އަރަބިއްޔާ ސްކޫލްގެ މޭނޭޖްމަންޓާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަސްއޫދު އިމާދު މިއަދު ވިދާޅުވީ ރައީސްގެ އެ ޒިޔާރަތަކަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ އެކު މި އަހަރު އަލަށް ކިޔަވާދޭން ފަށާފައިވާ އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ކިޔެވުމުގެ ކަންތައްތައް ހުރި ގޮތް ބައްލަވާލެއްވުމަށާއި މުޅިން ނުނިމި ހުރި އެއިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި ސްކޫލް މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

"މިބައްދަލުވުމުގެ ބޭނުމަކީ ސްކޫލްތަކުގެ ކިޔެވުން އާ އަހަރަށް ފެށުމާ ގުޅިގެން އެ ސްކޫލްތަކުގެ ކަންތައްތައްތައް ހުރި ގޮތް ބައްލަވާލެއްވުން. އިތުރު ސްކޫލްތަކަށް ވެސް ވަޑައިގެންނަވާ ގޮތަށް ހަމަޖެހިފައި އޮތީ،"މަސްއޫދު ވިދާޅުވި އެވެ.

އެބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ މަދްރަސާއަށް މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަން ހައްލުކުރެއްވުމަށް މިހާރުން މިހާރަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ސްކޫލްގެ ގްރޭޑް 7 އިން ފެށިގެން މަތީ ކްލާސްތަކުގެ ކިޔެވުން އާ އިމާރާތުގައި މިއަދު ފެށިފައިވާއިރު ދަށު ކްލާސްތަކުގެ ކިޔެވުން ވެސް ވީހާ އަވަހަކަށް އާ އިމާރާތުގައި ފެށުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ބޯޑުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އަރަބިއްޔާ ސްކޫލަށް މިވަގުތު ދިމާވެފައިވާ ބައެއް ދަތިތައް ބޯޑުގެ މެންބަރުން ރައީސްއާ ހިއްސާ ކުރެއްވި އެވެ. އަދި އަރަބިއްޔާގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާކަން ބޯޑުގެ މެންބަރުން ފާހަގަކުރެއްވި އެވެ.

އަރަބިއްޔާއަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ އިމާރާތް މުޅިން ނިމި ހުރިހާ ކްލާހެއްގައި ކިޔަވައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އިމާރާތަށް ބޭނުންވާ ފަރުނީޗަރު ވެސް އެހާތަނަށް ލިބޭނެ ކަމުގައި ވިދާޅުވި އެވެ. އަދި މިދުވަސްކޮޅުގެ ތެރޭގައި ދަރިވަރުންނާއި މަދްރަސާގެ މުދައްރިސުންނާއި ބެލެނިވެރިން ވެސް ކެތްތެރިކަމާއެކު އެ ފުރުސަތުގެ ބޭނުންކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ދަރިވަރުންގެ މައިންބަފައިންނަށާއި މުދައްރިސުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވި އެވެ. އަދި މިއަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ކާމިޔާބު އަހަރަކަށްވުމަށް އެދިވަޑައިގެންނެވި އެވެ.

އަރަބިއްޔާ ސްކޫލަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސް ވަހީދު މިއަދު ވަނީ އިސްކަންދަރު ސްކޫލަށާއި އަމީނިއްޔާ ސްކޫލަށް ވެސް ވަޑައިގެންފަ އެވެ. އެ ސްކޫލްތަކުގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި އެ ދެ ސްކޫލުތަކުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު އެ ސްކޫލްގެ އާ އިމާރާތުގައި ކިޔަވާދިނުމަށް ހަމަޖައްސާފައި ވަނީ ސްކޫލްގެ ފަސް ވަނަ ބުރި އާއި ހަ ވަނަ ބުރި އަދި ހަތް ވަނަ ބުރީގަ އެވެ. އެ ބައިތަކުގައި ކިޔަވަމުން ގެންދަނީ ގްރޭޑް 7 އިން 12 ގްރޭޑްތަކުގެ ކުދިންނަށެވެ. ގްރޭޑް 1 އިން ފެށިގެން 6ގެ ގްރޭޑްތަކުގެ ކުދިން ކިޔަވަން ގެންދާ ގޮތަށް ހަމަޖައްސާފައި ވަނީ އަމީނިއްޔާ ސްކޫލަށެވެ. އެ ސްކޫލަށް އެ ކުދިން ގެންދިއުމަށް ހަމަޖައްސައި ވަނީ މެންދުރު ފަހު އެވެ.

އަރަބިއްޔާގެ ސްކޫލްގެ އިމާރާތުގެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.