މީގެ ދެ އަހަރު ކުރިން ވެރިކަމުން ދުރުކުރި މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް އަލުން ޝަރީއަތްކޮށްގެން ބެލުމަށް އެ ގައުމުގެ ކޯޓަކުން މިއަދު ނިންމައިފި އެވެ.

މުބާރަކް އާއި އޭނާގެ ކުރީގެ އިންޓީރިޔާ މިނިސްޓަރު ހަބީބު އަލް-އަދްލީގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އެދި ދައުވާ ލިބޭފަރާތުން ހުށަހެޅުމުން ކޯޓުން ވަނީ އެކަން ގަބޫލުކޮށް އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމް އަލުން އަނބުރާ ގެންދިއުމަށް ނިންމައިފަ އެވެ.

"ދައުވާ ލިބޭފަރާތުން އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމަށް ކޯޓުން ނިންމައިފި. އަދި ކޯޓުގެ އަމުރުގައި ވަނީ އެ މައްސަލަ އަލުން ބެލުމަށް،" އެ ކޯޓުގެ ފަނޑިޔާރު އަހްމަދު އަލީ އަބްދުލް ރަހްމާން ކޯޓުގެ އަމުރު އިއްވަމުން އާދިއްތަ ދުވަހު ވިދާޅުވި ކަމަށް އަލްޖާޒީރާގައި ލިޔެފައިވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ރައީސް މުބާރަކާއި ހަބީބު އަލް-އަދްލީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މުބާރަކުގެ ސަރުކާރު ވައްޓާލުމަށް މިސްރުގެ އޭރުގެ އިދިކޮޅު ފަފާތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާތައް މައިތިރި ކުރުމަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވުމާ ގުޅިގެން ނެވެ.

ޖަލުގައި ހުންނަވަނިކޮށް ވެއްޓުމުގެ ސަބަބުން އަރިކަށިފުޅަށް ލިބިވަޑައިގެންނެވި އަނިޔާއަކަށް ފަރުވާދިނުމަށް ހުސްވި ޑިސެމްބަރު މަހުގެ ފަހުކޮޅުގައި 84 އަހަރު ފުޅުގެ މުބާރަކު ވަނީ ޖަލުން މިލިޓަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

މުބާރަކުގެ އިސްތިއުނާފު ގަބޫލުކުރިކަށް ކޯޓުން އިއުލާނުކުރުމާ ގުޅިގެން އޭނާ އަށް ސަޕޯޓުކުރާ އެތައް ބަޔަކު ވަނީ ކޯޓުކައިރީގައި އުފާ ފާޅުކޮށްފަ އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ރައީސް ހުސްނީ މުބާރަކުގެ އިސްތިއުނާފު ކޯޓުން ގަބޫލުކޮށްފައި މިވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ތުހުމަތުތަކެއްކޮށް އޭނާ ހައްޔަރުކުރުމުގެ އާ އަމުރަކަށް އޭނާގެ މައްޗަށް ދައުވާ ކުރާ ފަރާތުން އެދިފައި ވަނިކޮށެވެ.