ސްޕެއިންގެ ބާސެލޯނާ އާއި ބްރެޒިލްގެ ސަންތޯސްގެ ފޯވާޑް ނޭމާ އެއްބަސްވުމަކާއި ހަމައަށް އާދެވުނު ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ގާތްގަނޑަކަށް ބާސާ އިން ހުށަހެޅި 40 މިލިޔަން ޔޫރޯ އަށް ނޭމާ އެއްބަސްވެފައިވާ ކަމަށް ބުނެއެވެ.

ނޭމާ އެކުލަބާ ގުޅޭނެ ކަމަށް ރިޕޯޓްތަކުން ބުނަނީ އަންނަ ސީޒަން ފެށުމާ އެކު، ނުވަތަ ވޯލްޑް ކަޕް 2014 އަށް ފަހު ކަމަށެވެ.

"އަހަރެންނާއި ބާސާއާ އެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ. ނުވަތަ އެހެން އެއްވެސް ކްލަބަކާ އެކު ވެސް އެއްބަސްވުމެއް ހަދާފައެއް ނޯންނާނެ. އަހަރެން ހަމައެކަނި ސޮއިކުރީ ސަންތޯސް އާ އެކު. އެންމެ މުހިންމު ކަމަކީ އާއިލާއާ އެކު އުފަލުގައި ހުރުން." ނޭމާ ބުންޏެވެ.

ބްރެޒިލްގެ ލީގުގައި ކުޅެމުންދާތީ ނޭމާއަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދެ އެވެ. ފަހަކަށް އައިސް ނޭމާ ފާހަގަވެފައި ވަނީ ރީތި ގޯލްތަކެއް ޖަހާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ޒުވާން ތަރި ނޭމާ ގެންދިއުމަށް ޔޫރަޕްގެ ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުން ދެ އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން އިނގިރޭސި ކްލަބު ޗެލްސީއިން ވެސް ނޭމާ ގެންދިއުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން ދެ އެވެ.

އުމުރުން ވިހި އަހަރުގެ ނޭމާ އަދިވެސް ހުރީ މިދިޔަ އަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުގެ ފުޓްބޯޅަ އިވެންޓާއި 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުން ބަލިވުމުން އެކަމާމެދި މާޔޫސް ވެފަ އެވެ. "ކޮޕާ އެމެރިކާގެ ސަބަބުން އަހަރެމެން މާޔޫސްވި. އަދި އޮލިމްޕިކްސް ގޭމްސްގެ ސަބަބުން ވެސް ގިނަބަޔަކު އަދިވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައި،" ނޭމާ ބުންޏެވެ.

އެންމެ ފަހުން ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް ހޯދީ ފައިނަލުގައި ޖަރުމަން ބަލިކުރުމަށް ފަހު އެވެ.