13 Jan 2013, 23:35
ސިޔާސީ ޕާޓީތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަކީ މަޖިލީހުގެ މޫނުމަތީގައި ރައީސް ޖެއްސެވި ތަފާލެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެފައިވާ އިރު ރައީސް އެ ބިލް ތަސްދީގު ކުރެއްވި ނަމަ އެއީ ރައްޔިޔުންގެ މޫނުމަތީގައި ޖެއްސެވި ތަފާލެއް ކަމަށް އެމްޑީއޭ އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 62 މެމްބަރަކު ވޯޓު ދެއްވައިގެން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފަ އެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އޮފީހުގައި މިރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ނޫސް ކޮންފަރެންސްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ރައީސް އަނބުރާ ފޮނުއްވާލެއްވުމަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޖެއްސެވި ތަފާލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރައްޔިތުންގެ މޫނުމަތީގައި ރައްޔިތުންގެ މަޖިލީހަށް ވެސް ތަފާލެއްް ޖެއްްސެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ ފަރުދީ ހައްގަށް އުނިކަން ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުން، އާމިރު ސިފަކުރެއްވީ އެއީ ރައްޔިތުންގެ މޫނުމަތީގައި މަޖިލީހުން ޖެހި ތަފާލެއެއްގެ ގޮތުގަ އެވެ.
"ކަންކަން މާނަކުރުމުގައި އެކި ބޭފުޅުން [ކަންކަން] ކުރައްވާނީ އެކި ގޮތަށް. އަޅުގަނޑުމެން މި ޕާޓީއަކުން ނުދެކެން ރައްޔިތުންގެ ނުވަތަ ގައުމުގެ މޫނު މަތީގައި މަޖިލީހުން ވެސް ތަފާލިވަރެއް ޖެހިދާނެ ކަމަކަށް. ރައީސުލްޖުމްހޫރިއްޔާ އެ ބިލް އަނބުރާ ފޮނުވާލެއްވުމަކީ އަލަށް ރައީސަކު ކުރެއްވި ކަމެއް ވެސް ނޫން. ބިލް އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން ލިބިފައިވާ ބާރެއް. ސިޔާސީ ޕާޓީތަކުގެ ބިލް އަނބުރާ ފޮނުވާ ލެއްވުމުގައި ރިއާޔަތް ކުރަން ޖެހެނީކީ ރައީސްގެ އެކަނި ވިސްނުމަކަށް ވެސް ނޫން. ރައީސް ކަނޑައަޅުއްވާ ބަންޑާރަ ނައިބަކު ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ. ބަންޑާރަ ނައިބަކީ ރައީސް އަށް ގާނޫނީ ލަފާ ދެއްވަން ހުންނަވާ ފަރާތެއް. އެހެން ކަމަށްވީ އިރު ބިލް އަނބުރާ ފޮނުވާލެއްވި އިރު ރައީސް ރިއާޔަތް ކޮށްފައި ހުރީ ބަންޑާރަ ނައިބުގެ ލަފާ ކަމަށްވާ ނަމަ އަޅުގަނޑުމެން އެބަޖެހޭ އެއަށް ރިއާޔަތް ކުރަން،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަކީ ވަރަށް ޒިންމާދާރުކޮށް ރައީސް ކުރެއްވި ކަމެއް ކަމަށް އެމްޑީއޭ އިން ދެކޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރުމަކީ ވަރަށް ގިނަ ބައެއްގެ ހައްގުތަކަކަށް އަރައިގަތުން ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހަށް އަނބުރާ ފޮނުވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ، މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، ރާއްޖޭގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާކަމާއި އެފަދަ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނު އަސާސީއާ ތަޢާރުޒު ނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.