ މިސްކިތުގެ ލޯފަން އިމާމް އަލްހާފިޒް އަބްދުއް ރަޝީދު މާލޭ ވިޔަފާރިވެރިންގެ މިސްކިތް، މަސްޖިދު މުހައްމަދު ބިން އަބްދުﷲ ގައި އިމާމުވެ މިއަދު ހުކުރު ކުރައްވައިފި އެވެ.
މިއީ ވެރިރަށް މާލޭގެ މިސްކިތެއްގައި ލޯފަން އިލްމުވެރިޔަކު އިމާމުވެވަޑައިގެން ހުކުރު ކުރެއްވެވި ފުރަތަމަ ފަހަރެވެ.
މުދިމުން ތާޒާކުރާ ކޯހެއްގައި މި ވަގުތު މާލެ ވަޑައިގެން ހުންނެވި އިމާމު، ހާފިޒު އަބްދުއްރަޝީދު ވިޔަފާރިވެރިންގެ މިސްކިތަށް ވަޑައިގެން ހުކުރު ކުރެއްވުމުގައި ވިދާޅުވި ހުތުބާގައި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލައި އޯގާތެރިކަމާއެކު އެހީތެރިވުމުގައި މާތްވެގެންވާ އިސްލާމް ދީން ބާރު އަޅާފައިވާ މިންވަރުގެ މައްޗަށް އަލި އަޅުއްވަވައިލެއްވެވި އެވެ.
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހެވެ.
އުމުރުން 40 އަހަރުގެ ހާފިޒު އަބްދުއް ރަޝީދު މިއަދު ވިޔަފާރިވެރިންގެ މިސްކިތުގައި ހުކުރު ކުރެއްވި އިރު މެންދުރު ވެހުނު ވާރޭ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އެ މިސްކިތަށް ހުކުރަށް ގޮސް މުޅި މިސްކިތުގެ އެތެރެ އާއި ބޭރު އޮތީ އެކީ ފުރާލާފައެވެ. އަދި ހުކުރަށް ފަހު ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަބްދުއް ރަޝީދާ ސަލާމްކޮށް މަރުހާބާ ކިޔުމުގެ އިތުރުން މެންދުރުގެ ކެއުމަށް ދައުވަތު އަރުވަމުން ގޮސްފައި ވެއެވެ.
ހާފިޒު އަބްދުއްރަޝީދު މިއަދުގެ ހުކުރު ހުތުބާ ވިދާޅުވެފައި ވަނީ އިއްޔެ ހުތުބާ ލިބިވަޑައިގަތުމުން ވަގުތުން ހުތުބާ ހިތުދަސް ކުރައްވައިގެންނެވެ. އޭނާ އަކީ ކީރިތި ގުރުއާނުގެ އިލްމުގައި އާދަޔާ ހިލާފު ހުނަރުތައް ލިބިވަޑައިގެންފައިވާ އިލްމުވެރިއެކެވެ.
ށ. ފޭދޫ މިސްކިތުގައި ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން އަބްދުއްރަޝީދު އަންނަނީ އިމާމުވެ ހުކުރު ކުރަމުންނެވެ.