13 Jan 2013, 23:14
ޖެނުއަރީ 13 ވީ އާދީއްތަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެކެވެ. ދިވެހިރާއްޖޭގެ ގައުމުގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބުން އެ ދުވަސް މިހާރު ވެފައި ވަނީ މާނައެއް ނެތް ދުވަހަކަށެވެ. ޕާޓީގެ ކުލަތަކުން ގައުމު މިވަނީ ބައިބައި ވެފަ އެވެ. ގައުމީ ދިދައިގެ ކުލައަށް ވުރެ އިސް ކުރެވެނީ ޕާޓީ ތަކުގެ ކުލަ އެވެ.
މި އަހަރު އޯގަސްޓް މަހާއި ނޮވެމްބަރު މަހާއި ދެމެދުގެ ތާރީޚެއްގައި ރިޔާސީ އިންތިޚާބު ބާއްވާނެ އެވެ. ކުރިޔަށް އޮތް ފަސް އަހަރަށް ރައީސުލް ޖުމްހޫރިއްޔާ އަކު އިންތިޚާބު ކުރުމަށް ބާއްވާ މި އިންތިޚާބު 10 ވަރަކަށް މަހަށް ކައިރި ވެފައި ވާއިރު ގައުމު ކަތިލާފައި ވެސް، ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ވެރިކަމެވެ.
ޕީޕީއެމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ނުވަތަ ޕީޕީއެމް އަށް ބަލާ އިރު، އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކެންޑިޑޭޓަކު ހޮވުމަށް ޓަކައި ބާއްވާ ޕްރައިމަރީގެ ވާދަވެރިކަން މިހާރު މިވަނީ ވަރަށް ބޮޑު ވެފަ އެވެ. އެއްކޮޅުން ވާދަ ކުރައްވަނީ ޕާޓީގެ ބާނީ މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޮ ޔަމީން ގައްޔޫމެވެ. އަނެއް ކޮޅުން ވާދަ ކުރައްވަނީ ޕާޓީގެ ގްރާސް ރޫޓްގެ ގިނަ މެންބަރުން ތަކެއްގެ ތާއީދު ލިބިފައިވާ އުމަރު ނަސީރެވެ.
ޔާމީނަކީ ވަރުގަދަ އިގްތިސާދީ މާހިރެއްގެ ގޮތުގައި ދައުވާ ކުރެއްވި ކަމުގައި ވިޔަސް މައުމޫނުގެ ވެރިކަމުގައި ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯގެ ވެރިޔަކަށް ޔާމީން ހުންނެވި އިރު ކޮރަޕްޝަންގެ ގިނަ އަމަލު ތަކެއް ހިންގެވި ކަމަށް ބައެއް މީހުން ޝައްކު ކޮށް ޔާމީނާއި ދިމާއަށް ތުހުމަތު އިނގިލި ދިއްކުރެ އެވެ. މިފަދަ މައްސަލަ އެއް ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ޔާމީނަށް އޮތް އަނެއް ނެގެޓިވް ޕޮއިންޓަކީ އޭނާ އަކީ އާންމުންނާ އެހާ ގާތް ނޫން، ބޮޑާ ބޭފުޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކުރުމެވެ. ޕީޕީއެމްގެ ލިޑަރަކަށް މައުމޫނު ހުންނަވާފައި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މައުމޫނުގެ ކޮއްކޮ ޔާމީން ހުންނަވާފައި، ޕާޓީގެ ކައުންސިލްގެ ނުވަ ގޮނޑީގެ ތެރެއިން ތިން ގޮނޑި އަށް މައުމޫންގެ ދެ ދަރިކަލުންނާއި ދަރިކަނބަލެއްގެ ފިރިކަލުން ކުރިމަތިލެއްވުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަ ކުރެ އެވެ.
އުމަރު ނަސީރަށް ބަލާ އިރު އެމަނިކުފާނަކީ ކެރޭ އެކްޓިވިސްޓެކެވެ. ގައުމީ ރޫހު ހުރި ބޭފުޅެކެވެ. ނަމަވެސް، ގައުމު ހިންގުމުގެ ތަޖުރިބާ ލިބިފައި ނެތް ބޭފުޅެކެވެ. ޔާމީނެކޭ އެއް ފަދައިން އުމަރު ވެސް ވަނީ މާސްޓާސް ފެންވަރަށް ކިޔަވައިފަ އެވެ.
ޔާމީން ރިޔާސީ ކެންޑިޑޭޓަކަށް ނަގައިގެން ޕީޕީއެމަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު ކުރެ އެވެ. މައުމޫނުގެ އަނބިކަނބަލުން ނަސްރީނާގެ ބޭބެ، އިލްޔާސް އިބްރާހީމާއި ޔާމީނާ ދެމެދު އަބަދުވެސް އޮންނަ ނުތަނަވަސްކަން މި ފަހަރުގެ އިންތިޚާބަށް ވެސް ވަނީ ހިޔަނި އަޅުވައިފަ އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރިމަރީގައި އިލްޔާސް ތާއީދު ކުރައްވަނީ އުމަރަށްކަން އުމަރުގެ ބަޔާންތަކުން ވަރަށް ސާފުކޮށް އެނގެ އެވެ.
އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ޕީޕީއެމް ގެ ވޯޓު ބެހިގެން ދާނީ އެއްވަރުގެ ދެބަޔަށެވެ. ކާމިޔާބު ކުރުމުގެ ފުރުސަތު ދެފަރާތަށް ވެސް އެއްވަރެވެ. ބޮޑު ސުވާލަކީ ބަލިވާ ކެންޑިޑޭޓުގެ ސަބަބުން އަނެއް ކެންޑިޑޭޓަށް ކުރިޔަށް ދާން ދަތިވާނެ ބާއެވެ. ނުވަތަ ދެފަރާތް ގުޅިގެން، އެކަކު އަނެކަކު ރަނިންމޭޓަކަށް ހަދައިގެން ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ބާއެވެ.
ޖުމުހޫރީ، އަދާލަތު، ގައުމީ ޕާޓީ އަދި ރައީސް ވަހީދު
ރައީސް ޑރ. ވަހީދު، ޕީޕީއެމް އާއި ގުޅިވަޑައިގެން ޕީޕިއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތްތަކެއް ކުރިން ފެނިފައި ވިޔަސް އެ ފުރުސަތު މިހާރު މި ވަނީ ހަނިވެފަ އެވެ. ހަމަ އެއާއި އެކު ޑރ. ވަހީދުގެ ފަރާތުން ނުރަސްމީ ގޮތުގައި އިންތިޚާބަށް ކެމްޕޭން ފަށައިފައިވާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ރައީސް ވަހީދާއި، އެމަނިކުފާނުގެ ކުޑަ ޕާޓީން އެކަނި ނުކުމެގެން މި ފަދަ އިންތިޚާބެއް ކާމިޔާބު ނުވާނެކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެކެވެ. ސުވާލަކީ ރައީސް ޑރ. ވަހީދަށް ބައިއަތު ހިފާނީ ކޮން ޕާޓީ ތަކަކުންތޯ އެވެ. އަދި ވަހީދުގެ ރަނިންމޭޓަކަށް ވާނީ ކޮން ބޭފުޅެއްތޯ އެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީން ގުޅޭނީ ޑރ. ވަހީދުއާ އެވެ. އެފަދަ ހަލާތެއްގައި ރައީސް ވަހީދުގެ ރަނިންމޭޓަކަށް ޑރ. ހަސަން ސައީދު ހަމަޖެއްސުމަކީ ވެސް ވެދާނެ ކަމެކެވެ.
ކުދި ޕާޓީ ތަކަށް ބަލާ އިރު ދެން އޮތީ އަދާލަތު ޕާޓީ އެވެ. މަދަނީ އިއްތިހާދުގެ ނަމުގައި މިހާރު ހިންގާ ސިޔާސީ ހަރަކާތްތަކުގެ މުގުލުގައި ވަނީ ހަގީގަތުގައި އަދާލަތު ޕާޓީ އާއި އެޕާޓީގެ ރައީސް ޝެއިޚު އިމްރާނެވެ. މަދަނީ އިއްތިހާދުގެ އަމަލާއި ބަހަށް ބަލާ އިރު އެ އިއްތިހާދު ވެސް އަދި އަދާލަތު ޕާޓީ ވެސް ގުޅޭނީ ރައީސް ޑރ، ވަހީދު އާއި އެވެ.
ދެން އޮތީ ގާސިމްގެ ޖުމުހޫރީ ޕާޓީ އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ފަހު އިލްޔާސް އިބްރާހީމް ނިންމަވާ ގޮތެއްގެ މައްޗަށް ބުރަވެ، ޖުމުހޫރީ ޕާޓީން ގުޅޭނެ ފަރާތެއް ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި އުމަރު ނަސީރު ޕީޕީއެމްއިން ވަކިވެގެން އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ޑީލެއްގެ ދަށުން ޑރ. ވަހީދަށް ރައީސްކަން، ޑރ. ހަސަނަށް ނައިބު ރައީސްކަން އަދި ގާސިމަށް ދެއްވުމަށް ޓަކައި އިތުރު ނައިބު ރައީސެއްގެ މަގާމު އުފެއްދުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.
ދެން އޮތީ ޑީއާރްޕީ އާއި އެމްޑީޕީގެ ވާހަކަ އެވެ. ޑީއާރްޕީ އާއި އެކު ހެދޭ ހާއްސަ ޑީލެއްގެ ސަބަބުން އެ ޕާޓީގެ ތާއީދު ވެސް ޑރ. ވަހީދަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ވާދަ ކުރާނީ އެއްވެސް ބަޔަކާ ކޯލިޝަން ނުހަދައި، ވަކިން ކަމަށް ފެނެ އެވެ.
އެންމެ ފަހުން އުފެދުނު ޕާޓީ، އެމްޑީއޭގެ ލީޑަރު ސަން ޓްރެވެލްސް ސިޔާމަށް ބަލާ އިރު، އެ ފަރާތުގެ ސަޕޯޓު ހޯދުމަށް ޓަކައި ޕީޕީއެމް އިން ވެސް އަދި ޑރ. ވަހީދުގެ ކެމްޕޭނުން ވެސް މަސައްކަތް ކުރާނެކަން ޔަގީނެވެ.
ކިތަންމެ ގިނަ ޕާޓީތަކެއް ހުއްޓަސް މި ފަހަރުގެ ރިޔާސީ އިންތިޚާބު ވެގެން ދާނީ ތިނެސްކަން ރޭހަކަށެވެ. އެއީ މައުމޫނު ޕާޓީ އާއި ޑރ. ވަހީދު ޕާޓީ އާއި ނަޝީދު ޕާޓީގެ ތިނެސްކަން ރޭހެވެ. ކާމިޔާބު ވާނެ ފަރާތެއް އެނގޭނީ ދެން ހުރި ފަރާތްތައް ބެހިގެން ދަނީ މިތިން ކޭމްޕުގެ ތެރެއިން ކޮން ކޭމްޕަކަށްކަން އެނގިގެނެވެ. ޕީޕީއެމްގެ ރިޔާސީ ޕްރިމަރީ އަކީ މި ދެންނެވި ތިނެސްކަން ރޭހުގެ ބިންގާ އެޅޭ ހަރަކާތެވެ. ކަންތައް ވެގެން ދާނެ ގޮތް ގުޅިފައި ވަނީ މި ދެންނެވި ރިޔާސީ ޕްރިމަރީގެ ނަތީޖާއާ އެވެ.