ކޮންމެ މީހަކަށް ވެސް ހެޔޮއަގުގައި އަދި ފަސޭހަކަމާ އެކު އިންޓަނެޓް ބޭނުންކުރެވޭނެ އުސޫލުތަކެއް ކަނޑައަޅާ ބިލެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އަމިއްލަ ބްލޮގްގައި އޭނާ ވިދާޅުވެފައި ވަނީ "އިންޓަނެޓް ސަބްސިޑީޒް"އާ ބެހޭ ބިލެއްގެ ޑްރާފްޓް މިހާރު ތައްޔާރު ކުރަމުން އަންނަ ކަމަށާއި އެފަދަ ގާނޫނެއް ވުޖޫދަށް އައުމަކީ އެކަމުގެ ފައިދާ އެކި ގޮތްގޮތުން މުޅި ދިވެހި މުޖުތަމައުއަށް ކުރާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް ކުރިއަށް ވުރެ ހެޔޮ އަގުގައި ލިބެމުން އަޔަަސް މިހާރު ވެސް އިންޓަނެޓްގެ އަގު ކަނޑައެޅިފައިވާ ގޮތުން ކޮންމެ ކޮންމެ މީހަކަށް އެ ޚިދުމަތް ބޭނުން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އިންޓަނެޓް ސަބްސިޑީޒް ދޭނެ އުސޫލެއް ކަނޑައަޅާ އިރު ވިޔަފާރިތަކަށާއި ޚިދުމަތް ބޭނުންކުރާ ޒުވާނުންނާއި ވަކިވަކި ފަރުދުންނަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާނެ ގޮތަށް އުސޫލު ހަމަޖައްސަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުވާނުން އިންޓަނެޓް ބޭނުންކުރަނީ ހަމައެެކަނި ޓްވިޓާ އާއި ފޭސްބްކް ބޭނުންކުރުމަށް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށާއި އިލްމު އުނގެނުމަށާއި އެކިއެކި ޚިދުމަތް ދިނުމަށާއި އޮފީސް ހިންގުމުގައި ބޭނުންވާ މައުލޫމާތު ހޯދުމަށް ވެސް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރެއިން ޒުވާނުންް އިންޓަނެޓް ބޭނުން ކުރަނީ ޓްވިޓާ އާއި ފޭސްބޫކަށް ވަންނަން އެކަންޏޭ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން. އިލްމު އުނގެނުމަށާއި އޮފީސް ހިންގުމަށް ބޭނުންވާ މައުލޫމާތު ހޯދުމާއި އެކި އެކި އިދާރީ މަސައްކަތް ކުރަން ބޭނުންވާ މައުލޫމާތު ހޯދުމަށާއި އެކިއެކި ޚިދުމަތް ދިނުމަށް ވެސް އިންޓަނެޓް ބޭނުން ކުރަން ޖެހޭ. އަތުގައި އޮންނަ ފޯނުން ފަސޭހަ ކަމާ އެކު ކޯލް ކުރެވޭ ގޮތަށް އިންޓަނެޓްގެ ޚިދުމަތް ވެސް އެހާ ފަސޭހައިން ހެޔޮއަގުގައި ލިބެން ޖެހޭ. އިންޓަނެޓްގެ އަގު ހެޔޮކޮށް ދިނުމަކީ ރާއްޖޭގެ އާބާދީ އަކީ އިލްމު ލިބިގެންވާ އާބާދީއެއް ކަމަށް ހެދުމަށް ކުރެވޭ މަސައްކަތަށް ޓެކްބޮލޮޖީގެ ފަސޭހަކަން ގެނެސްދޭނެ ކަމެއް. ރާއްޖޭގެ އާބާދީއަކީ އިލްމު އުނގެނިފައިވާ ހޭލުންތެރި އާބާދީ އަކަށް ހަަދަން ފަސޭހަ ވާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު އޮތްގޮތުން އަމިއްލަ މެންބަރަކަށް އެފަދަ ބިލެއް ހުށަނޭޭޅޭ ނަމަ ސަރުކާރުގެ މަދަދާ އެކު ވެސް އެ ބިލް މަޖިލީހަށް ހުށަހެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.