13 Jan 2013, 17:20
މިހާރު އޮތްގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލް ފާސްކޮށް، އެ ބިލް ގާނޫނަކަށް ވުމުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރުންގެ އަދަދު 5000 އަށް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މަހުލޫފް މިއަދު ވިދާޅުވީ 62 މެންބަރުން ވޯޓުދެއްވައިގެން ސިޔާސީ ޕާޓީތަކުގެ ބިލް ފާސްކުރުމުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމަކީ ރަނގަޅަށް ނިންމެވި ނިންމެވުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިނަމަ ވޯޓު ދެއްވާނީ އެ ބިލަށް ބަދަލެއް ނުގެނެސް ފާސް ކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މަސްރަހު އޮތްގޮތަށް ބަލާއިރު އެ ބިލް އޮތް ގޮތަށް ފާސްވެގެން ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި އެގޮތަށް ފާސްވެ އެ ބިލް ގާނޫނަކަށް ވުމުން ކުރިން ނިންމިގޮތަށް 5000 މެންބަރުން ހަމަވާ ޕާޓީތައް ނުއުވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށާއި ނަމަވެސް އެ އިސްލާހަށް ޕީޕީއެމްގެ މެންބަރުންގެ ތާއީދު ލިބޭނެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
"ދަންނަވަންތޯ 62 ވޯޓަކީ ލައްކަ ވޯޓު ރައްޔިތުންގެ މަޖިލީހަކަށް ބަލާފައި. މިހާރު މިއޮތް ހާލަތަށް ބަލާއިރު އަޅުގަނޑަށް ގަބޫލު ކުރެވެނީ މަޖިލީސް އޮންނަ ފުރަތަމަ ދުވަހު ސިޔާސީ ޕާޓީތަކުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފަ އަނބުރާ ފޮނުވާލައްވާނޭކަމަށް. އޭގެ މާނައަކީ 39 ވޯޓުން ފާސްވީމަ ތަސްދީގުވީ. އެހެންވީމަ ދެން އިސްލާހު ހުށަހެޅޭނީ. އިސްލާހު ހުށަހެޅީމަ އަޅުގަނޑަށް ތަންކޮޅެއް ގަބޫލުކުރަން ދައްޗޭ ޕީޕީއެމްގެ މެންބަރުން އެއަށް ތާއީދު ކުރުމާ ދޭތެރޭގަ. އާދެ އަޅުގަނޑު މިހިރީ އަދިވެސް އެ އިސްލާހު ހުށަހަޅާ ގޮތަށް،" މަހުލޫފް ވިދާޅުވި އެވެ.
އިއްޔެ އޭނާ ބޭއްވި ނިވްސްކޮންފަރެންސްގައި ޕީޕީއެމްއާ ބައިވެރި ނުވެއްޖެނަމަ ރައީސް ވަހީދު އުޅުއްވަން ޖެހޭނީ ގޭގައި ކަމަށް ވިދާޅުވީ އިންޒާރެއް ދިނުމުގެ ގޮތުން ނޫން ކަމަށާއި ނަމަވެސް އޭގެ މާނައޮޅޭ ގޮތަށް ބައެއް މިޑިއާތަކުން ޚަބަރު ފަތުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވެސް ރައީސް ވަހީދަށް ވެރިކަމުގައި އެ ހުރެވެނީ ޕީޕީއެމްގެ ތާއީދާއި އެކު ކަމަށާއި މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ރައީސް ވަހީދު ވެރިކަމުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕީޕީއެމް އިން ކުރާނެ ކަމަށެވެ.