14 Mar 2010, 10:07
10:00
ޔުނިވަރސިޓީ އޮފް އައިސްލެންޑްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތަޤްރީރު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށާއި، އެ މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ވަރަށް ބޮޑު ޙަޤީޤަތެއްކަން ޢިލްމީ ހޯދުންތަކުން އެބަ އެނގޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރިއަށް ގެންދަވަމުން، މި ޙަޤީގަތްތައް ޤަބޫލު ކުރުމަށް ދެކޮޅުހަދާ ބަޔަކު، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅުމަށް ވަރަށް ބޮޑަށް ރާވައިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި ތިމާވެށްޓަށް ގެއްލުންދޭ ކާރބަން ޖައްވަށް ދޫކުރާވަރު މަދުކުރުމަށް ފިޔަވަޅު އެޅުމަކީ، ތަރައްޤީއަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ، ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކާ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދެކޮޅުހަދާ ޤައުމުތަކަށް އައިސްލެންޑަކީ، މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ މަދު އަހަރު ތަކެއް ކުރިން، އައިސްލެންޑަކީ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި އޮތް ޤައުމެއް ކަމަށްވިޔަސް، މިހާރު އައިސްލެންޑަކީ ޔޫރަޕް ސަރަޙައްދުންވެސް އެންމެ ބޮޑަށް ތަރައްޤީވެފައިވާ އެއްޤައުމުކަން ފާހަގަކުރައްވައި، މިއީ މިފަދަ ޤައުމުތަކަށް ހުރި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ ހުރިހާ ޤައުމުތައް، ވަކި އެއްބަސްވުމަކަށް އައުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކުން މަސައްކަތް ކުރަމުން ގެންދަންވީ، ވާހަކަތަކެއް ދެއްކުމަށްވުރެ ބޮޑަށް ޢަމަލީގޮތުން ކަންތައްތަކެއްކޮށް، އޭގެ ނަތީޖާ ޙާޞިލު ކުރުމަށް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޔުނިވަރސިޓީ އޮފް އައިސްލެންޑުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރު އަޑުއެއްސެވުމަށް، އައިސްލެންޑުގެ ރައީސް އޮލަވުރު ރަގްނާ ގްރިމްސަން ވަޑައިގެންނެވި އެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމުގެ ކުރިން، އެމަނިކުފާނުގެ ތަޢާރަފް ދެއްވުމުގެ ގޮތުން، އައިސްލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސް ނަޝީދަކީ، ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށާއި، ޑިމޮކްރަސީއަށާއި، އިންސާނީ ޙައްޤުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސަމާލުކަމުގެ މައްޗަށްވެސް އައިސްލެންޑުގެ ރައީސް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އައިސްލެންޑް ޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވަރސިޓީގެ ނެޗުރަލް ސައެންސަސް ބިލްޑިންގއަށް ވަޑައިގެން، އެ ބިލްޑިންގ ބައްލަވާލެއްވި އެވެ. އަދި އެ ޔުނިވަރސިޓީގައި ހިންގަމުން ގެންދާ ޖިއޮލޮޖިކަލް އަދި ކްލައިމެޓް ރިސަރޗާ ބެހޭގޮތުން ރައީސް ނަޝީދަށް މަޢުލޫމާތު އެރުވި އެވެ. މީގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމުގެ ސަބަބުން، އައިސްލެންޑަށާއި ކަނޑުގެ ލޮނުގަނޑަށާއި، ދުނިޔެއަށް އަންނަ ބަދަލުތައް ދެނެގަތުމަށް، އެ ޔުނިވަރސިޓީން ކުރަމުން ގެންދާ ދިރާސާތަކާބެހޭ މަޢްލޫމާތު ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އައިސްލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ސްވިޓްޒަރލެންޑަށް ވަޑައިގަންނަވާނެ އެވެ.