އޭއެފްސީ 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރާ ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ފައިނަލް ކުރެވޭނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވާއިރު، އެފްއޭއެމް އިން ދެން މަސައްކަތް ފަށާނީ ސްކޫލްތަކާއި ކުޅުންތެރިންގެ ބެލެނިވެރިނާ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެއަށް ފަހު ފަރިތަކުރުންތައް ފަށާނެ ތާރީހެއް ފައިނަލް ކުރެވޭނެ ކަމަށް މާއްޓޭ ވިދާޅުވި އެވެ.

"ސްކޫލްތައް މިއަދު އަދި މިފެށުނީ. އަޅުގަނޑު މެން މިބަލަނީ ވީހާ ވެސް އަވަހަކަށް ޓީމުގެ ފަރިތަކުރުންތައް ފަށަން. ފަރިތަކުރުންތައް ފަށާނެ ފައިނަލް ތާރީހެއް ވެސް ފައިނަލް ކުރެވެން އޮތީ ސްކޫލް ތަކާއެކު ވާހަކަ ދެއްކުމަށް ފަހު،" މާއްޓޭ ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ ގްރޫޕް ސީ ފަޅީގަ އެވެ. އަދި ރާއްޖެއާ އެކު ގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ އުޒްބެކިސްތާނާއި ތަޖިކިސްތާނާއި ނޭޕާލާއި ބޫޓާން އަދި އަފްގާނިސްތާނެވެ.

މާއްޓޭ ވިދާޅުވީ، ރާއްޖެ ފަޅީގެ މެޗްތައް ނޭޕާލް ގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މެޗްތައް ކުޅޭ ތާރީހް އަދި މުޅިން ފައިނަލް ކޮށްފައި ނުވާ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް އެފްއޭއެމް އިން ހަމަޖއްސާފައި ވަނީ އިހުސާން އަބުދުލްގަނީ (ސާންތީ) ކަމަށް ވެސް މާއްޓޭ ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބާއްވާ މިމުބާރާތުގެ ކޮލިފައިންގައި 46 ގައުމަކުން ވާދަކުރާ އިރު، ގައުމުތައް ވަނީ އަށް ގްރޫޕަކަށް ބަހާލައިފަ އެވެ. އެގޮތުން ގައުމުތައް އަށް ގްރޫޕަށް ބަހާލައިފައި ވަނީ ހަތަރު ޒޯނަށް ބަހާލުމަށް ފަހު އެވެ. އަދި މުބާރާތަށް ކޮލިފައި ވާނީ ކޮންމެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ކުރި ހޯދާ ޓީމެވެ.