14 Jan 2013, 13:02
އާންމު ސިއްހަތަށް ނުރައްކާވާ ތަންތަނަށް ކޯޓް އަމުރަކާ ނުލައި ވަނުމުގެ އިހްތިޔާރު ލިބިފައި ވުމާއި ސިއްހަތަށް ނުރައްކާވާ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ބާރު ސިއްހަތުގެ ގާނޫނުގެ ދަށުން ލިބިދީފައި ވުމުން މުޖުތަމައުގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ގިނަ ބާރުތަކެއް ލިބިއްޖެ ކަމަށް އެ އެޖެންސީ އިން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އުވާލުމަށް ފަހު އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އެ ސެންޓަރުގެ މަސައްކަތް ބަދަލުކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަމަށެވެ.
ސިއްހަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ޓަކައި އުފެއްދި އެޗްޕީއޭ ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިން އިންޗާޖު އަސްމާ އިބްރާހިމް މިއަދު ވިދާޅުވީ ގާނޫނުން ދީފައިވާ ބާރުތަކުގެ ސަބަބުން ތަފާތުތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ސިއްހަތަށް ގެއްލުންވާ ގޮތަށް ކެއުން ބުއިމުގެ އާދަތައް ގެންގުޅޭ ތަންތަނާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި އުފެދިފައިވާ ފެންގަނޑުތަކުގެ މައްސަލަ އާއި މަގުމަތީގެ ކުނިބުނި މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ބާރުތަކެއް ލިބިފައިވާ ކަމަށެވެ.
"އެތަންތައް ބަލާނެ ކަމުގެ އިއުލާންތަކެއް އަޅުގަނޑުމެން ކުރާނަން. އެއަށް ފަހު ހުއްދައަކާ ނުލައި ނަމަވެސް ތަންތަން ބެލުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިދީފައިވޭ. އެކަންކަން ތަންފީޒު ކުރެވޭނެ ކަމަށް މި ބަލަނީ. ގާނޫނެއް އޮތަކަސް ކަންތައްތަކެއް ކުރިއަކަށް ނުދާނެ،. އެވަރުގެ ކެޕޭސިޓީއަކާ އެކު ކުރިއަށް ގެންދެވިއްޖެއްޔާ އެކަން ވާނީ،" އަސްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްޕީއޭ އަށް ދީފައިވާ ބާރުތައް ތަންފީޒު ކުރުމަށް އެ އެޖެންސީ އަށް ހިންގުމުގެ އޮނިގަނޑު އެކުލަވާލައި މަގާމުތައް ހަމަޖައްސާގެ ގޮތުގެ ތަފްސީލް ހެލްތު މިނިސްޓަރަށާއި މިނިސްޓްރީގެ ޕާމަނަންޓް ސެކަރެޓަރީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން އެ އޮނިގަނޑު ފާސް ކުރެއްވިހާ އަވަހަކަށް އެޗްޕީއޭ ހިންގުމުގެ އެންމެ އިސްފަރާތް ކަމަށްވާ ފަބްލިކް ހެލްތު ޑިރެކްޓަރު ޑިރެކްޓަރު ޖެނަރްއެއް ހޮވުމަށް އިއުލާން ކުރައްވާނެ ކަމަށް އަސްމާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އައްޔަން ކުރާ ފަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލްއަކީ ވަޒީރަށް ލިބިދޭ ހާއްސަ ބާރުތައް ވެސް ހަވާލު ކުރުމުން އެ ބާރުގެ ދަށުން އަމުރުތަކެއް ނެރެވިދާނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އަދި ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލް ނެރޭ އަމުރަށް ތަންފީޒު ކުރުމަށް ހުރަސް އެޅި މީހަކު 5000ރ. ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
ނުރައްކާތެރި ބައެއްޔެއް ޖެހިފައިވާ މީހަކު އެގްރެމިން ކުރުމަށްޓަކައި ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ހޯދިދާނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި އެފަދަ ބައެއްޔެއް ޖެހިފައިވާ މީހަކު އެގްޒަމިން ކުރުމުގައި އޭނާގެ ނުރުހުމުގައި އެ މީހެއްގެ ހަށިގަނޑުގައި ޑޮކްޓަރަކު އަތްލުމުން ކުށްވެރިނުވާނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި އޭނާގެ ބަލި ރަނގަޅު ނުވާ ނަމަ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ އިހްތިޔާރު ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ.
އެޗްޕީއޭ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަސްމާ ވިދާޅުވި ގޮތުގައި ސިއްހަތުގެ ގާނޫނުގައި ބުނާ ގިނަ ގަވާއިދުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގައިިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކުން މުޖުތަމައު ރައްކާތެރި ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގަވާއިދުތައް ހަދަމުންދާ ކަމަށެވެ. އަދި އެކި ކަންކަމުގައި ޖޫރިމަނާ ކުރާނެ އުސޫލް ބަޔާން ކުރާނެ ގަވާއިދުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ސިއްހަތުގެ ގާނޫނުގައި ޖޫރިމަނާ ކުރާގެ އުސޫލްތައް ބަޔާންކޮށްފައި ވަނީ ކާބޯތަންތަނުގެ ސާފުތާހިރުކަން ގެއްލުމާއި މަގުމަތި ހަޑިކުރުމާއި އިންސާނުނަށް ނުރައްކާވާ ދިރޭތަކެތި އުފެދި އުފެދުމުގެ މަގު ފަހިކޮށްފިނަމަ އެވެ.
ސިއްހަތުގެ ގާނޫނު ބުނާ ގޮތުން ކާނާ ވިއްކާތަނެއްގައި ނުވަތަ ހޮޓަލެއްގައި ކެމިކަލެއް ވާސިލްވެގެން އެނޫން ވެސް ގޮތަކަށް އެތާނގައި ތައްޔާރު ކުރާ ކާނާ ނަޖިސްވެއްޖެ ނަމަ 10،000ރ. އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާވާނެ އެވެ. އަދި ކާނާ ތައްޔާރު ކުރާ މީހަކީ ގައިގައިން އަރާ ބައެއް ހުރެ، އަދި ބައެއްޔެއް ފަތުރާ ވަސީލަތަކަށް އެނގި ހުރެ، ކާނާ އުފެއްދުމުގެ އެއްވެސް މަރުހަލާއެއްގައި ހަރަކާތްރިވެއްޖެ ނަމަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ގެތަކުގައި އާދަޔާ ހިލާފަށް އިތުރުވެފައިވާ މީދަލާއި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އުފައްދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އޮފިޝަލުން އެތަންތަނަށް ވަނުމުގެ ހުއްދަ ނުދީފި ނަމަ ނުވަތަ ހުރަސްއަޅައިފި ނަމަ އެ މީހަކު 5000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އާންމުން ބޭނުން ކުރުމަށް ހަދާ ކުޅިވަރު ފެންގަނޑެއް ހުއްދަ ނުހޯދައި ހަދައިފި ނަމަ 25،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާވާނެ އެވެ. އަދި އެ ފެންގަނޑަކީ ވަކި ދުވަސްވަރެއްގައި ގައިގައިން އަރާ ބައްޔެއް ފެތުރުމުގެ މެދުވެރިއަކަށް ވެއްޖެ ހާލަތެއްގައި އެތަން ބަންދުނުކޮށްފި ނަމަ ކުޅިވަރު ފެންގަނޑުގެ ވެރިފަރާތް 50،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާވާނެ އެވެ.