01 Oct 2010, 05:37
ރިސޯޓްތަކުގެ ހަޅުތާލުތަކާއި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދައި ރަނގަޅު މަގަކަށް ގެންދަން ބޭނުންވާ ގަވައިދުތަކާއި ޤާނޫނުތައް މިހާރުން މިހާރަށް ބޭނުންވާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހަފުތާގެ ރޭޑިޔޯ ތަގުރީރުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެނޭޖްމަންޓްތަކާ ދެމެދު ދިމާވާ މައްސަލަތަކުގެ އަސްލަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށާއި އެ މައްސަލަތަކަށް ސުލްހަވެރި ހައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ރާއްޖޭގައި ފާހަގަކުރަމުންދާ ޓޫރިޒަމް ހަފުތާއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ
ރިސޯޓުތަކުގައި ނުކުންނަމުންދާ މައްސަލަތަކަށް ޙައްލެއް ހޯދުމުގައި ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެ ވެސް ޒިންމާ އެބައޮތް ކަމަށާއި އެކަމުގައި އަމަލުކުރާ ގޮތްތަކުން މުސްތަގުބަލް ގެއްލޭފަދަ ހާލަތެއް އައިސްގެން ނުވާނެ ކަމަށެވެ.
"އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން އަމަލުކުރާ ގޮތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލް އަޅުގަނޑުމެންނަށް ގެއްލިދާފަދަ ހާލަތެއް މެދުވެރިވެގެން ނުވާނެ" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަތަކަށް ހައްލު ހޯދައި ރަނގަޅު މަގަކަށް ގެންދިޔުމަށް ބޭނުންވާ ގާނޫނުތަކާއި ގަވައިދުތައް މިހާރުން މިހާރަށް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ހަޅުތާލު ކުރުމުގެ ހައްގާއެކު މުދަލުގެ ވެރިފަރާތަށް ޙިމާޔަތް ލިބުމަކީވެސް ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގަކަށް ވާއިރު ވަޒީފާގެ ރަނގަޅު ގަވާއިދުތަކަކާއި، ހަރުދަނާ އުސޫލުތައް ހުރުމަކީ ރާއްޖެ ތަރައްގީވުމަށް ތަރައްޤީވެ ދިޔުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސާފުކޮށް އެ ފިޔަވަޅުތައް އަޅަންޖެހެނީ ޓުއަރިޒަމް އިންޑަސްޓްރީ ސަލާމަތްކޮށް ހިފެހެއްޓުމަށް ކަމަށާއި މިހާރުން މިހާރަށް އަމަލު ކުރެވޭނެ ގޮތްތަކެއް ވެސް ހޯދަންޖެހޭ ކަމަށެވެ. ގާނޫނެއް ފާސްވަންދެން ވެސް ޓުއަރިޒަމް އިންޑަސްޓްރީއާއި އެއިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާ އެކުގައި މަޝްވަރާކޮށް ގަވާއިދުތަކެއް އެކުލަވައިލަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ތަހުގުރީރުގައި ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މާދަމާ އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގެ މައްޗަށްވެސް އަލި އަޅުވައިލެއްވެވި އެވެ.