13 Jan 2013, 20:26
މަދުރަސަތުން އަމީރު އަހުމަދުގެ ދަރިވަރުންގެ އަތުން ނަގަމުންދާ ފީ ބޮޑު ނުކުރުމަށާއި އެ ސްކޫލްގެ ބެޖާއި ދިދަ އާއި ދަރިވަރުންގެ ޔުނީފޯމަށް ބަދަލު ނުގެނައުމަށް ޝަރުތުކޮށް އެ ސްކޫލް ހިންގުމުގެ ވަގުތީ ހުއްދަ މަހުމާ އަބްދުލް ރަޝީދަށް ދީފި އެވެ.
އަމީރު އަހުމަދު ސްކޫލް ހިންގުމުގެ ވަގުތީ ހުއްދަ ދީފައިވާ ކަން އެންގުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މަހުމާ އަބްދުލް ރަޝީދަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ނޮވެންބަރު 3، 2001ގައި ހޭވޭރު އަވަށު އޮފީހަށް އަމީރު އަހުމަދު ސްކޫލް ރަޖިސްޓްރީކޮށްދީ ހިންގުމުގެ ހުއްދަ ދީފައިވާ ހަމަތަކާއި މިންގަނޑުތަކާއި އުސޫލްތަކާ އެއްގޮތަށް މަދުރަސަތުލް އަމީރު ހިންގުމަށާއި ސްކޫލުގެ މުގައްރަރަށް އެއްވެސް ބަދަލެއް ނުގަނައުމަށް އަންގާ ކަމަށެވެ. އަދި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް އެ ފެންވަރަށް ނުވަތަ އެއަށްވުރެ ފެންވަރު ރަނގަޅުކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ވެސް އެ މިނިސްޓްރީން އެދޭ ކަމަށް މަހުމާ އަބްދުއްރަޝީދަށް ފޮނުވި ސިޓީގައިވެ އެވެ.
ސަންއަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނެފައި ވަނީ ޝަރުތުތަކާ އެކު ސްކޫލް ހިންގުމުގެ ހުއްދަ މަހުމާ އަބްދުއްރަޝީދަށް ދިނީ މާދަމާއަކީ މި އަހަރުގެ ކިޔެވުން ފަށާ ދުވަސް ކަމަށްވުމުން އެ ސްކޫލް މިހާރު ހިންގަމުން ދަނީ މަހުމާ އަބްދުއްރަޝީދު ކަމަށްވާތީ ކަމަށެވެ.
އަމިއްލަ ސްކޫލެއްގެ ގޮތުގައި "ކެންގަރޫކިޑްސް އަމީރު އަހުމަދު ޕްރީސްކޫލް" ރަޖިސްޓްރީ ކޮށްދިނުމަށާއި އެ ނަމުގައި އަމީރު އަހުމަދު ސްކޫލް ހިންގުމަށް މަހުމާ އަބްދުއްރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅުންހުރި ވަރަށް މުހިއްމު ލިޔުމެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި އެ ލިޔެކިޔުންތައް ދިރާސާކޮށް ގޮތެއް ނިންމަންދެން، ވަގުތީ ގޮތުން އެ ސްކޫލް ހިންގުމުގެ ހުއްދަ ޝަރުތުތަކަކާއެކު މަހުމާ އަބްދުއްރަޝީދަށް ދޭ ކަމަށެވެ.
"މި ދެވުނު ވަގުތީ ހުއްދައަކީ 'ކެންގަރޫ ކިޑްސް އަމީރު އަހުމަދު ޕްރީސްކޫލް'ގެ ނަމުގައި ސްކޫލެއް ރަޖިސްޓްރީ ކުރުމަށް ދެވުނު ހުއްދައެއް ނޫން ކަމަށާއި އަދި 'ކެންގަރޫ ކިޑްސް ޕްރީ ސްކޫލް' މަދަރަސަތުލް އަމީރު އަހުމަދު ބަދަލު ކުރުމަށް ދެވުނު ހުއްދައެއް ނޫންކަން ވެސް ފާހަގަކޮށް އެވާހަކަ ދަންނަވަމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީގައިވެ އެވެ.
ޕްރީ ސްކޫލް ދަރިވަރުންނާއި ސާނަވީ ދަރިވަރުންނާ އެކު ހިންގަމުންދާ އަމީރު އަހުމަދު ސްކޫލް ހިންގުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައިލެންޑަސް ގުރޫޕާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރީ ސްކޫލްތައް ޕްރައިވެޓައިޒް ކުރުމާ ދެކޮޅު ހަދައި ދައުލަތުން ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރި އެވެ. ދައުލަތުން ސިޓީ ކައުންސިލާއި ދެކޮޅަށް ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރުނެ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ޕްރީ ސްކޫލްތައް ޕްރަވަޓައިޒް ކުރުމާއި ގުޅޭ އެއްވެސް މަސައްކަތެއް ނުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އެހެން ނަމަވެސް ދިރާސީ އާ އަހަރު ކިޔެވުން މާދަމާ ފަށަން ހަމަޖެހިފައި ވާތީ ދައުލަތުން ސިޓީ ކައުންސިލްގެ މައްޗަށް ކުރާ ދައުވާ އަށް ގޮތެއް ނިމިފައި ނުވާތީ އައިލެންޑާސް ގުރޫޕުން ވަނީ އެޑިއުކޭޝަންގެ މައްޗަށް އިއްޔެ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ ކުންފުނިން ސިވިލް ކޯޓުގައި އެދިފައި ވަނީ ދައުލަތުން ސިޓީ ކައުންސިލްގެ މައްޗަށް ކުރާ ދައުވާ އަށް ގޮތެއް ނިމެންދެން ވަގުތީ ގޮތުން އެ ސްކޫލް ހިންގުމުގެ ހުއްދައަކަށް އެދޭ ކަމަށެވެ.