01 Oct 2010, 05:35
ހޯރަފުށީގައި މަރާލައި ފަޅުގެއަކަށް އެއްލައިލާފައި އޮއްވާ ފެނުނު އެރަށު ސީވިއު ހުސެއިންމަނިކު ( ހުސޭނުބެ) ގެ މަރާ ގުޅިގެން ފުލުހުން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެއާއި އޭގެ ކުރީ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ އެ ދެ މީހުންނަކީ ވެސް އެރަށު ދެ މީހުން ކަމަށާއި އެމީހުންނަކީ އުމުރުން 34 އަހަރާއި 25 އަހަރުގެ މީހުން ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ހުސޭނުބޭގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ވެސް ފުލުހުން ވަނީ ހޯރަފުށިން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެހެން ކަމުން މަރާ ގުޅިގެން ހޯރަފުށިން ހައްޔަރުކުރި މީހުންގެ އަދަދު ފަހަކަށް އެރީ އެވެ.
ހުސޭނުބެ މަރާލައި ހޯރަފުށީ ފަޅުގެއެއްގެ ތެރެއަށް އެއްލައިލާފައި އޮއްވާ ފެނުނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.