އެމްޑީޕީގެ ސަރުކާރުން އުފެއްދި ތައުލީމީ ޔުނިޓްތަކުގެ ހިންގުން ހަރުދަނާކޮށް ފުޅާކުރުމުގެ ބަދަލުގައި އެ ޔުނިޓްތައް މި ސަރުކާރުން އުވާލުމަކީ އެއްވެސް ހާލެއްގައި ތައުލީމީ ރަނގަޅު ސިޔާސަތެއްގެ ދަށުން ނިންމި ނިންމުމެއް ނޫން ކަމަށާއި އެއީ ސިޔާސީ ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި އުފެއްދި ތައުލީމީ ޔުނިޓްތައް އުވައިލައްވައި ދުވަހުން ދުވަހަށް ސްކޫލްތައް ހިންގުން އަނބުރާ އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ސަރުކާރުން އެ ނިންމި ނިންމުމަކީ ތައުލީމީ ހަރަކާތުގެ ތެރޭގައި އޮންނަ ހުރިހާ ބާރެއް އެޑިޔުކޭޝަން މިނިސްޓްރީގެ ބާރުގެ ދަށަށް ގެންދިޔުމަށްޓަކައި ނިންމި ސިޔާސީ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ އެއްވެސް ހާލެއްގައި ތައުލީމީ ރަނގަޅު ސިޔާސަތެއްގެ ދަށުން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީ ސަރުކާރުން އަތޮޅުތަކުގައި ތައުލީމީ ޔުނިޓްތައް ގާއިމުކުރީ، އެމްޑީޕީ އިން ބުނި ގޮތުގައި، އަތޮޅުތަކުގެ ތައުލީމީ ހިންގުން ހަރުދަނާކޮށް ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއި އަދި ޢާންމުކޮށް ސްކޫލްތަކާ ވީހާ ވެސް ކައިރިކުރުމަށް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިސަރުކާރުގެ ތައުލީމީ ސިޔާސަތައް ފާޑު ކިޔައި އެމްޑީޕީން ނެރުނު ނޫސް ބަޔާންގައި އިތުރަށް ބުނެފައި ވަނީ، ވޭތުވެދިޔަ ތިން އަހަރުގައި ރާއްޖޭގެ ސްކޫލްތަކުގެ ނަތީޖާ އަށް އައި ބަދަލުގައި އެ ޔުނިޓްތަކުގެ ޙިއްސާ ވަރަށް ބޮޑު ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ތައުލީމީ ކަންކަން ހިންގަމުން ގެންދަނީ ލާމަރުކަޒީ އުސޫލުން ކަމަށާއި އަދި ރާއްޖޭގެ ތައުލީމަށް ކުރިއެރުން އަންނަމުންދާ ދަނޑިވަޅެއްގައި އެއްވެސް ދިރާސާއެއް ކުރުމެއްނެތި އެ ޔުނިޓްތައް އުވާލުމަކީ ކުރިމަގުގައި ހެޔޮ ނަތީޖާ ލިބޭނެ ކަމެއް ކަމަކަށް ނުފެންނަ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ްއެޑިޔުކެޝަން މިނިސްޓްރީ އިން މިއަދު ބުނީ އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ސަރަހައްދީ އެޑިއުކޭޝަންގެ ޔުނިޓްތަކުގެ ބަދަލުގައި އެ ހިދުމަތް ސީދާ ސްކޫލްތަކުން، އަތޮޅު ފެންވަރުގައި ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.