ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކަށް ފަހު ހެވީލޯޑާ އެކު އަލުން އެ މަސައްކަތް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓީސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިލްހާމް އިދުރީސް ވިދާޅުވީ ހެވީލޯޑާ އެކު ތިލަފުށީ ހިއްކުމަށް ވެފައިވާ އެއްބަސްވުން ހުއްޓުމަކަށް އައިސްފައި ވާތީ އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަލުން އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ހެވީލޯޑާ އެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ނަމަވެސް އެ މަޝްވަރާތަކުން މާބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެވީލޯޑާ އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވޭތޯ ދެންނެވުމުން އިލްހާމް ވިދާޅުވީ މިހާރު ބަލަމުން ގެންދަނީ ކޮންޓްރެކްޓް އޮތް ހިސާބުން ކުރިއަށް ގެންދެވޭތޯ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމޭނީ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

"ބޮޑަށް އަޅުގަނޑުމެން މިބަލަނީ ކޮންޓްރެކްޓް މިހާރު އޮތްހިސާބުން ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ. ކުރިއަށް ނުގެންދެވެންޏާ ވެސް އެނިންމުން ވެސް މިބުނާހެން މަޝަވަރާތަކަކަށް ފަހު ކަންނޭނގެ ގޮތެއް ނިންމޭނީ. އަދި އެފަދަ މަޝްވަރާތަކެއް ކުރެވޭ ނަމަ މީގެ ރައްދުވާ ފަރާތް، ހެވީލޯޑު ވެސް މީގައި އިންނަން އެބަޖެހޭ. އަޅުގަނޑުމެން މިގެންދަނީ އެ މަސައްކަތް މިހާރު ކުރަމުން،" އިލްހާމް ވިދާޅުވި އެވެ.

އެކާވީސް މިލިއަން ޑޮލަރަށް ހެވީލޯޑާ ހަވާލުކޮށްފައިވާ ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި އަލުން ބިޑުކޮށްގެން ބަޔަކާ ހަވާލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓީސީއެލް އަށް އަންގައިފަ އެވެ. އެ މަސައްކަތް މެދުކަނޑާލާފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހެވީލޯޑަށް ނާޖާއިޒް ފައިދާތަކެއް ހޯއްދަވައިދެއްވި ކަމުގެ ތުހުމަތުގައި ޓީސީއެލްގެ ބޯޑުގެ ކުރީގެ ތިން މެންބަރުންކަމަށްވާ މއ. މަޒާގޭ އިބްރާހިމް ރިޔާޒާއި ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރާއި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.