14 Jan 2013, 17:59
ތަރައްޤީ ވަމުން އަންނަ ގައުމުތަކުގައި އަންހެނުން އިންޓަނެޓް ބޭނުންކުރާ ނިސްބަތް ފިރިހެނުންނަށް ވުރެ ވަރަށް ބޮޑުތަން ފަހަތުގައިވާކަން ކަމާބެހޭ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
"އިންޓަލް ގްރޫޕް" އިން ނެރުނު ސާވޭ ރިޕޯޓެއް ބުނާ ގޮތުން ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އިންޓަނެޓް ބޭނުންކުރާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށް ވުރެ އެވްރެޖްކޮށް 25 އިންސައްތަ ދަށުގައިވާ އިރު މީގެތެރެ އިން ބައެއް ގައުމުތަކުގައި އިންޓަނެޓް ބޭނުންކުރާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށް ވުރެ 40 އިންސައްތަ ދަށެވެ. "އިންޓަލް ގްރޫޕް" ން މިރިޕޯޓް ތައްޔާރުކޮށްފައި ވަނީ ތަރައްގީވަމުން އަންނަ އެތައް ގައުމަކުން 2200 އަންހެނުންނާއި އަންހެންކުދިން ބައިވެރިކޮށް އެ މީހުންގެ ފަރާތުން ހޯދާފައިވާ މައްލޫމާތުގެ އަލީގަ އެވެ. މި ގައުމުތަކުގެ ތެރޭގައި މިސްރު، އިންޑިޔާ، މެކްސިކޯ، ޔުގަންޑާ، ކެންޔާ، މެލޭޝިޔާ ފަދަ ގައުމުތައް ހިމެނެ އެވެ.
މީގެ އިތުރުން އދ. އާއި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކަމާ ބެހޭ މަޢްލޫމާތާއި ތަފާސް ހިސާބުތައް ވެސް މި ރިޕޯޓް ތައްޔާރުކުރުމުގައި "އިންޓަލް ގްރޫޕް" ން ބޭނުންކޮށްފައިވެ އެވެ. "އިންޓަލް ގްރޫޕް" އަކީ ކޮންޕިއުޓާ ޗިޕް އުފެއްދުމުގައި ދުނިޔެއަށް މަޝްހޫރު ކުންފުންޏެކެވެ. މިރިޕޯޓް ބުނާގޮތުން ތަރައްގީ ވަމުންދާ ގައުމުތަކުގައި އިންޓަނެޓް ބޭނުންކުރާ އަންހެނުންގެ ތެރޭގައި ގިނައީ ޒުވާން އަންހެނުންނާއި މެދުފަންތީގެ ޢާއިލާތަކަށްވުރެ ވެސް ތަނަވަސް އާއިލާތަކުގެ އަންހެނުންނާއި ފުރާވަރުގެ އަންހެންކުދިންނެވެ.
ނަމަވެސް މިގައުމުތަކުގައި ވެސް މެދުއުމުރުގެ ފިރިހެނުންނާއި ފަގީރު ޢާއިލާތަކުގެ ފިރިހެނުން އަންހެނުންނާ އަޅާބަލާއިރު އިންޓަނެޓް މާބޮޑަށް ބޭނުންކުރެ އެވެ. މީގެއިތުރުން ތަރައްޤީވަމުން އަންނަ ގައުމުތަކުގެ ގިނަ އަންހެނުން އިންޓަނެޓް ބޭނުންކުރަނީ މަޢްލޫމާތުގެ ޚަޒާނާ މުއްސަނދި ކުރުމަށް ވުރެ ބޮޑަށް ވަޒީފާގެ ފުރްސަތު ހޯދުމަށާއި ކައިވެނި ކުރާނެ ރަނގަނޅު ފިރިހެނުން ހޯދުމަށާއި ފައިސާ ހޯދާނެ ގޮތްތައް ބެލުމުގެ ބޭނުމުގައި ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ އަންހެނުންގެ މައްސަލަތަކާ ބެހޭ ސަފީރާ މިލާން ވެރްވޭރް ވިދާޅުވި ގޮތުގައި އިންޓަނެޓުން ތަޢްލީމާއި ތަމްރީނާއި ލިބިގަތުމާއި މަޢްލޫމާތު ހޯދުމުގެ އާދަޔާ ޚިލާފު ފުރްސަތުތަކެއް ފަހިވެފައިވީ ނަމަވެސް މިވަސީލަތް ބޭނުންކުރުމުގައި ތަރައްގީ ވަމުން އަންނަ އަންހެނުންގެ ހޭލުންތެރިކަން ވަރަށް ކުޑަ އެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގެ އާބަން އޭރިޔާ ތަކުގައި އިންޓަނެޓް ބޭނުންކުރުމުގައި ދެޖިންސް ދާދި އެއްވަރެއްގައި ވީނަމަވެސް އެގައުމުތަކުގައި ރައްފުށުގެ ސަރަޙައްދުތަކުގައި ވިލެޖްތަކުގައި އިންޓަނެޓް ބޭނުންކުރުމުގައި އަންހެނުން އުޅޭނީ ފިރިހެނުންނަށް ވުރެ މާ ފަހަތުގަ އެވެ.
އިންޓެލް ގްރޫޕްގެ ޗެއަރމަންގެ ނައިބު ޝެލީ އިސްކު ވިދާޅުވި ގޮތުގައި އަންހެނުންނާއި ފިރިހެނުން އެއްކޮށް މުޅި އާބާދީ އަށް ބަލާއިރު ވެސް ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ ނިސްބަތް ތަރައްގީ ވެފައިވާ ގައުމުތަކަށްވުރެ އެތަށް ގުނައެއް ދަށެވެ. މިގޮތުން އެމެރިކާގެ އާބާދީގެ ތެރެއިން 79 އިންސައްތަ މީހުން އިންޓަނެޓްގެ ބޭނުންކުރާއިރު އިންޑިޔާގެ އާބާދީގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ ނިސްބަތަކީ 11 އިންސައްތަ ކަމަށް އޭނާ ވިދާޅުވި އެވެ. (ރޮއިޓާސް)