14 Jan 2013, 09:43
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލީއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ނ. މާފަރުގައި ކޮމެޓީގެ ރަސްމީ ބައްދަުވުމެއް ނުބާއްވާނެ ކަމަށާއި އެ ކޮމެޓީން މާފަރަށް ކުރާނީ މައުލޫމާތު ހޯދުމަށް ކުރާ ދަތުރެއް ކަމަށް ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަލީ ވަހީދު ވިދާޅުވީ މިއަދު ނ. މާފަރަށް ކޮމެޓީގެ މެންބަރުން ކުރާ ދަތުރުގައި އެ ރަށުގައި ކޮމެޓީގެ ރަސްމީ ބައްދަލުވުމެއް ނުބާއްވާ ގޮތަށް ކޮމެޓީން ރޭ ފާސް ކޮށްފައިވާ ކަމަށެވެ. އަދި އެ ރަށަށް ކޮމެޓީގެ މެންބަރުން ކުރާ ދަތުރުގައި ކޮމެޓީގެ މަސައްކަތަކަށް ވާނީ ރައްޔިތުންނާއި ބައްދަލު ކޮށް މައުލޫމާތު ހޯދައި ލިބިގަތުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމެޓީން މިހާރު ނިންމާފައި މިވަނީ މާފަރަށް ކުރަނީ ފެކްޓް ފައިންޑިން ދަތުރެއް ކަމަށް. އަޅުގަނޑުމެން މިގެނައި ތަފާތަކީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ކޮމެޓީއެކޭ ނުކިޔާ ފެކްޓް ފައިންޑިން މެޝިނަކަށް ބަދަލު ކުރުން." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއް ރަސްމީ ސިފައެއްގައި ބޭއްވުމަކީ ވަރަށް ބޮޑެތި ހަރަދު ތަކެއް ހިގާނެ ކަމެއް ކަމަށެވެ. އެހެން ކަމުން ކޮމެޓީގެ މެންބަރުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ ދަތުރަކީ ވީހާ ވެސް ހަރަދު ކުޑަ ދަތުރަކަށް ހެދުމުގެ ހަމައެކަނި "ފެކްޓް ފައިންޑިން" ދަތުރަކަށް ކޮމެޓީގެ ދަތުރު ހެދުމަށް ކަމަށެވެ.
"ރައްޔިތުންގެ މަޖިޅިހުގެ ކޮމެޓީ އެއް ރަސްމީ ސިފަ ލިބިގެން ބާއްވާ ނަމަ ވަތަށް ބޮޑެތި ހަރަދު ތަކެއް ދާނެ. އެގޮތުން އެމްއެންޑީއެފް ގެ އެހީތެރިކަން ބޭނުން ވާނެ ސިކިއުރިޓީގެ ގޮތުން. އަދި ރަސްމީ ކޮމެޓީ އެއް ބޭއްވުމަށްޓަކައި ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެ ރަށުގައި ފުރިހަވެފައި ހުންނަން ޖެހޭނެ. އެއީ ވަރަށް ދަތި އަދި ހަރަދު ބޮޑު ކަމަކަށް ވެގެން ދާނެ." އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ކޮމެޓީން މާފަރަށް ކުރާ ދަތުރުގައި ކޮމެޓީގެ ހުރިހައި މެންބަރުން ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށާއި އަދި ދަތުރުގައި ރައްޔިތުންގެ މަޖލީހުގައި މާފަރު ތަމްސީލް ކުރައްވާ މެންބަރު ވެސް ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށެވެ.
މީގެ އިތުރުން އެ ކޮމެޓީން ދިރާސާ ކުރަމުންދާ ކޯނީގެ ރިޕޯޓާއި ގުޅިގެން އެ ކޮމެޓީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި އެމް،އެންޑީ،އެފް ގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓެޔާޑް މޭޖާ ޖެނަރަލް މޫސާ އަލީ ޖަލީލް ވަނީ ރޭގެ ކޮމެޓީ އަށް ހާޒިރު ކޮށްފަ އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ކޮމެޓީގެ މެންބަރުން ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި ކޮމެޓީގެ މެންބަރުންނާއި އެކު މާސާ އަލީ ޖަލީލް ތިން ގަޑީ އިރު ހޭދަ ކުރެއްވި ކަމަށެވެ. އަދި މޫސާ އަލީ ޖަލީލް ގެ ފަރާތްޕުޅުން ކޮމެޓީ އަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާއަށް މިހާތަނަށް ކޮމެޓީއަށް އަށް ބޭފުޅުން ހާޒިރުކޮށްފައިވެ އެވެ. އެ ބޭފުޅުންނަކީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު އާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދު އެވެ.