ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ހޯދުންތައް ތަންފީޒު ކުރަން ބާރު އަޅަން އޮތީ މަޖިލީހެވެ. އެކަން ކުރުމަށް މަޖިލީހުގެ ކޮމެޓީތަކަށް ކޯނީގެ ރިޕޯޓް ފޮނުވާފައިވެ އެވެ. އެ ރިޕޯޓް ކޮމެޓީތަކަށް ފޮނުވީ ދިރާސާ ކުރުމަށެވެ. ނަމަވެސް ކޯނީގެ ހޯދުންތަކާ އެއްވަރުގެ އިންކުއަރީއެއްގެ ނަމުގައި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމެޓީން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. ވެރިކަން ބަދަލުވުމުގެ "އަޑި" އެނގޭނެ ކަމަށް ޝައްކު ކުރެވޭ ހުރިހާ އެންމެންގެ ބަސް ހޯދުމަށް ކޮމެޓީން ވަނީ އަމާޒު ހިފައިފަ އެވެ.

މިހާތަނަށް ހާޒިރު ކުރި ހަތް ބޭފުޅަކު ދެއްކެވި ވާހަކަތަކާ ގުޅިގެން ކޯނީގެ ހޯދުންތަކަށް ވަނީ ކޮމެޓީގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ؛ ކޯނީ އަށް ދީފައިވާ ބަޔާންތައް، ހަގީގަތް އޮޅޭ ގޮތަށް ބަދަލު ގެނައި ކަމަށް ބުނަން ފަށައިފަ އެވެ. ދޮގު މައުލޫމާތު އެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ކޯނީގެ ހޯދުންތަކުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވިދާނެތޯ އެވެ؟

އެމްޑީޕީގެ ވޯޓުން ނަތީޖާ ނެރޭ، ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓް މަޖިލީހަށް ފޮނުވީ ދިރާސާ ކުރުމަށް ކަމަށާއި އެ ދިރާސާގެ ތެރޭގައި ވެރިކަން ބަދަލުވީ ސައްހަކޮށްތޯ ބެލިދާނެ ކަމަށެވެ. އަދި ތަހުގީގުގެ މައްޗަށް ކޯނީގެ ރިޕޯޓަކީ ސައްހަ ނޫން ނިންމުމެއް ކަމަށް ވެސް ކޮމެޓީ އަށް ކަނޑައެޅިދާނެ ކަމަށެވެ. އެ ތަހުގީގު ހިންގުމުގެ ބާރު ކޮމެޓީއަށް ލިބިދޭ ކަމަށެވެ.

"މި ދިރާސާ ކުރީމާ ނޫންތޯ އިނގޭނީ ވެރިކަން ބަދަލުވީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ވެސް. އަޅުގަނޑުމެން ސަރުކާރު ޖަވާބު ދާރީ ކުރުވާ ކޮމެޓީން މި ޖަވާބުދާރީ ކުރަނީ، ސައްހަ ސަރުކާރެއް ކަން ވެސް އެނގޭނީ އެ ދިރާސާ ކުރިމާ ނޫންތޯ؟ އެކަން ނިންމާނީ ކޮމެޓީން ހުށަހަޅާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން. ތިރީސް ނުވަ ވޯޓް ލިބިގެން. ނުވަތަ ހާޒިރުވާ ފަރާތަކުގެ އަޣުލަބިއްޔަތު އޮންނަ މިންވަރަކުންނެވެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވި އެވެ.

ތަހުގީގު ހިންގުމުގެ ބާރު މަޖިލީހުގެ ގަވާއިދުން ކޮމެޓީތަކަށް ލިބިދެ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކޮމެޓީ އަށް ފޮނުވި ރިޕޯޓްގެ މަސައްކަތުގެ މިސްރާބު އޮޅިއްޖެ އެވެ. ދައުލަތާ ދެކޮޅަށް އަމަލުތަކެއް ހިންގި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ބާރު އަޅާފައި އޮތަސް، އެކަން ތަންފީޒު ކުރުމަށް ބާރު އެޅުމުގެ މަސައްކަތް ހުއްޓާލީ އެވެ. އެ ވިސްނުން ވެސް މިހާރު ނެތި ހިނގައްޖެ އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރާނެ އެއްވެސް އުސޫލެއް ހަމައެއް ކޮމެޓީއަކުން އަދި ކަނޑައެއް ނާޅަ އެވެ. ވިސްނުން ހުރީ "ވާހަކަ" ހޯދުމުގެ ފިކުރަށެވެ. ނިރުތަކެއް ފަޅުވައި ފަލަ ސުރިހީތަކަށް ޖާގަ ދެވޭތޯ ބަލެމަށެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އަދި މިހާތަނަށް އެ ކޮމެޓީން ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ފަހު، ތަޅުމަށް ފޮނުވާ ރިޕޯޓް، ބައްޓަން ކުރާނެ ގޮތެއް ނުނިންމަ އެވެ. ޓައިމްލައިންތަކުގެ މައްޗަށްތޯ ނުވަތަ ހޯދުންތަކުގެ މައްޗަށް ހެކި ހޯދައި، ކޮންކުލުއުޝަންއަށް ދާނެ ކަމެއް ވެސް ނުނިންމަ އެވެ. ނަމަވެސް އެ ކޮމެޓީން ފައިނަލް ޓާގެޓަކަށް ވާނީ ސަރުކާރާ ދެކޮޅަށް ނިންމުމެއް ނިންމުމެވެ. ކޯނީގެ ސައްހަކަން ކަނޑުވާލުމަށް ބާރުއަޅާ ވާހަތަކެއް ފެތުރުމެވެ. އެމްޑީޕީގެ ހަ މެންބަރުންނާއި ސަރުކާރަށް ތާއިދު ކުރާ ފަސް މެންބަރުނާ އެކު މެޖޯރިޓީ އެމްޑީޕީ ކޮޅަށް ބުރަވުމުން އެފަދަ ނަތީއްޖާއެއް އައުން ކައިރި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒާ ޕޮލިޓިކަލް އެފެއާޒް ކަމަށާއި އަހުމަދު ތައުފީގު (ޓޯޕީ) ވިދާޅުވީ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ކޮމެޓީން ހިންގުމުން އެކަމާ ކަންބޮޑުނުވާ ކަމަށެވެ. ކޯނީން ހޯދި ހޯދުންތަކާ އެއްގޮތަށް ބަޔަކު ހާޒިރުކޮށްގެން ވެރިކަން ފުރޮޅުނު ގޮތް މަޖިލީހަށް ބެލިދާނެ ކަމަށެވެ. އަދި އެ ފަދަ މަސައްކަތަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށެވެ.

ނަމަވެސް ކޯނީގެ ހޯދުންތަކުގެ ބަޔާންތައް ހޯދަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޓޯޕީ ވިދާޅުވި އެވެ. އަދި ކޯނީއަކީ ރައީސްގެ ގަރާރަކުން އުފެއްދެވި ކޮމިޝަނެއް ކަމަށާއި އެ ކޮމިޝަން ވުޖޫދުގައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ވެނިމިފައިވާ ކަމެއްގެ ބަޔާން ހޯދުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޓޯޕީ ވިދާޅުވި އެވެ. ކޮމަންވެލްތުން ހުށަހަޅައި ކޯނީ ގެންނެވި ބަދަލުތަކާ އެކު، ބޭރުގެ ފަނޑިޔާރަކާއި ރައީސް ނަޝީދުގެ ފަރާތުން ބޭފުޅެއްގެ އިތުރުން ތިން ބޭފުޅުންނާ އެކު އެކުލަވާލި ކޮމިޝަނަކީ ޒަމާނަކުން ވެސް ދެން އުފަންނުވާނެ މިނިވަން ކޮމިޝަނެއް ކަމަށް ޓޯޕީ ވިދާޅުވި އެވެ.

ކޯނީގެ ހޯދުންތައް މަޖިލީހަށް ހިއްސާ ނުކުރައްވާނެ އެންމެ ބޮޑު ސަބަބަކީ، ޓޯޕީ ވިދާޅުވި ގޮތުގައި، އެފަދަ އެއްޗެއް ދޫކޮށްފި ނަމަ ބަޔާންތަކުގެ ނަހަ މަބޭނުންކޮށް ގައުމު ހަލަބޮލިކޮށްފާނެތީ އެވެ. ނަމަވެސް ވާން ނެތް ކަމެއް އުފަން ކުރަން މަސައްކަތެއް ނުކުރެވޭ ކަމަށް ޓޯޕީ ވިދާޅުވި އެވެ.

ކޯނީގެ ހޯދުންތަކުގެ ސައްހަ ކަމަށް ހިޔަނި އެޅުވުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތަށް ސަރުކާރުން ދެކޮޅު ހަދާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ވެސް ކޯނީގެ ރިޕޯޓާ ގުޅިގެން މަޖިލީހުގައި ކުރާ މަސައްކަތާ މެދު ހިޔާލު ތަފާތުވި އެވެ. ނަމަވެސް ކުރިން އެ ހިޔާލު ތަފާތު ވިޔަސް މިހާރު ވަނީ އެ ހިޔާލުތަފާތުވުން އެއްފަރާތްކޮށްފަ އެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައި ވަނީ ވެރިކަމުގެ ސައްހަކަމާ މެދު ގޮތެއް ނިންމުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި އެކަމާ ދެން ސުވާލު ވެސް ނުއުފެއްދޭނެ ކަމަށެވެ. ކޮމެޓީން ކުރަންޖެހޭނެ ކަމަކީ ކޯނީގެ ރިޕޯޓްގައި ފިޔަވަޅު އަޅަން ބުނެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށް އީސަ ވިދާޅުވި އެވެ. ނަމަވެސް އެ ވާހަކަތައް އީސަ ފަހުން ވަނީ ދޮގުކޮށްފަ އެވެ.

އެމްޑީޕީން އިސްނަގައިގެން ފަށާފައިވާ ކޯނީގެ ދިރާސާއާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވެފައި އޮތުމުން އެ މަސައްކަތުގެ އަމާޒު ގެއްލިފައިވާކަން ކަށަވަރުވެ އެވެ. ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގައި ހިމެނިޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ވިދާޅުވި ކޯނީގެ ހޯދުންތަކުގެ ސައްހަކަމާ މެދު ސުވާލު ނުއުފެދޭ ކަމަށާއި ކޮމެޓީން ކުރަން އޮތް ކަމަކީ ކޯނީގެ ނިންމުން ތަންފީޒު ކުރުން ކަމަށެވެ. ކޯނީގެ މަސައްކަތް ދިރާސާ ކުރާ ކޮމެޓިގެ މެންބަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވިދާޅުވީ ހަމަ އެގޮތަށެވެ.

ނަމަވެސް ކޮމެޓީގެ މަސައްކަތް ވަކި ހިސާބަބުން ޕާކުކޮށް ނަތީއްޖާއެއް ނުނުކުމެ، ހަމައެކަނި ވާހަކަތަކެއް ފެންމަތިކޮށްފާނެ ބާވަ އެވެ. ނުވަތަ އިންތިހާބަކާ ދިމާކޮށް، އާންމުކުރާ ސިޔާސީ "ޓައިމް ބޮމަކަށް" ކޮމެޓީގެ ނިންމުން ނުވާނެ ހެއްޔެވެ؟