14 Jan 2013, 17:43
މާލޭ ސިޓީ ކައުންސިލް އުވާލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިއަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ބަލަމުންދާ ކަމަށާއި އެލްޖީއޭގެ ގާނޫނީ ޓީމުން ދެއްވާ ލަފަޔަކާއެކު ސިޓީ ކައުންސިލް އުވާލުގެ މައްސަލަ އެލްޖީއޭގެ ބައްދަލުވުމަށް އެޖެންޑާ ކުރަން ނިންމައިފި އެވެ.
ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެލްޖީއޭގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވީ މާލޭ ސިޓީ ކައުންސިލް އުވާލުމަށް އެދި ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އެލްޖީއޭގެ ދެން ބާއްވާ ބައްދަލުވުމަކަށް އެޖެންޑާ ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން ގާނޫނީ ލަފާ މިހާރު ހޯދަމުންދާ ކަމަށާއި ގާނޫނީ ލަފާ ހޯދަނީ އެލްޖީއޭގެ ގާނޫނީ ޓީމުން ކަމަށެވެ.
"އެލްޖީއޭގެ ބޯޑަށް މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން އެ މައްސަލައަކާއި ގުޅޭ ގޮތުން ގާނޫނީ ގޮތުން ހޯދަން ޖެހޭ ވަރަަށް ގިނަ ލަފާ ހުންނާނެ. އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ވަރަަށް ގިނަ ކަންތައްތައް ހުންނާނެ. އެހެން ވީމާ އަޅުގަނޑުމެން މިދަނީ އެ މައްސަލާގައި ގާނޫނީ ގޮތުން ހޯދަން ޖެހޭ ލަފާތައް ހޯދަމުން،" ޝުކުރީ ވިދާޅުވި އެވެ.
އެލްޖީއޭގެ ބޯޑް މެންބަރުންގެ ބައްދަލުވުންތަކަކީ މަހަކު ދެ ފަހަރު ބާއްވާ ބައްދަފަލުވުން ތަކެކެވެ. އެ ބޯޑޫގެ މި މަހުގެ ފުރަތަމަ ބައްދަލުން ވަނީ މަހުގެ ކުރީ ކޮޅު ބާއްވާފަ އެވެ. ދެ ވަނަ ބައްދަލުވުން އޮންނަނީ މި މަހުގެ ފަހުކޮޅެވެ.
މާލޭ ސިޓީ ކައުންސިލް އުވާލަން ސަރުކާރުން އެލްޖީއޭ ހުށަހެޅީ މާލޭ ސިޓީ ކައުންސިލުން އަދާ ކުރަން ޖެހޭ ވާޖިބު ތަކާއި ޒިންމާތައް އަދާ ނުކުރެވޭ ކަމަށް ބުނެ އެވެ. އަދި ސަރުކާރުން ބުނެފައި މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ސިޓީ ކައުންސިލް ފެއިލް ވެފައިވާ ކަމަށެވެ.
ސަރުކާރުން މާލޭ ސިޓީ ކައުންސިލް އުވާ ލުމުގެ މައްސަލަ އެލްޖީއޭ އަށް ހުށަހަޅާފައި ވަނީ މި މަހުގެ ކުރީ ކޮޅު އެވެ.