14 Jan 2013, 09:47
އިނގިރޭސި ޕްރެމިއަރ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅެ 2-1 ލަނޑުން މޮޅުވި މެޗުގައި ޔުނައިޓެޑްގެ ނެދަލޭންޑްސް ފޯވާޑް ރޮބިން ވެން ޕާސީ ދެއްކި ކުޅުމަށް އެޓީމްގެ އިނިގިރޭސި ފޯވާޑް ޑެނީ ވެލްބެކް ތަޢުރީފް ކޮށްފި އެވެ.
ލިވަޕޫލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ފުރަތަމަ ދެލަނޑު ޖަހާ ލީޑް ނެގީ ޔުނައިޓެޑުންނެވެ. ފުރަތަމަ ލަނޑު ވެން ޕާސީ ކާމިޔާބުކޮށްދިން އިރު، ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެޓްރީޝޭ އެވްރާ އެވެ.
ލިވަޕޫލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މި މަހު ޗެލްސީ އިން ލިވަޕޫލް އާއި ގުޅުނު ޑެނިއަލް ސްޓަރިޖް އެވެ.
"ވެން ޕާސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ މެޗުތަކުން ދައްކަނީ އެހެން ކުޅުންތެރިންނަށް ނުދެއްކޭ ވަރުގެ ކުޅުން. ކޮންމެ ދުވަހަކު ހެން އޭނާ އެ ދަނީ ޓީމަށް އެހީތެރިވެދެމުން. ލިވަޕޫލް އާއި ދެކޮޅަށް ޓީމްގެ ހުރިހާ ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް." ވެލްބެކް ބުންޏެވެ.
އެއްވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ ވެސް ކުޅުނު މެޗުތަކުން މޮޅުވުމުން ލީގުގައި ދެ ޓީމް އޮތް މަގާމެއް ނުގެއްލި އެވެ. ޔުނައިޓެޑާއި ސިޓީ އާއި ދެމެދު އަދިވެސް ހަތް ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.