14 Jan 2013, 12:45
ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "އެމްއެންޑީއެފް ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯސް" މިއަދު ފަށައިފި އެވެ.
ގިރިފުށީގައި ހުންނަ އެމްއެންޑީއެފް ޓްރެއިނިން ސެންޓަރުގައި މިއަދު އެ ކޯސް ފައްޓަވައި ދެއްވައިދެއްވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވީ މިއަދު ފެއްޓި ކޯހަކީ އެމްއެންޑީއެފުން އިންތިޒާމްކޮށްގެން ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ ފުރަތަމަ ޓްރެއިނިން ކޯސް ކަމަށެވެ. އަދި މިއަދު އެމްއެންޑީއެފްގައި މަސައްކަތްކުރާ ސިފައިންނަކީ ތަފާތު ގިނަ ދާއިރާތަކުން ތައުލީމް ހާސިލުކޮށްފައިވާ ފަރާތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކޯސް ފެށުމުގައި މި ބައިވެރި ވަނީ އިންޑިއާގެ ކޯސްޓްގާޑާއި ސްރީލަންކާގެ ނޭވީ އާއި ނޭޕާލްގެ ނޭޕާލްގެ ސުޕެޝައަލް ފޯސްތަކުން. އަދި އެމްއެންޑީއެފްގެ 12 ބައިވެރިން. އަޅުގަނޑު ގަބޫލުކުރަނީ މިކޯހަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު ކޯހަކަށްވާނެ ކަމަށް. އަދި މުސްތަގުބަލުގައި ގިނަ ގައުމުތަކުން ބައިވެރިވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ފެށި ކޯހާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީފެ ކޯސްޓްގާޑް ލެފްޓިނެޓް މުހައްމަދު ޝަފީއު ވިދާޅުވީ ބޭރުގެ ސިފައިނަށް ފުރުސަތު ހުޅުވާލައިގެން މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޑައިވިން ކޯހުގައި ކަނޑުއަޑީގައި ދިމާވާ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތް ދަސްކޮށްދެވިގެންދާނެ ކަމަށެވެ.
"މިކޯހުގައި އިންޑިއާ، ނޭޕާލް، ލަންކާ ސިފައިންގެ ތެރެއިން ކޮންމެ ގައުމަކުން އެއް ކުއްޖަކު ބައިވެރިވާ އިރު ދިވެހި 12 ސިފައިން ބައިވެރިވޭ،" ޝަރީފު ވިދާޅުވި އެވެ.