މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ ޕީޕީއެމްގެ ކޮންގްރެސްގައި ވާދަކޮށް ބަލިވެއްޖެނަމަ އެކަން ގަބޫލްކޮށް މޮޅުވާ ބައެއްގެ ފަހަތުގައި މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމްގެ "ޔަގީން" ޓީމުން މިއަދު ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި ވާދަކުރާ ފަރާތްތައް ވަނީ ދެ ބަކަށް ބެހިފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ އުމަރު ނަސީރުގެ ކެމްޕެއިން ޓީމާއި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ނިސްބަތްވާ "ޔަގީން" ޓީމެވެ.

"ޔަގީން" ޓީމުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން މއ. ސުރާމަންޒިލް ގެ ފުރަތަ ފަންގި ފިލާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ވެސް ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ޕީޕީއެމް ފަދަ ބޮޑު ޕާޓީ އަކުން ފުރަތަމަ ފަހަރައް ބާއްވާ އެފަދަ ބޮޑު އިންތިޚާބެއްގައި ޑިމޮކްރެސީގެ ރިވެތި އުސޫލުގެ ތެރެއިން ވާދަވެރިންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވޭނެ ކަމަށެވެ.

ނަމަވެސް އޭގެ މާނައަކީ ޕާޓީ ތެރޭގައި މައްސަލަ ޖެހި "އަދާވާތްތެރިވުން" ނޫން ކަމަށް މަހްލޫފް ވިދާޅުވި އެވެ. ޑީއާރުޕީގެ ތެރޭގައި އުފެދުނު ފަދަ ދެބަސްވުންތައް އުފެދި އެ ޕާޓީއަށް ދިމާވި ފަދަ ދެރަ ގޮތެއް ޕީޕީއެމް އަށް ކުރިމަތި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕާޓީގައި އެބަތިބި ތިރީސް ހާހަށްވުރެ ގިނަ މެމްބަރުން. އެހެންވީމަ އެ މެމްބަރުން ނިންމާ ނިންމުމަކާއި އެއްގޮތައް އަބަދުވެސް ޕާޓީ ދަތުރު ކުރާނި. އަސްލު އަޅުގަނޑުމެންގެ މެމްބަރުންގެ އެންމެ ބޮޑު ކޮންސާން އަކަށް ވާނީ ޑީއާރުޕީއަށް ވީގޮތް މިޕާޓީ އަށް ވެދާނެ ބާއޭ. ޑީއާރުޕީއަށް ވީ ގޮތަކަށް އިރާދަ ކުރެއްވިއްޔާ ޔަގީން މި ޕާޓީއަކަށް ނުވާނެ،" މަހުލޫފު ވިދާޅުވި އެވެ.

އުމަރު ނަސީރުގެ ކެމްޕެއިން ޓީމް ކަމަށްވާ "ޓީމް އުމަރު" ގެ ކެމްޕެއިން ހަރަކާތް މިހާރު ފަށާފައިވާއިރު އޭނާ އާ ވާދަ ކުރައްވާ އަބްދުﷲ ޔާމިންގެ "ޔަގީން" ޓީމުން ފުރަތަ ބާއްވާ އެ ޓީމުގެ ކެމްޕެއިން ޖަލްސާ އޮންނާނީ މާދަމާރޭ 20:30 ގައި ދަރުބާރު ގޭގައެވެ. އެ ޓީމުން ބުނީ މާދަމާ ރޭގެ ޖަލްސާގައި ޓީމުން ނެރޭ ކެނޑިޑޭޓުން ތައާރަފު ކުރުން ވެސް އޮންނާނެ ކަމަށެވެ. އަދި މާދަމާ ރޭގެ ޖަލްސާގައި ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ވެސް ފެނިގެންދާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.