ސްކޫލްގައި ފެންވަރު ރަނގަޅު ޓީޗަރުން ނެތް ކަމަށް ބުނެ ދަރިވަރުން ސްކޫލަށް ނުފޮނުވައި ލ. ކުނަހަންދޫ ސްކޫލްގެ ބެލެނިވެރިން ސްކޫލް ގޯތިތެރޭގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނިވެރިއަކު ބުނީ މިއަދު 6:30 އިން ފެށިގެން ބެލެނިވެރިން މުޒާހަރާ ކުރަމުން ގެންދަނީ އެ ސްކޫލްގައި ކޯސް ހަދައިގެން ހުރި ދިވެހި ޓީޗަރަކާއި އިސްލާމް ޓީޗަރެއް ނެތުމުގެ އިތުރުން އެއްވެސް ގޮތަކަށް ގުރުއާން ކިޔަވައިދޭނެ ޓީޗަރެއް ނެތުމުން ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ސްކޫލްގެ މެނޭޖްމަންޓުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި މުޒާހަރާ ހުއްޓާލާނީ އެކަން ހައްލު ކުރާނެކަމުގެ ޔަގީންކަން ލިޔުމުން ދިނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިރަށު ސްކޫލްގައި ކޯސް ހަދައިގެން ހުރި އިސްލާމް ޓީޗަރެއް ނެތް. ދިވެހި ޓީޗަރެއް ނެތް. މި ސްކޫލްގައި ގުރުއާން ޓީޗަރެއް ނެތްތާ 12 އަހަރު މިވަނީ. މިކަންކަން ހައްލު ކުރުމަށް ސްކޫލުން އެއްވެސް މަސައްކަތެއް ނުކުރޭ. އަޅުގަނޑުމެން މިއަދު ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރުމުން އެބޭފުޅުން ވިދާޅުވީ އެކަންކަން ހައްލު ކުރާނަމޭ. އެކަމަކު އަނގަބަހުން ވިދާޅުވިޔަސް އެވާހަކަ އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. ލިޔުމުން ޖެހޭނެ ޖަވާބުދޭން. އެހެންނޫނީ މި މުޒާހަރާ ހުއްޓާ ނުލައި ކުރިއަށް ގެންދާނަން،" 800 މީހުންގެ އާބީދީއެއް އޮންނަ ރަށުގެ ސްކޫލާ ބެހޭ ގޮތުން އެމީހާ ބުންޏެވެ.

ކުނަހަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހުސެއިން ޔޫސުފް ވިދާޅުވީ މިއަދު ސްކޫލަށް ކިޔަވަން ދިޔައީ އެންމެ ތިން ދަރިވަރުން ކަމަށާއި ދެންތިބި ކުދިން ސްކޫލަށް ނުފޮނުވައި އެކުދިންގެ ބެލެނިވެރިން ސްކޫލް ގޯތިތެރޭގައި މުޒާހަރާ ކުރަމުންދާ ކަމަށެެވެ.

އޭނާ ވިދާޅުވީ ޓީޗަރުން ހޯދުމަށް ސްކޫލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދައްކަމުން ގެންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ ސްކޫލްގައި ކޯސްހަދައިގެން ތިބި ދިވެއްސާއި އިސްލާމް ޓީޗަރުން ނެތުމުން ޓީޗަރުން ހޯދުމަށް ސްކޫލުން ކުރި އިއުލާނަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ކަމަށާއި ސަބަބަކީ އެ ރަށުގައި އެކަމަށް ޝަރުތުހަމަވާ ބަޔަކު ނެތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޫލްގައި ގުރުއާން ޓީޗަރެއް ނެތުމުން ޓީޗަރަކު ހޯދުމަށް އިއުލާންކޮށްފައިވާ އިރު އެ އިއުލާންގެ މުއްދަތު އަދި ހަމަނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުޒާހަރާ ކުރާ ބެލެނިވެރިންގެ އެދުންތައް މިހާރު އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ވެސް ޔޫސުފް ވިދާޅުވި އެވެ.

"މިސްކޫލްގައި ހަމައެކަނި ނެތީ ކޯސް ހަދައިގެން ތިބި ދިވެހި ޓީޗަރަކާއި އިސްލާމް ޓީޗަރެއް. ކޯސް ހަދައިގެން ތިބި ޓީޗަރުން ހޯދުމަށް ސްކޫލުން އިއުލާން ކޮށްފައިވޭ. ނަމަވެސް މިރަށުގައި ކޯސް ހަދައިގެން ތިބި ބަޔަކު ނެތުމުން އެ އިއުލާންގެ މުއްދަތު ހަމަވިއިރު އެއްވެސް މީހަކު އެކަމަށް ކުރިމަތިލާފައި ނުވޭ. ގުރުއާން ޓީޗަރެއް ހޯދުމަށް މިހާރު ވަނީ އިއުލާން ކުރެވިފައިި. އަދި އެ އިއުލާންގެ މުއްދު ހަމައެއް ނުވޭ،" ޔޫސުފް ވިދާޅުވި އެވެ.