މި އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ސްކޫލް ކުދިން އިލްމީ ގޮތުން ހާސިލު ކުރާ މިންވަރު މަތިކޮށް މުދައްރިސުންނާއި މުވަޒަފުން ތަމްރީންކޮށް ފެންވަރު މަތިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ޑރ. އާސިމް މިއަދު މީޑިއާ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވިދާޅުވީ ދިރާސީ އާ އަހަރަށް ކުރިމަތިލާ އިރު އެ މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ ސްކޫލް ކުދިންގެ އަހްލާގު ރަނގަޅުކޮށް ތައުލީމީ ގޮތުން އެ ކުދިންގެ ފެންވަރު މަތި ކުރުން ކަމަށެވެ.

"ދިރާސީ އާހަރަކަށް އަޅުގަނޑުމެން ކުރިމަތިލާ އިރު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެންމެ މުހިންމު އަމާޒަކީ ދަރިވަރުންގެ ތަރުބީއްޔަތަށް އިސްކަން ދިނުމާއެކު ޢިލްމީ ގޮތުން ހާސިލް ކުރާ މިންވަރު މަތިކުރުމާއި
މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރު ކުރުމާއި ސްކޫލްތަކުގެ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުން،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި އެވެ.

ސްކޫލް ކުދިން ތައުލީ ފެންވަރު ތަރައްގީ ކުރުމުގެ އިތުރުން އެ ކުދިންގެ ސިއްހީ، ނަފްސާނީ އަދި އިޖްތިމާއީ ތަރައްގީ އަށް ހާއްސަ ސަމާލު ކަމެއް މިއަހަރު ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސްކޫލް ކުދިންގެ ތައުލީމީ ފެންވަރު ތަރައްގީ ކުރުމުގެ ގޮތުން ސްކޫލްތަކުގައި ޓެކްނިކަލް ތަފާތު އެކި ވޯކްޝޮޕްތަކާއި އެކި ޕްރޮގްރާމްތައް މޯލްޑްވިސް ޕޮލިޓެކްނިކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުދައްރިސުންނާއި ސްކޫލްތަކުގެ މުވަޒަފުންގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ޓަކައި އަލަށް އުފައްދާފައިވާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ހާއްސަ މަސައްކަތްތަކެއް މި އަހަރު ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ތަމްރީންތައް ފެށުމުން އަތޮޅުތެރޭގައި ތިބިގެން ވެސް ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތަކީ ތައުލީމްގެ ފެންވަރު މަތިކުރުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލް ކުދިންނަށް ދޭން ޖެހޭ ތައުލީމާއި ތަމްރީން ދިނުމަށްޓަކައި ސްކޫލްތަކުގައި ގާއިމް ކުރަން ޖެހޭ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މި އަހަރު ވެސް ކުރިއަށްދާނެ ކަމަށެވެ.

"މި މަސައްކަތުގެ ތެރޭގައި ސްކޫލްތަކުގެ ކްލާސްރޫމް އިތުރު ކުރުމާއި ލެބޯޓްރީ ގާއިމް ކުރުމާއި ލައިބްރަރީ އިތުރަށް ތަރައްގީ ކުރުމާއި ކިޔަވައި ދިނުމުގާ ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް ހޯދަން ޖެހޭ ސާމާނު ހޯދުން ވެސް ހިމެނޭ."

އެޑިޔުކޭޝަނުން ބުނި ގޮތުގައި 2012 ވަނަ އަހަރުގެ ފަހުކޮޅު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ 70 ޕަސެންޓް ވަނީ އެއްދަންފަޅި އަށް ބަދަލުކޮށްފަ އެވެ. އަދި މި އަހަރު ނިމިގެންދާ އިރު އިތުރު ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޑިޔުކޭޝަނުން ބުންޏެވެ.

އެޑިޔުކެޝަން މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ސަރަހައްދީ އެޑިއުކޭޝަންގެ ޔުނިޓްތަކުގެ ބަދަލުގައި އެ ހިދުމަތް ސީދާ ސްކޫލްތަކުން، އަތޮޅު ފެންވަރުގައި ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އަލަށް ގާއިމު ކުރާ ނިޒާމްގެ ސަބަބުން އަތޮޅުތަކުގެ ސްކޫލްތަކާ ސީދާ އެޑިއުކޭޝަން މިނިސްޓްރީއާ މުއާމަލާތް ކުރެވޭނެ ކަމަށާއި އަދި އޭގެ ސަބަބުން ސްކޫލްތަކުގެ ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ނިޒާމް ގާއިމް ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ މީހުން ވެސް ތަމްރީންކޮށްފައިވާ ކަމަށް މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރަކީ ސްކޫލްތަކާއި ބެލެނިވެރިން ގުޅިގެން އިތުރު ކާމިޔާބީތަކެއް ދަރިވަރުންނަށް ހޯދައި ދެވޭނެ އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާ އިން ހާސިލް ކުރަން ބޭނުންވާ ލަޑުދަނޑި ހާސިލް ކުރެވޭނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.