14 Jan 2013, 09:21
މޮސްކޯ (ޖަނަވަރީ 14): ބާރުގެ ބޭނުންކޮށްގެން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު، މަޤާމުން ދުރުކުރުމަކީ މުސްތަޙީލް ކަމެއް ކަމަށް ރަޝިޔާ ބުނެފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ބައްޝާރުގެ ވެރިކަން އިދިކޮޅު ހަނގުރާމަވެރިންނަށް ވައްޓާނުލެވޭނެ ކަމަށާ ޢިރާގަށް ބޭރުގެ ބާރެއް އަރައި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލި ގޮތަށް ސޫރިޔާއަށް ބޭރުގެ ބާރެއް އަރައި ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ވިސްނުން ބައިނަލްއަޤްވާމީ މުޖްތަމަޢުން ނުގެންގުޅޭ ކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ. މޮސްކޯގައި ވާހަކަ ދައްކަވަމުން ލާވްރޯވް ވިދާޅުވީ ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް އދ. އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ގެންގުޅޭ ޕްލޭންތަކުގައި ބައްޝާރު ވެރިކަމުން ދުރުކުރުން ނުހިމެނޭކަމުގަ އެވެ. އަދި ސޫރިޔާގެ މައްސަލާގައި ޖެނީވާގައި އެންމެފަހުން ބައިނަލްއަގްވާމީ ފަރާތްތަކުން ޖެނީވާ ގައިބެއްވި ބައްދަލުވުމުގައި ވެސް ބައްޝާރު މަޤާމުން ދުރުކުރުމުގެ ވާހަކަ ނުހިމެނޭ ކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ.
ސޫރިޔާގެ މައްސަލަ އަށް އޮތީ ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތައް ވާހަކަ ދައްކައިގެން ގެނެވޭނެ ސުލްޙަވެރި ޙައްލެއްކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބައްޝާރު ދެއްވި ޚިތާބުގައި އޭނާ ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަކީ އިދިކޮޅު ފަރާތްތަކާ އެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް އެކަށީގެންވާ ޕްލޭނެއް ނޫންކަމަށް ލާވްރޯވް ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. ބައްޝާރުގެ ޕްލޭނަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދުމަށް ފަހު އެފަރާތްތަކުން ވެސް މިދިޔަ ހުކުދުވަހު ވަނީ ސުލްޙައިގެ ޕްލޭނެއް ހުށަހަޅާފަ އެވެ. އެޕްލޭނުގައި ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް ކުރިޔަށްގެންދިޔުމަށް ބުނާ އިންތިޤާލީގައި މްރަޙަލާގައި ބައްޝާރަށް އެއްވެސް ޖާގައެއް ނެތުމުން ސޫރިޔާ ސަރުކާރުން އެޕްލޭން ގަބޫލުކުރާނެކަމަށް ނުބެލެވޭ ކަމަށް މުރާސިލުން ބުނެ އެވެ.
އަނެއްކޮޅުން ޢަރަބިލިގުން ވަނީ އދ.ގެ ޗާޓަރުގައި ހިމެނޭ 7 ވަނަ މާއްދާގެ ދަށުން ސޫރިޔާއަށް ބައިނަލްއަގްވާމީ ސުލްޙައިގެ ބާރެއް ފޮނުވައިގެން ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮވާލައްވާފަ އެވެ.
މިނޫންގޮތަކަށް ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ކައިރި މުސްތަގްބަލެއްގައި ނުހުއްޓުވޭނެ ކަމަށް ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްޢަރަބީ ވިދާޅުވި އެވެ. (އަލްޖަޒީރާ)