14 Jan 2013, 18:16
ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން 135900 ރުފިޔާގެ ފީނާ ސާމާނު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފި އެވެ.
މިއަދު ހަވީރު އިސްކަންދަރުކޮށީގައި ބޭއްވި ހަފްލާއެއްގައި ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދި ފުލުހުންގެ ފަރާތުން އެ އެއްޗިއްސާ ހަވާލުވެވަޑައިގަތީ ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒް އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ ހީނަރުކަމެއްގެ ސަބަބުން ސެކެއުރިޓީ ކޮމްޕުރައިޒްވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުގައި ގައުމަށް އެހީތެރިވާން އެ އިންޑަސްޓްރީ ތައްޔާރަށް އޮތް ކަމަށެވެ.
"މިއީ ފެށުމެއް، އަދި މިއާއެކީ ކުރިއަށްދިއުން. އަޅުގަނޑު ފާހަގަކޮށްލަން ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އެކިފަރާތްތައް އަބަދު ވެސް ތިއްބެވީ މިސަރުކާރާއި ފުލުހުންނާއި އަޅުގަނޑުމެންނާއި އެކީގައި ކަން. އަޅުގަނޑު ފާހަގަކޮށްލަން އެމްޔޫ މަނިކު، ޗަންޕާ އަފީފް، ސަންޓުރެވަލް ޝިޔާމް، ގާސިމް އިބްރާހިމް، އަހުމަދު މޫސާ(އުއްޗު) މިފަދަ ބޭފުޅުންނަކީ މި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް،" އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ ފުލުހުންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ނުކުންނަން ތިބި މީހުންކަމުން ބަޖެޓް ނުލިބިގެން ފުލުހުނަށް އެއްވެސް ކަމެއް ނުކުރެވުމަކީ އޭނާ އަށް ގަބޫލްކުރެވޭ ކަމެއް ނޫން ކަމަށެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިނިސްޕެކްޓާ އަހުމަދު ޝަމީމް ވިދާޅުވީ މިއަދު ލިބިފައިވާ ތަކެއްޗަކީ ފުލުހުންގެ ކުރިއެރުމަށް ޓަކައި އުފައްދާފައި ސުޕޮންސާޝިޕް ބޯޑަށް އެފަރާތުން ހުށައަޅަފައިވާ ޕްރޮޕޯޝަލްއަކަށް އެހީ ހޯދުމަށް ކުރި މަސައްކަތާ ގުޅިގެން ޓޫރިޒަމް މިނިސްޓަރުގެ އެހީތެރިކަމާ އެކު ލިބުނު ތަކެތި ކަމަށެވެ. އެހެންކަމުން ޝަމީމް ވަނީ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ އިތުރުން މިނިސްޓަރު އަދީބަށް ޝުކުރުއަދާ ކުރައްވައިފަ އެވެ.