ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެދި 23 ފަރާތަކުން ކުރިމަތި ލައިފި އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނު ކުރުމުން 23 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އެ ފަރާތްތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ދިރާސާކޮށް ޝަރުތު ހަމަވޭތޯ ބަލައި ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަވިއުތައް ވަރަށް އަވަހަށް ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.


ހައި ކޯޓަށް ލައްވަން އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެގާރަ ހާސް އެއް ސަތޭކަ ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި ތޭރަ ހާސް ރުފިޔާ އާއި ހާއްސަ އެލަވަންސްގެ ގޮތުގައި މުސާރައިގެ 40 ޕަސެންޓަށްވާ ހަތަރު ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ އެވެ. އަދި ޓްރާންސްޕޯޓް އެލަވަންސަށް އެއްހާސް އަށް ސަތޭކަ ފަސް ދޮޅަސް ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެއެވެ.


މުސާރަ އާއި އެލަވަންސްތަކާ އެކު ޖުމްލަ 35950ރ.  ހައިކޯޓުގެ ފަނޑިޔާރަކަށް ލިބެ އެވެ.


ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގައި ތިއްބަވާނީ 11 ފަނޑިޔާރުންނެވެ. މިވަގުތު އެ ކޯޓުގައި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ. އެންމެ ފަހުން އެ ކޯޓަށް ލެއްވި ފަނޑިޔާރަކީ އިންތިގާލީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނިޑޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.


ފަނޑިޔާރުންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ހ)ގައި ބަޔާން ވެގެންވާ ސުޕްރީމްކޯޓް ގާއިމުކޮށް އެ ކޯޓަށް އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން އައްޔަންވުމުން ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ސުޕްރީމް ކޯޓް ނިމުމަކަށް އައިސް އެ ކޯޓުގެ ފަނޑިޔާރުންގެ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށް ބުނެ އެވެ.


ހަމަ އެއާ އެކު އެ މާއްދާގެ (ނ)ގައި ބުނަނީ އެ މާއްދާގެ (ށ)ގައިވާ އުސޫލަށް ނިސްބަތްވާ ފަނޑިޔާރުންނަށް އެހެން ކޯޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޖޭއެސްސީން ހަމަޖައްސައިދޭންވާނެ ކަމަށެވެ. އަދި އެމީހުންގެ ފަނޑިޔާރުކަމުގެ ވަޒީފާ ނިމުމަކަށް އަންނާނީ އެގޮތަށް ދެވޭ ފުރުސަތުގައި އެހެން ކޯޓެއްގައި މަސައްކަތް ކުރުމަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފިނަމަ ކަމަށެވެ. އެހެންކަމުން އިންތިގާލީ ސުޕްރީމް ކޯޓުން ވަކިވި ފަނޑިޔާރުންނަށް ވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބެ އެވެ.