14 Jan 2013, 10:14
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި ފޯރިގަދަ މެޗު ދޭއް އެކަކުން މެޗު ކާމިޔާބުކޮށް ތާވަލުގެ ކުރީގައި މެންޗެސްޓާ ޔުނައިޓެޑް ހަމަޖެހިލައިފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ލަނޑުމެޝިން ރޮބިން ވެންޕާސީ އެވެ. ޔުނައިޓެޑް ކޮންޓްރޯލް ކުރަމުންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެކެއް ސުމަކުން އެޓީމު ކުރީގައި އޮވެގެން ނެވެ.
ފަހުހާފު ކުޅުން ފެށުނު އިރު ދެ ޓީމުން ވެސް ވަނީ ޓީމަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ޔުނައިޓެޑުން އޭޝްލީ ޔަންގުގެ ބަދަލުގައި އެޓޯނިއޯ ވެލެންސިއާ ކުޅެން ނެރުނު އިރު ލިވަޕޫލުން ވަނީ ލެއިވާ ލޫކާސްގެ ބަދަލުގައި 12 މިލިޔަން ޕައުންޑް (288 މިލިޔަން ރުފިޔާ) އަށް ޗެލްސީން އެ ޓީމާއި ގުޅުނު ހުނަރުވެރި ފޯވާޑް ޑެނީލް ސްޓްރިޖް ކުޅެން ނެރެފައެ އެވެ.
ދެވަނަ ހާފުގެ ކުޅުންފެށިގެން ނުވަވަރަކަށް މިނިޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ލިވަޕޫލް ކޮޅަށް ދެވަނަ ލަނޑު ކާމިޔާބު ކޮށް އެޓީމަށް ޕްރެޝަރު އިތުރު ކޮށްފަ އެވެ. 54 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ނިމެންޖާ ވިޑިޗް އެވެ.
ލިވަޕޫލަށް އުންމީދު އާކޮށްދިނީ 57 ވަނަ މިނިޓުގައި ސްޓީވަން ޖެރާޑް ސަޕްލައި ކޮށްދިން ބޯޅަ ޔުނައިޓެޑްގެ ގޯލްގެ ވާތްފަރާތު ތިރީކަނަށް ބޯޅަ ވައްދާލައިގެން ޑެނީލް ސްޓްރިޖް އެވެ. ސްޓްރިޖްގެ ލަނޑާއެކު ނަތީޖާ ހަމަހަމަ ކުރަން ލިވަޕޫލްއިން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް ވަރުގަދަ ޔުނައިޓެޑް ކައިރީ މާބޮޑު ކަމެއް ނުކުރެވި މެޗް ނިމުނީ ދޭއް އެކަކުން ޔުނައިޓެޑް މޮޅުވެގެން ނެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާ ބުނީ އެނާ ގަބޫލުކުރާ ގޮތުގައި ރޭގެ މެޗަކީ އެ ޓީމަށް ޕޮއިންޓެއް ހޯދެން ޖެހޭނެ މެޗެކެވެ.
"އަހަރެމެން މިމެޗުން ބަލިވުން ހައްގެއް ނޫން... ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު، އެކަމަކު ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނީ،" ލިވަޕޫލް ކޯޗް ބުންޏެވެ.
މެޗުން މޮޅުވުމުން އުފަލުން ފޮޅިފައި ހުރި ޔުނައިޓެޑްގެ ބޮސް ސާ އެލެކްސް ފާގަސަން ވަނީ ރޮބިން ވެންޕާސީ ކާމިޔާބު ކޮށްދިން ފުރިހަމަ ލަނޑަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
"އެއީ މޮޅު ބިލްޑް-އަޕެއް. އަދި އެހާމެ މޮޅު ފިނިޝިންގް އެއް" ފާގަސަން ބުންޏެވެ.
ރޭގެ މެޗުން މޮޅުވުމުން ޔުނައިޓެޑް ތާވަލުގެ ކުރީގައި އޮތީ 55 ޕޮއިންޓާ އެކުގައެވެ. އަދި ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީ ރޭ އާސެނަލް އަތުން ދޭއް ސުމަކުން މޮޅުވުމުން އެޓީމަށް ވަނީ 48 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތީ 41 ޕޮއިންޓު ލިބިގެން ނެވެ.