ލަންޑަން (ޖަނަވަރީ 14): މި އަހަރުގެ ފިނިމޫސުމުގައި އިނގިރޭސިވިލާތުގައި 25 ހާހަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ ސަންޑޭ އެކްސްޕްރެސް ބުނެފި އެވެ.

އެ ނޫސް ބުނި ގޮތުގައި މި އަހަރުގެ ފިނިމޫސުމުގައި ގަދަފިނީގެ ސަބަބުން 25 ހާހަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށާ މިއީ ފިނިމޫސުމުގައި ހިނގާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނަށް ވުރެ 15 ގުނަ މަތީ އަދަދެއް ކަމުގަ އެވެ. އިނގިރޭސިވިލާތުގެ މުސްކުޅިންނަށް ޚިދްމަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ އޭޖްޔޫކޭ ބުނާ ގޮތުން ގަދަފިނީގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތައަކީ މުސްކުޅިންނެވެ. ގިނަ މުސްކުޅިންނަކީ އެމީހުންގެ ދަރިންނާ ވަކިން މުސްކުޅި އުމުރުގައި އެކަހެރިކޮށް އުޅެންޖެހިފައިވާ ބައެއް ކަމަށާއި މުސްކުޅިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފިނީގެ ސަބަބުން މަރުވަނީ ގޭތެރެ ހޫނުކުރުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތީގެ ބިލް ދެއްކުމުގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގޭހުގެ ޚިދްމަތް ކަނޑާލުމުގެ ސަބަބުން ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ.
ފިނިމޫސުމުގައި ފިނީގެ ސަބަބުން މުސްކުޅިންނަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވާ ކަމަށާއި މީގެތެރޭގައި ސްޓްރޯކާއި ހާޓްއެޓޭކް އަދި ނިޔުމޯނިޔާ ފަދަ ނުރައްކާތެރި މައްސަލަތައް ހިމެނޭ ކަމަށާއި މުސްކުޅިންގެ ގިނަ ބަޔަކު މަރުވަނީ މިފަދަ މައްސަލަތަކާ ގުޅިގެން ކަމަށް އޭޖްޔޫކޭ ޖަމްއިއްޔާ އިން ބުނެ އެވެ. އިނގިރޭސި ސަރުކާރުންވަނީ ފިނިމޫސުމުގައި ދިމާވާ މިބާވަތުގެ ސިއްޙީ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން 330 މިލިޔަން ޕައުންޑް ބަޖެޓްގައި ހިމަނާފަ އެވެ. ނަމަވެސް މިމައްސަލަތަކާ ކުރިމަތިލުމަށް މިވަރުގެ ބަޖެޓެއް މާކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ. (ސަންޑޭ އެކްޕްރެސް)