މާލޭ އިރުމަތީ ފަރާތު، ރާޅުގަނޑު ސަރަހައްދުގެ ފަރަށް އެރި އާގު ބޯޓުން، ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 61 މިލިއަން ރުފިޔާގެ ގަރަންޓީއެއް ހޯދުމަށް ސަރުކާރުން ބޯޓުގެ ވެރިފަރާތަށް ހުށަހަޅައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެސެސް ކުރި އިރު ބޯޓް ފަރަށް އެރުމުން ލިބުނު ގެއްލުން 61 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ބުނެފައިވާ ކަމަށާއި އެ މައްސަލާގައި ބޯޓުގެ ވެރި ފަރާތުން ތިން ދުވަހުގެ ތެރޭގައި ޖަވާބު ދާރީވުމަށް މިއަދު މުހުލަތުދީފައިވާ ކަމަށެވެ.

ނަމަވެސް ނާފިޒު ވިދާޅުވީ އެ ބޯޓް އަދި ޖޫރިމަނާ ނުކުރާ ކަމަށާއި ޖޫރިމަނާކުރައް ވާނީ ތިން ދުވަހުގެ ތެރޭގައި ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

އީޕީއީގެ ޑިރެކްޓަރު އިބްރާހީމް ނައީމު ވެސް މިއަދު ސަން އަށް ވިދާޅުވީ ލައިބީރިޔާގައި ރަޖިސްޓްރީކޮށްފައިވާ 27،000 ޓަނުގެ "އޮގަސްޓޯ ޝައުލްޓް" އަދި ޖޫރިމަނާ ނުކުރައްވާ ކަމަށާއި ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމަކީ 61 މިލިއަން ރުފިޔާ ކަމަށް އެ ފަރާތުގައި ދަންނަވާފައިވާ ކަމަށެވެ. އޭނާ ވެސް ވިދާޅުވީ އެ އަދަދާ މެދު ދެ ފަރާތުން އެއްބަސްވުމަށް އަންނަން ޖެހޭ ކަމަށާއި އެކަމަށް ޖަވާބުދާރީވުމަށް ތިން ދުވަސް ދީފައިވާ ކަމަށެވެ.

ދިގުމިނުގައި 210 މީޓަރު، އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ އޮސްޓްރިއާގެ އާގު ބޯޓުގެ ދިރުބާކޮޅު މާލޭ ފަރަށް އެރި ހާދިސާއާ ގުޅޭ ގޮތުން ޓްރާސްޕޯޓުން ބުނެފައި ވަނީ ކޮންމެ އަކަ މީޓަރަކަށް، 85،000ރ. އިން ޖޫނިމަނާ ކުރުމުގެ ބާރު ގާނޫނުން ސަރުކާރަށް ލިބޭ ކަމަށެވެ.

ރާޅުގަނޑު ސަރަހައްދުގެ ފަރަށް މި މަހުގެ 7 ވަނަ ދުވަހު އާގު ބޯޓް އެރީ ގާދޫކޮލުން ވަދެގެން، މާލެއިން ހުޅުލެއާ ދެމެދު ކަނޑުން ވަނުމަށް ފަހު، އަނބުރާލާފައި ބޭރުކަނޑަށް ނުކުންނަށް އުޅެނިކޮށެވެ. ބޯޓް ފުންކުރީ ތިން ގަޑިއިރުގެ މަސައްކަތަށް ފަހު އެވެ. ބޯޓް ފުންކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބޯޓްގެ އެޖެންޓުން އެހީގައި ބޭނުން ކުރީ ދެ ޓަގަކުންނެވެ. ބޯޓް ފުންކުރި އިރު، އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވެސް ހަރަކާތްތެރިވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުކޮޅު ވަނީ ޝަންގްރިއްލާ ފަރަށް ވެސް ބޮޑު އާގު ބޯޓެއް އަރައި އެ ރިސޯޓްގެ ފަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އަދި އެ ބޯޓު ފުންވީ ފަރުމަތީގައި އޮންނަތާ މަސް ދުވަސް ފަހުންނެވެ.
އެ ބޯޓު ފުން ނުކުރެވި ގިނަ ދުވަސްވާން ފެށުމުން ދުވާލަކު 700،000ރ.ގެ ރޭޓުން އެ ބޯޓު ޖޫރިމަނާކުރި އެވެ. ނަމަވެސް އެ ފައިސާ އަދި ސަރުކާރަށް ދެއްކި ކަމެއް ކަމާ ބެހޭ ފަރާތްތަކުން ބުނެފައެއް ނުވެ އެވެ.

އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރު އޮތް ދުވަސްވަރު ހިނގާފައިވާ އެ ހާދިސާ ވެސް "އޮގަސްޓޯ ޝައުލްޓް" އިން ފަރަށް ލިބުނު ގެއްލުން ބަލަމުން އަންނަ އިރު "ފެންމަތިވެފައިވާ" ކަމަށެވެ.