14 Jan 2013, 23:16
ރާވައިގެން ހިންގާ ބޮޑެތި ލާއިންސާނީ ކުށްތައް ހުއްޓުވޭނެ ގޮތަކަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރަން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން މި އަހަރު އެންމެ އިސްކަންދޭ، ނުވަތަ އޮޕަރޭޝަނަލް ޕްރިއޯރިޓީސް- 2013 ރަސްމީކޮށް އިފްތިތާހް ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މިދިޔަ އަހަރަކީ ރާވައިގެން ހިންގި ނުރައްކާތެރި ކުށްތައް އިތުރު އަހަރެއް ކަމަށާއި އެހެން ކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުންގެ މަސައްކަތްތައް މި އަހަރު ބައްޓަންކުރަން ޖެހިފައިވާ ކަމަށެވެ.
ފުލުހުން މިއަދު އިފްތިތާހް ކުރި އޮޕަރޭޝަންސް ޕްރިއޯރިޓީސްގައި ފަސް ކަމެއް ކަނޑައަޅާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކާއި ރާވައިގެން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތަކާއި ވައްކަމާއި ފޭރުމާއި ޓެރެރިޒަމުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ސަލާމަތީ އެންމެހާ ކަންކަން ބެލެހެއްޓުމެވެ." އޮޕަރޭޝަންސް ޕްރިއޯރިޓީސް 2013ގައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން އެ އަހަރެއްގައި ހާސިލް ކުރާނެ ކަންތައްތަކެއް ނުވަތަ ހާސިލް ކުރާނެ ލަނޑުދަނޑިތަކެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ މުޅި އޮގަނައިޒޭޝަންގެ ހިންގުން އެއް އަމާޒަކަށް ބައްޓަންކޮށް، އެއް ލަނޑުދަނޑިއެއް ހާސިލުކުރެވޭނެހެން މަސައްކަތް ކުރުން ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ އެހެން ބޮޑެތި ގައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް ކަމަށެވެ.
ރިޔާޒް ވިދާޅުވީ ފުލުހުން މި އަހަރު ތެރޭގައި އިސްކަންދޭ ކަންތައްތައް ކަނޑައެޅުމުގައި ސަމާލުކަން ދީފައި ވަނީ މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށާއި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތަށް ބަލައިގެން ކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ މިދިޔަ އަހަރު ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކަކީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ކަމަށެވެ. އަދި ޚާއްސަ ގޮތެއްގައި ސައިކަލު ވަގަށް ނެގުމާއި މޯބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ވަގަށް ނެގުން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް މި އަހަރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރު ފުލުހުންގެ އަމާޒަކަށް ވާނީ ފުލުހުންނަށް ހުށަހެޅޭ ވައްކަމާއި ފޭރުމުގެ މައްސަލަތައް ކާމިޔާބުކުރެވޭ ނިސްބަތް އިތުރުކޮށް ހުށަހެޅޭ މައްސަލަތައް މަދުކުރުން ކަމުގައި ވިދާޅުވި އެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ އެއިންތިޚާބުގެ ސަލާމަތީ އެންމެހާ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ ހިތްވަރާއި ޤާބިލްކަން ދިވެހި ފުލުހުންގެ ކިބައިގައި އެބަހުރި ކަމަށާއި ކޮންމެ ގޮންޖެހުމަކާ ކުރިމަތިވި ނަމަވެސް ފުލުހުންގެ ވާޖިބުތައް ސާބިތުކަމާ އެކު އަދާކުރައްވާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަނަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.