14 Jan 2013, 15:17
ފަންސާސް ރުފިޔާގެ ވަގުނޫޓް ގެންގުޅުނު މީހަކު 5000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ފަންސާސް ރުފިޔާގެ ތިން ވަގުނޫޓް ގެންގުޅުމުގެ ކުށުގައި 5000ރ. އިން ޖޫރިމަނާކޮށްފައި ވަނީ ވ. ކިބިކުރި ހުސެއިން ރަޝީދެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މެއި 23 ވަނަ ދުވަހުގެ ރޭ 8:05 އެހާކަންހާއިރު އިތުރު މީހަކާ އެކު މާވެޔޮ މިސްކިތް ކުރިމަތީ އޮންނަ ހަނިގޯޅިން ހުސެއިން ރަޝީދު ވަންނަން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާގެ ވޮލެޓުން 50ރ. ގެ ސައްހަ ނޫން ތިން ނޫޓު ފެނިފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ވަގު ނޫޓު ގެންގުޅުމުގެ ކުށް ހުސެއިން ރަޝީދުގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ 5000ރ. އިން އޭނާ ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 96 ވަނަ މާއްދާގެ ދަށުންނެވެ.
"....މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށް ވާތީ، މިކުށުގެ އުގޫބާތެއްްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 96 ވަނަ މާއްދާގެ ދަށުން މާލެ / ވ. ކިބިކުރި ހުސެއިން ރަޝީދު 5000ރ. އިން ޖޫރިމަނާ ކުރިމަނާ ކޮށް، މިފައިސާ މިއަދު [14 ޖެނުއަރީ 2013] ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ހުސެއިން ރަޝީދަށް އަންގައި މިގޮތުގެ މަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.